ރޯދައާ ދިމާކޮށް ކާބޯތަކެތި ވިއްކާ ތަންތަނުގެ ބޮޑު އިންސްޕެކްޝަނެއް ފަށައިފި

މި ފެށޭ ރޯދަ މަހާ ދިމާކޮށް ފިހާރަތަކާއި މާރުކޭޓުތަކުން ވިއްކާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ބޮޑު އިންސްޕެޝަނެއް ފަށައިފި އެވެ.
ހެލްތް މިނިސްޓްރީން ބުނީ އެ މިނިސްޓްރީއާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ގުޅިގެން ފެށި އިންސްޕެކްޝަންގެ މައިގަނޑު މަގްސަދަކީ ކާބޯތަކެތީގެ ރައްކާތެރިކާތެރިކަމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ މިންގަނޑުތަކާ އެއްގޮތަށް ވިއްކާ، ގުދަންކޮށް އަދި އެތަންތަނުގައި ގެންގުޅޭ ކާބޯތަކެއްޗަކީ ސިއްހީ ގޮތުން ރައްކާތެރި ކާބޯތަކެތިކަން ކަށަވަރު ކުރުން ކަމަށެވެ.
މާލެ ސަރަހައްދާއި އަތޮޅުތަކުގައި އެ އިންސްޕެކްޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދު 09:00 އިން ފެށިގެން ހަވީރު 16:00 އަށެވެ.
އިންސްޕެކްޝަންގެ ތެރެއިން ފިހާރަތަކާއި މާރުކޭޓްތައް ޕެސްޓްކޮންޓްރޯލް ކުރެވިފައިވޭތޯ ބެލުމާއި، ކާބޯތަކެތި ބަހައްޓާފައި ހުންނަ ރެކް، ޝެލްފް އައިސްއަލަމާރީގައި ކާބޯތަކެތި ބަހައްޓާފައި ހުންނަގޮތާއި، ވަކި ފިނިހޫނުމިނެއްގައި ބެހެއްޓުމަށް ލޭބަލްގައި އިރުޝާދު ދިފައިވާ ތަކެތި ބަހައްޓަނީ އެ އިރުޝާދާއި އެއްގޮތަށްތޯ ބެލުން ހިމެނެ އެވެ. އަދި މުއްދަތު ހަމަވެފައިވާ ކާބޯތަކެތި ހުރިތޯ ބެލުމުގެ އިތުރުން ކާބޯތަކެތި ބަންދުކޮށް، ލޭބަލްކޮށް ގުދަން ކޮށްފައިވަނީ ރައްކާތެރިކޮށްތޯ ބެލުންވެސް އިންސްޕެކްޝަނުގައި ހިމެނެ އެވެ.
ކާބޯތަކެތި ރައްކާތެރިކުރުމުގެ ގާނޫނު ރައީސް މިދިޔަ އަހަރު މެއި މަހުގެ 23 ވަނަ ދުވަހު ތަސްދީގުކުރެއްވި ނަމަވެސް ގާނޫނަށް އަމަލުކުރުމަށް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 23 ވަނަ ދުވަހު އެވެ.
މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު އެމްއެފްޑީއޭ އިން ރާއްޖޭގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓައި ގިނަ މަސައްކަތެއް ދަނީ ކުރަމުންނެވެ.
އެމްއެފްޑީއޭ އިން މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ގޮތުން ކުރެވޭ މަސައްކަތުގެ ތެރޭގައި ކާބޯތަކެތީގެ ހިދުމަތްދޭ ހުރިހާ ތަނެއް މި ގާނޫނުގެ ދަށުން ރަޖިސްޓްރީކޮށް ވަކި އުސޫލެއްގެ ތެރެއިން ހިދުމަތްދިނުމަށް ކަނޑައެޅިފައިވެ އެވެ. އަދި ކާބޯތަކެތި އުފައްދާ، ވިއްކާ ފަރާތްތަކަށް ކާބޯތަކެތީގެ ރައްކާތެރިކަމަށް އަހުލުވެރި ކުރުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޕްރޮގްރާމްތައް އެމްއެފްޑީއޭ އިން ކުރިއަށް ގެންދެ އެވެ.