ސަމީރު ވަކިކޮށް، ރައީސްގެ މެންބަރެއްގެ ގޮތުގައި ޖޭއެސްސީ އަށް ޔަޒްމީދު

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައީސް ކަނޑައަޅުއްވާ މެންބަރެއްގެ ހައިސިއްޔަތުން ޔަޒްމީދު މުހައްމަދު، މިއަދު އައްޔަން ކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ ގއ.ވިލިނގިލި، ވައިޖެހޭގެ, ޔަޒްމީދު އެ މަގާމަށް އައްޔަންކުރެއްވީ ކުރިން ރައީސްގެ މެންބަރެއްގެ ގޮތުގައި ހުންނެވި މުހައްމަދު ސަމީރު ވަކިކުރެއްވުމަށް ފަހު ކަމަށެވެ.
ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ ކަމުގެ މަގާމު ފުރުއްވި ސަމީރު އެ މަގާމަށް އައްޔަންކުރީ ނޮވެމްބަރު 23، 2023 ގަ އެވެ.
ޖޭއެސްސީގެ މެންބަރުކަމަށް އައްޔަން ކުރެއްވުމުގެ ކުރިން، ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ޔަޒްމީދު ވަނީ ރައީސް މުއިއްޒު ކުރިފުޅުމަތީގައި ކުރައްވާފަ އެވެ. ޔަޒްމީދަށް ހުވައިލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ މުހައްމަދު އިބްރާހީމެވެ.
ރައީސްގެ މެންބަރެއްގެ ގޮތުގައި އައްޔަންކުރެއްވި ޔަޒްމީދު ވަނީ މީގެ ކުރިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރުކަންވެސް ކުރައްވާފަ އެވެ.
މަޖިލީސް އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ވިލިނިގިލި ދާއިރާއަށްވެސް އޭނާ ވާދަކުރެއްވި އެވެ. އެކަމަކު ކުރިމަތިއްލައްވަން ޖެހިވަޑައިގަތީ ނާކާމިޔާބީއާ އެވެ.
އެ ދާއިރާގެ ގޮނޑި ކާމިޔާބުކުރީ އަމިއްލަ ގޮތުން ކުރިމަތިލެއްވި އާޒިމް އަބްދުލް އަޒީޒް އެވެ. އެކަމަކު މެންބަރުކަމުގެ ހުވާކުރުމުގެ ކުރިން އޭނާ ވަނީ ސަރުކާރު ހިންގާ ޕީއެންސީއާ ގުޅިވަޑައިގެންފަ އެވެ.