އެޗްއާރުސީއެމުން މިރޭ ބުނީ މިދިޔަ މަހު ޒަކިއްޔާ މައްސަލަ ބަލަން ފެށި ކަމަށް

ނ. ހޮޅުދޫ މާރަނގަ ޒަކިއްޔާ މޫސާ މަރުވެފައި އޮއްވާ ފެނުނުތާ ފަސް މަސް ފަހުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މައްސަލަ ބަލާ ކަމަށް ރޭ ދަންވަރު ބަޔާނެއް ނެރުމަށް ފަހު ދެންމެގެ ވަގުތެއްގައި މާ ކުރިން ވެސް މައްސަލަ ބަލާ ކަމަށް ބުނެ އިތުރު ބަޔާނެއް ނެރެެފި އެވެ.
އެޗްއާރުސީއެމުން ބުނީ އެ މަރުގެ ތަހުގީގާ ގުޅޭ ގޮތުން ޒަކިއްޔާގެ އާއިލާގެ ފަރާތުން ކޮމިޝަނަށް ކަންބޮޑުވުންތަކެއް ހިއްސާ ކުރީ މިދިޔަ ޖެނުއަރީ މަހު ކަމަށެވެ. އޭރުން ފެށިގެން އެ މައްސަލަ ބަލަމުންދާ ކަމަށް އެ ކޮމިޝަނުން މިރޭ ބުންޏެވެ.
"މި މައްސަލައާ ގުޅިގެން ކަމާ ގުޅުން ހުރި އިދާރާތަކުން އަމަލުކޮށްފައިވާ ގޮތް ކޮމިޝަނުން ބެލުމަށް މި މައްސަލައިގެ ތަހުގީގު ވަނީ މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ފަށާފަ އެވެ." އެޗްއާރުސީއެމުން މީޑިއާތަކަށް ފޮނުވި ލިޔުމުގައިވެ އެވެ. މި ލިޔުން ވަނީ އެކްސްގައި ވެސް ޕޯސްޓްކޮށްފަ އެވެ.
އެ ކޮމިޝަނުން ބުނީ މިހާރު ކުރަމުންދާ މަސައްކަތަކީ ފުލުހުން ދިން މައުލޫމާތުތައް ދިރާސާ ކުރުން ކަމަށެވެ.
ހޮޅުދޫގެ ގިނަ ބަޔަކު ދެނީ ޒަކިއްޔާ މަރާލާފައިވާ ކަމަށެވެ. މަރާލި ކަމަށް ރަށު މީހުން ގަބޫލު ކުރާ ސަބަބަކީ ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނު ގުދަނުގެ ތެރޭގައި ވަޅިއެއް އޮތުމުންނާއި ފެނުނު ވަޅީގައި ޒަކިއްޔާގެ ލޭ ހުރުމުންނެވެ. ޒަކިއްޔާ ފެނުނު އިރު އޭނާގެ ކަރުގައި ވަޅި އަޅާފައިވާ ކަމަށް ފުލުހުން ވެސް ބުނެފައިވެ އެވެ.
އެހެން ނަމަވެސް މަރާލި ކަމުގެ ހެއްކެއް އަދި ނުފެންނަ ކަމަށް ފުލުހުން މިދިޔަ ޑިސެމްބަރު މަހު ބޭއްވި ޕްރެސް ކޮންފެރެންސްގައި ބުންޏެވެ. ނަމަވެސް މަރާލި ކަމެއް އަދި މަރުވީ ކަމަށް ނިންމައި ތަހުގީގު ފައިލްކުރާ ކަމަށް އޭރު ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން ބުނި ގޮތުގައި ޒަކިއްޔާއަށް އިތުރު މީހެއްގެ ފުށުން ލިބޭ ޒާތުގެ އަނިޔާއެއް ވެސް އޭނާގެ ހަށިގަނޑު ބެލި ބެލުމުން ފެނިފައި ނުވެ އެވެ.