ޚަބަރު

އުތުރުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ފުލުހުންގެ ވެހިކަލްތަކެއް / ފޮޓޯ:ދެން އިމޭޖްސް

އުތުރުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

Ads by STELCO

މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ (ނ.،ރ.،ބ.، އަދި ޅ.) އަތޮޅު ހިމެނޭ ސަރަަހައްދުގެ ރަށެއްގައި އިތުބާރުކުރެވޭ މަގާމެއްގައި ހުރި ދެ މީހަކު މިދިޔަ އަހަރާއި އޭގެ ދެ އަހަރު ކުރިން 18 އަހަރު ނުފުރޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް މިދިޔަ މަހުގެ 20 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.

ނަމަވެސް އެ މައްސަލައިގައި އަދި މީހަކު ހައްޔަރުނުކުރާ ކަމަށާއި އެ މައްސަަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުން އެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތު ކުރެވެނީ ކުއްޖާގެ ދޮން ބައްޕަ އާއި ކުއްޖާގެ މަންމަ ފަރާތު ބޮޑު ދައިތަގެ ފިރިމީހާއަށެވެ.

އަދި އެ މައްސަލަ ފޮރުވަން އާއިލާ ތެރެއިން މަސައްކަތްކޮށްފައިވާ ކަމަށްވެސް ތުހުމަތު ކުރެވެ އެވެ.

ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ވަރަށް ބޮޑެވެ. އަދި އެފަދަ މައްސަލަތަކުގައި ދޭތެރެ ދޭތެރެއިން މީހުން ހައްޔަރުކޮށް ހުކުމްވެސް ކުރެ އެވެ.

ނޯޓު: ޖިންސީ ސީރިޔަސް ކުށްތަކުގެ ހާދިސާ ހިނގިތަނާއި ވަނަވަރާ ހާމަ ކުރުމަކީ ގާނޫނުގައި މަނާކަމަކަށްވާތީ ތަފްސީލުުތައް ނުހިމަނަމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!