ސިހުރުގެ ތުހުމަތުގައި ކުޅުދުއްފުށީގައި ބޮޑު އޮޕަރޭޝަނެއް

ހދ. ކުޅުދުއްފުށީގައި ސިހުރު ހަދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އާ ގުޅިގެން އެ ސިޓީގައި ހާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ދެން" އަށް މިއަދު ވިދާޅުވީ ކުޅުދުއްފުށީގައި ސިހުރު ހަދާ ކަމަށް ބެލެވޭ މައްސަލައިގައި އެ ރަށުގެ 10 ތަނެއް ބަލައި ފާސްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
ކުޅުދުއްފުށީގައި ފުލުހުންގެ އޮޕަރޭޝަނެއް ކުރިއަށް ގެންދާއިރު، ސިހުރުގެ މައްސަލަތަކާ ގުޅިގެން ހުސްވި މަހުގެ މެދު ތެރޭގައި ރ. އަތޮޅުގައި ހާއްސަ އޮޕަރޭޝަނެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެ އޮޕަރޭޝަނުގައި ރ. މީދޫ އާއި އެ އަތޮޅު އަލިފުށީގެ 12 ގެއެއް ބަލައި ފާސްކޮށްފައިވެ އެވެ.
އެ ދެ ރަށުގައި ސިހުރު ހަދާ ކަމުގެ ތުހުމަތުގައި ގެތަކެއް ބަލައިފާސްކުރިއިރު، ޑިސެމްބަރު މަހުގެ ކުރީކޮޅު ހއ. ކެލާގައި ވެސް ފުލުހުންގެ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވެ އެވެ. އެ މައްސަލަ އާ ގުޅިގެން ބަޔަކު ހައްޔަރު ވެސް ކުރި އެވެ.