ގޮނޑި ގެއްލޭ ހަމަ ބަދަލުކުރުން ކޯޓުން މާނަކޮށްދޭން ޖެހޭ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ހަމަ ބަދަލުކުރުން ސުޕްރީމް ކޯޓުން މާނަކޮށްދޭން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިހަށް އިންތިހާބުވާ ޕާޓީން ވަކިކުރުމުން މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަަލަ ބަލަން ސުޕްރީމް ކޯޓުން އިއްޔެ ވަނީ ނިންމައިފަ އެވެ.
އެ މައްސަލައިގެ ތެެރެއަަށް އިިދިކޮޅު އެމްޑީޕީއާއި ޑިމޮކްރެޓްސް ޕާޓީއިން ވެސް ތަދައްހުލުވި ނަމަވެސް މިހާރު ޑިމޮކްރެޓްސްއިން ވަނީ އެ މައްސަލައިން ބޭރުވެފަ އެވެ.
އެ މައްސަލައަށް އިޝާރާތްކޮށް ރަސްމީ އެކައުންޓުން 'އެކްސް' ގައި ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ލަފާ ކުރެވިފައިވާ ގޮތުން ގާނޫނު އަސާސީ އިސްލާހުކުރުމުގެ ބާރު އޮތީ މަޖިލީސް އަށް ކަމަށެވެ. އަދި ގާނޫނު އަސާސީގެ ނަޒަރުގައި ގާނޫނު އަސާސީ ބަދަލުކުރާނަމަ ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭކަމަށް ވެސް އެމަނިކިފާނު ވިދާޅުވި އެވެ.
"އަދި ގާނޫނު އަސާސީ ބަދަލުކުރުމުގެ ބާރު އޮންނާނީ ސީދާ ރައްޔިތުންނަށް ކަމަށް" ރައިސް ނަޝީދު ވިދާޅުވި އެވެ.
"ސުވާލަކީ މެމްބަރުންގެ ގޮނޑި ގެއްލޭ ނަމަ އެއީ ބަދަލެއްތޯ ނުވަތަ އިސްލާހެއްތޯ؟ މިކަން މާނަކޮށްދިނުން ސުޕްރީމް ކޯޓަށް ވާޖިބު" ރައީސް ނަޝީދު އިތުރަށް ވިދާޅުވި އެވެ.
ރަސްމީ އެކައުންޓުން ކުރެއްވި ޕޯސްޓަށް ނުރަސްމީ އެކައުންޓުން ރިޕްލައި ދެއްވައި ނަޝީދު އުފެއްދެވީ ސުވާލަކީ، "މެންބަރުންގެ ގޮނޑި ގެއްލޭ ހަމަ ބަދަލުކުރުން އެއީ ބަދަލެއްތޯ ނުވަތަ އިސްލާހެއްތޯ" އެވެ.
"މިކަން މާނަކޮށްދިނުން އެއީ ސުޕްރީމް ކޯޓުގެ ވާޖިބެއް'' އެމަނިކުފާނު ވިދާޅުވި އެވެ.
ގާނޫނު އަސާސީއަށް ގެނައި އިސްލާހުތައް ބާތިލުކުރަން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލަން ނިންމި ނަމަވެސް ދައުލަތް ތަމްސީލުކުރާ އެޓާނީ ޖެނެރަލް އޮފީހުގެ ވަކީލުން އިއްޔެ ވަނީ އިޖުރާއީ ގޮތުން އެ މައްސަލައަކީ ސުޕްރީމް ކޯޓަށް ބެލުމުގެ އިހުތިސޯސް ލިބިގެންވާ މައްސަލައެއް ނޫން ކަމަށް ބުނެ އިޖުރާއީ އިއުތިރާޒެއް ހުށަހަޅާފަ އެވެ.
އިއްޔެ ކުރިއަށް ގެންދިޔަ މައްސަލައިގެ ބެންޗުގެ ރިޔާސަތު ބެލެެހެއްޓެވި އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން ވިދާޅުވީ ސުޕްރީމް ކޯޓުގެ އިހުތިސޯސާ މެދު ދައުލަތުން ހުށަހެޅި ނުކުތާއަށް ގޮތް ނިންމަވާނީ މުޅި މައްސަލަ ބެއްލެވުމަށް ފަހުގައި ކަމަށެވެ.
އެ މައްސަލައިގައި ޖަވާބުދާރީވާން ދައުލަތުގެ ވަކީލުން އިއްޔެ ވަނީ 10 ދުވަސް ދިނުމަށް ވެސް އެދިވަޑައިގެންފަ އެވެ.