Monday, 2 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ވިޔަފާރީގައި ރުފިޔާ އާއި ރުޕީސް ބޭނުންކުރަން ލަންކާގެ ހުށަހެޅުމެއް

ވިޔަފާރީގައި ރުފިޔާ އާއި ރުޕީސް ބޭނުންކުރަން ލަންކާގެ ހުށަހެޅުމެއް

ރާއްޖެ އާއި ސްރީލަންކާއާ ދެމެދު ވިޔަފާރީގެ މުއާމަލާތުގައި ދިވެހި ރުފިޔާ އާއި ލަންކާގެ ރުފީސް ބޭނުންކުރުމަށް، ސްރީލަންކާއިން ދިވެހި ސަރުކާރަށް މިއަދު ހުށަހަޅައިފި އެވެ.

ރަސްމީ ދަތުރެއްގައި މި ވަގުތު ސްރީލަންކާގައި ހުންނެވި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވަނީ އެގައުމުގެ ފޮރިން މިނިސްޓަރު ވިޖިތަ ހެރަތުއާ ބައްދަލުކުރައްވާފަ އެވެ.

އެ ބައްދަލުވުމުގައި ދެ ގައުމުގެ ފޮރިން މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

Advertisement
Ooredoo — Truecaller (box)

ރާއްޖެ-ލަންކާ ދެމެދު ކުރިއަށް ދިޔަ މަޝްވަރާތަކާ ގުޅޭ ގޮތުން ލަންކާގެ ފޮރިން މިނިސްޓްރީން ނެރުނު ސްޓޭޓްމެންޓެއްގައި ބުނީ، ލަންކާގެ ރައްޔިތުންނަށް ރާއްޖެއިން ވަޒީފާގެ ފުރުސަތުތައް ފުޅާކުރުމާ ގުޅޭ ގޮތުން ވިޖިތައާ، ހަލީލްއާ މަޝްވަރާކޮށްފައިވާ ކަމަށެވެ.

https://twitter.com/MoFAmv/status/1892155043056640205

އެ ބައްދަލުވުމުގައި މިނިސްޓަރު ވިޖިތަ، ހަލީލް އަށް ހުށަހެޅުއްވީ ދެގައުމުގެ ދެމެދު ބޯޑަރު ހުރަސްކޮށް ކުރެވޭ މުއާމަލާތުގައި ދެ ގައުމުވެސް ފައިސާ ބޭނުންކުރެވޭ ގޮތް ހެދުމަށެވެ.

<strong>"ދެ ގައުމުގެ ދެމެދުގައި ރުފިޔާ އާއި ރުޕީސް ބޭނުންކުރުމަށް ހުށަހެޅިން, އޭގެ ސަބަބުން ރާއްޖޭގައި ތިބި ލަންކާގެ މަސައްކަތްތެރިންނަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ"</strong> ވިޖިތައާ ހަވާލާދީ ލަންކާ ފޮރިން މިނިސްޓްރީން ނެރުނު ސްޓޭޓުމެންޓުގައި ބުންޏެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ ދެ ގައުމުގެ ދެމެދު ގިނަ ކަންތައްތަކާ ގުޅޭ ގޮތުން ފުޅާކޮށް މަޝްވަރާތައް ކޮށްފައިވާ ކަމަށެވެ.

ރަސްމީ ދަތުރެއްގައި ރާއްޖެ ވަޑައިގަތުމުގެ ދައުވަތު ލަންކާގެ ފޮރިން މިނިސްޓަރަށް ހަލީލް ވަނީ ދެއްވާފަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް