ބޮޑެތި ޖޫރިމަނާތަކާއެކު ކާބޯތަކެތި އިޝްތިހާރުކުރުމާ ގުޅޭ ހަރުކަށި ގަވައިދެއް

ބޮޑެތި ޖޫރިމަނާތަކާއެކު ކާބޯތަކެތި އިޝްތިހާރުކުރުމާ ގުޅޭ ހަރުކަށި ގަވައިދެއް ރާއްޖޭގެ ފުޑް އެންޑް އޮތޯރިޓީން އެކުލަވާލައިފި އެވެ.
އެމްއެފްޑީއޭއިން މިއަދު ވަނީ "ކާބޯތަކެތި އިޝްތިހާރު ކުރުމުގެ ގަވައިދު" ގެ ނަމުގައި ހެދި އާ ގަވައިދު ގެޒެޓްކޮށް އަމަލުކުރަން ފަށައިފަ އެވެ.
އެ ގަވައިދުގައި ބުނެފައިވާ ގޮތުން އެއްވެސް ބާވަތެއްގެ ކާބޯއެއްޗެއް އިޝްތިހާރުކުރެވޭނީ އެމްއެފްޑީއޭއަށް ހުށަހަޅައި އެ އޮތޯރިޓީން ފާސްކޮށްގެން ނެވެ.
ގަވައިދުގައި ބުނެފައިވާ ގޮތުން
- އިޝްތިހާރަށް ހުއްދަ ދޭނީ ތިން އަހަރަށް
- އިޝްތިހާރަށް ހުއްދަ ދިން މުއްދަތު ހަމަވުމުން އަލުން ހުއްދަ އާ ކުރަން ޖެހޭނެ
- ފާސްކުރި އިޝްތިހާރަށް އެއްވެސް ބަދަލެއް ގެނެސްފިނަމަ އަލުން ހުއްދައަށް އެދެން ޖެހޭނެ
- ދިވެހި ނޫނީ އިނގިރޭސިބަހުން ނޫނީ އިޝްތިހާރު ނުކުރެވޭނެ
- ބުއްފުޅިއާއި ބުއްފުޅި ތުން ފަދަ ތަކެތި އިޝްތިހާރުކުރުން މަނާވާނެ
- އިޝްތިހާރުތަކުގައި އެހެން ބާވަތްތަކާ އަޅާ ކިއުން މަނާވާނެ
- އެނާޖީ ޑްރިންކްއަކީ ގެއްލުންހުރި އެއްޗެއްކަން އިޝްތިހާރުގައި ބުނެދޭން ޖެހޭނެ
އާ ގަވައިދުގައި ވަނީ އިޝްތިހާރުުތައް ގަވައިދާ ހިލާފަށްކޮށްފިނަމަ ބޮޑެތި ޖޫރިމަނާތަކެއް ވެސް ހިމަނައިފަ އެވެ. އެ ގޮތުން ގަވައިދާ ހިލާފުވާ ފުރަތަމަ ފަހަރު 10,000 ރުފިޔާއިން އަދި ދެވަނަ ފަހަރު އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރެވޭނެކަމަށް ގަވައިދުގައި ބުނެފައި ވެއެވެ.
އަދި ތިންވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ ތިން ލައްކަ ރުފިޔާއިން އަދި ތިން ފަހަރަށް ވުރެ ގިނަ ފަހަރު ކުށް ތަކުރާރުވާނަމަ ކޮންމެ ފަހަރަކު 500,000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ.