ވިޔަފާރި

ހައްޖާޖީން ގައުމީ އެއާލައިންގައި ހައްޖުގެ އަޅުކަމަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރާއްޖެއިން ހައްޖުގެ އަޅުކަމަށްދާ ހައްޖާޖީންނަށް ގައުމީ އެއާލައިން މޯލްޑިވިއަންގެ މަތިންދާ ބޯޓުގައި މައްކާއަށް ދެވޭ އިންތިޒާމުތައް ހަމަޖައްސަން މޯލްޑިވިއަން އާއި ހައްޖު ކޯޕަރޭޝަނާއާ ދެމެދު މިއަދު ސޮއިކޮށްފި އެވެ.

Ads by STELCO

އިސްލާމިކް މިނިސްޓްރީގެ ހޯލުގައި ކުރިޔަށްދިޔަ ސޮއިކުރުމުގެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދާއި، މޯލްޑިވިއަން އަދި ހައްޖު ކޯޕަރޭޝަންގެ އިސްވެރިން ބައިވެެރިވެ ވަޑައިގެންނެވި އެވެ.

އެ އެއްބަސްވުމުގައި ހައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލެވެ. އަދި މޯލްޑިވިއަންގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް އިޔާސް އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ގައުމީ އެއާލައިންގެ ފްލައިޓެއްގައި ހައްޖުގެ އަޅުކަަމަށް ދިއުމަކީ ދިވެހިން ދެކެމުން އައި ހުވަފެނެއް ކަމަށާއި، މިއަދު އެކަން ހާސިލުވެގެން ދިޔައީ ސަރުކާރުން ގެންގުޅެމުން އަންނަ ދުރުވިސްނުންތަކުގެ ސަބަބުން ކަމަށެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަމަށް މޯލްޑިވިއަންގައި 500 ހައްޖާޖީން ދަތުރުކުރާނެ އެވެ. މިއީ ރާއްޖެއަށް ސައުދީން ކަނޑައަޅާފައިވާ ހައްޖު ކޯޓާގެ 50 އިންސައްތައެވެ.

ހައްޖު ކޯޕަރޭޝަންގެ އެމްޑީ ޝަކީލް ވިދާޅުވީ، މޯލްޑިވިއަންއިން ހައްޖުވެރިން އުފުލަން ފެށުމުން ހައްޖުގެ ދަތުރުތަކަށް ކުރަމުން އަންނަ ހަރަދުން 3.4 މިލިޔަން ރުފިޔާ ސަލާމަތް ވެގެންދާނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި 100 ޕަސެންޓް ހައްޖުވެރިން މޯލްޑިވިއަންގައި ދަތުރު ކުރުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން މިއަދު މޯލްޑިވިއަންއާއެކު ވެވުނު އެއްބަސްވުމަކީ ޙައްޖަށްދާ ފަރާތަކުން ދައްކާ ފައިސާ މަދު ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއަށް އިތުރުވި ބޮޅެއް ކަމަށް އެމްޑީ ސިފަ ކުރި އެވެ.

މޯލްޑިވިއަންގެ އެމްޑީ އިބްރާހީމް އިޔާސް ވިދާޅުވީ އެ އެއާލައިންގައި ހައްޖުވެރިން އުފުލަން ލިބުމަކީ ކުންފުންޏަށް ލިބުނު ބޮޑު ޝަރަފެއް އަދި އުފަލެއް ކަަމަށެވެ. އަދި އެ ފުރުސަތު ފަހިވެގެން ދިޔައީ މޯލްޑިވިއަން އިން ދުރު މަންޒިލިތަކަށް ދަތުރުކުރަން ފެށުމުގެ ސަބަބުންކަން އެމްޑީ ފާހަގަކުރެއްވި އެވެ.

ރާއްޖެއިން ހައްޖާޖީން މައްކާއަށް ކޮންމެ އަހަރަކު ވެސް ދަނީ ބޭރު އެއާލައިންގެ ފްލައިޓްތައް ޗާޓަރުކޮށްގެނެވެ. މިއީ ގައުމީ އެއާލައިނެއްގައި ދިވެހި ހައްޖުވެރިން ހައްޖަށް ދާނެ ފުރަތަމަ އަހަރެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!