މިނިސްޓަރު ޝަހީމް އިމާމުވެ ތަރާވީސް ކުރައްވާނީ ހުޅުމާލެ ރަޝީދު މިސްކިތުގައި

ކުރިއަށް އޮތް ރޯދަ މަހު ހުޅުމާލޭގެ ފޭސް އެކެއްގައި ހުންނަ ރަޝީދު މިސްކިތުގައި އިސްލާމިކް މިނިސްޓާރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިމާމުވެ ތަރާވީސް ކުރައްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އެ މިސްކިތުގައި އިމާމުވެ ތަރާވީސް ކުރައްވާނެކަން މިނިސްޓަރު ހާމަކުރެއްވީ މިއަދު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގަ އެވެ،
ރޯދަ މަސް ފެށެން ކުޑަތަންވެފައިވާ އިރު އިސްލާމީ މަރުކަޒުގައި އިމާމުވެ ތަރާވީސް ކުރާނެ ބޭފުޅުން ވެސް އިސްލާމިކް މިނިސްޓްރީން ވަނީ އިއުލާންކޮށްފަ އެވެ.
އެގޮތުން ހަ ބޭފުޅުން އިސްލާމީ މަރުކަޒުގައި އިމާމުވެ ތަރާވީސް ކުރައްވާއިރު އޭގެ ތެރޭގައި ޒުވާން ހަތަރު ހާފިޒުންވެސް ހިމެނެ އެވެ.

އިސްލާމިކް މިނިސްޓަރު އިމާމުވެ ތަރާވީސް ކުރައްވާ ރަޝީދު މިސްކިތް--
ރޯދަ މަހާ ދިމާކޮށް ދީނީ ގިނަ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދަން އިސްލާމިކް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ;
- ރަމަޟާން މަހަށް މަރުހަބާ ކިޔަން ބޮޑު ދަރުހެއް ބާއްވާނެ
- މާލޭގައި އަށް އިހުޔާ ފޯރަމް އަދި ހަތް އަތޮޅެއްގައި ވެސް އިހުޔާ ފޯރަމް ކުރިއަށް ގެންދާނެ
- ރަމަޟާން މަހަށް ހާއްސަ ވޯކްޝޮޕްއެއް ކުރިއަށް ގެންދާނެ
- ރަމަޟާން މަހުގެ ކޮންމެ ދުވަހަކު އަސުރު ނަމާދަށްފަހު މާލެ ސަރަހައްދުގައި ދަރުސް ދޭނެ
