އުރީދޫ ގޭމިން ފެސްޓިވަލް ދެ އަހަރުން އެއް އަހަރު ބާއްވަނީ

އުރީދޫ މޯލްޑިވްސްއިން ކުރިއަށްގެންދާ ނޭޝަން އަލްޓިމޭޓް ގޭމިން ފެސްޓިވަލް ދެ އަހަރުން އެއް އަހަރު ބޭއްވުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހާލިދު އަލް ހަމާދީ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އެންމެ ބޮޑު ގޭމިން ފެސްޓިވަލް "އުރީދޫ ނޭޝަން ގޭމާސް ލޭންޑް 2025" ނިންމުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކައިގައި ހާލިދު ވިދާޅުވީ ގޭމަރުންގެ ޖޯޝާއި ފޯރިއަކީ އީ-ސްޕޯޓްސް ވިޔަފާރިތަކުގެ ކުރިއެރުން ކަމަށެވެ.
ހާލިދު ވިދާޅުވީ އުރީދޫ ނޭޝަންއިން ރާއްޖޭގައި އީ-ސްޕޯޓްސްގެ މުސްތަގުބަލަށް ބާރުދީ ކުރިއެރުވުމަށް ޓަކައި ގިނަ މަސައްކަތްތަކެއް ކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ކޮންމެ ދެ އަހަރުން އެއް އަހަރު ގޭމިން ފެސްޓިވަލް އުރީދޫ ނެޓްވޯކްގެ ތެރެއިން ފެށިގެންދާނެކަން ފާހަގަކުރެއްވި އެވެ.
"ކުރިއަށް އޮތް ތަނުގައި ގޭމިން ފެސްޓިވަލް ބޭއްވޭނީ ކޮންމެ ދެ އަހަރަކުން އެއް އަހަރު. އެހެންވީމަ ގޭމަރުން އަބަދުވެސް ތައްޔާރަށް ތިބެންވީ،"
މާލޭ އުސްފަސްގަނޑު ސަރަހައްދުގައި ރޭ ކުރިޔަށްދިޔަ ފެސްޓިވަލް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިއު އެވެ.

އަލްޓިމޭޓް ޕްލެޔާ ހޯދި ހައިޝަމް / ފޮޓޯ:އުރީދޫ
ފެސްޓިވަލުގައި ވައިބްރަންޓް ކޮސްޕްލޭ ސެގްމެންޓެއް ކުރިއަށް ގެންދިޔައިރު، ހުނަރުވެރި ބައިވެރިން ވަނީ އައިކޮނިކް ގޭމިން އާއި އެނިމޭ ކެރެކްޓާތައް ދިރުވައި އެ މީހުންގެ އުފެއްދުންތެރިކަން ދައްކާލާފަ އެވެ. އެންމެ މޮޅު ކޮސްޕްލޭޔަރުން ފާހަގަކޮށް، އެ ޕްލޭޔަރުންނަށް އެވޯޑު ދީފައިވާއިރު، ގިނަ ކުޅިވަރުތަކަކުން ވަނަތަކަށް ހޮވުނު ފަރާތްތަކަށް ފައިސާގެ އިނާމު ވެސް ހަވާލުކޮށްފައިވެ އެވެ.
އަލްޓިމޭޓް ޕްލެޔާއަށް 6 މީހަކު ވާދަކޮށްފައިވާއިރު، ވާދަވެރި ކުޅުމެއް ދައްކައި އެ މަގާމު ހޯދާފައިވަނީ ހައިޝަމް ވަހީދެވެ. އޭނާ ވަނީ 30،000 ރުފިޔާ އާއި ތައްޓަކާ އެކު އެންމެ މޮޅު ކުޅުންތެރިޔާގެ ލަގަބު ހާސިލުކޮށްފަ އެވެ.
ރަސްމިއްޔާތުގައި މިނިސްޓަރު ރާފިއު ވަނީ އުރީދޫ ނޭޝަންއިން ރާއްޖޭގައި އީސްޕޯޓްސް އަދި ގޭމިން ސަގާފަތް ކުރިއެރުވުމުގައި އަދާކުރާ ދައުރަށް ތައުރީފުކުރައްވާފަ އެވެ.
"ގޭމިން އަދި އީސްޕޯޓްސްއަކީ މިހާރު ދުނިޔޭގެ މުނިފޫހިފިލުވުމާއި ޑިޖިޓަލް އާ އީޖާދުތަކުގެ މުހިންމު ބައެއް ކަމުގައި ވެފައިވޭ. ގޭމާސް ލޭންޑް ފަދަ ހަރަކާތްތަކުން އަޅުގަނޑުމެންގެ ހުނަރުވެރި ގޭމަރުންނަށް މަންސައެއް ފޯރުކޮށްދިނުމުގެ އިތުރުން، ދިވެހިރާއްޖޭގައި މި ސިނާއަތް ކުރިއެރުވުމަށް ވެސް އެހީތެރިވެދޭ،"
އުރީދޫން ވަނީ އުރީދޫ ނޭޝަން މެދުވެރިކޮށް ގޭމިން ކޮމިއުނިޓީ ބާރުވެރިކުރުވުމަށް ކުރާ މަސައްކަތް ދެމެހެއްޓުމަށް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަންދީފަ އެވެ. އަދި ޑިޖިޓަލް ޒަމާނުގައި ކުޅުންތެރިންނަށް ވާދަކުރުމާއި ގުޅުން ބަދަހިކުރުމާއި ކުރިއެރުމުގެ ފުރުސަތުތައް ފޯރުކޮށްދިނުމަށް މަސައްކަތްކުރާނެކަން ފާހަގަކުރި އެވެ.
އުރީދޫން ބުނީ ގޭމާސް ލޭންޑްގެ ކާމިޔާބީ އާއެކު ރާއްޖޭގައި ގޭމިންގެ މަގުބޫލުކަން އިތުރުވަމުންދާނެ ކަމަށެވެ. އަދި އެ ކުންފުނިން މުސްތަގުބަލުގައި މިފަދަ އިތުރު ހަރަކާތްތައް ބޭއްވުމަށް މަސައްކަތްކުރާނެ ކަމަށެވެ.
