އަހަރެންނަށް ކުށެއް ކުރެވިއްޖެނަމަ ބުނާނީ އަހަރެންގެ ގާތުގައެވެ. އެހެނީ އެކުށް ރަނގަޅު ކުރެވޭނީ ވެސް ހަމަ އަހަރެންނަށެވެ.
މިއީ އަހަރެންގެ ހުރިޙާ އެކުވެރިންގެ ގާތުގައި ބުނެލަން ބޭނުންވާ ވާހަކައެކެވެ. ހަމަ ކޮންމެ އެކުވެރިއަކަށްމެ އެނގެންޖެހޭ ވާހަކައެކެވެ. އަދި އަހަރެންގެ އެކުވެރިއެއް ނޫން ނަމަވެސް އަހަރެންގެ ގާތްތިމާގެ މީހެއް ނަމަވެސް އެމީހަކަށް އެނގެން ޖެހޭ ވާހަކައެކެެވެ. މީގެ ކުރިން ނުދެއްކިފައި އޮތް ވާހަކައަކަށްވެސް ވެދާނެއެވެ. ނަމަވެސް މި ވާހަކަ މިއަދު ދައްކަން މިވަނީ މަޖުބޫރުވެފައެވެ.
އެއްވެސް މީހަކީ ފުރިހަމަ މީހެއް ނޫންކަން އަހަރެން ގަބޫލު ކުރަމެވެ. ކޮންމެ އިންސާނަކަށްވެސް ކުށެއް ކުރެވިދާނެއެވެ. ދިރިއުޅުމުގެ ކޮންމެވެސް ހިސާބެއްގައި "މިސްޓޭކް" ތަކެއް ހެދިދާނެއެވެ. އެއީ އިންސާނާގެ ތަބީއަތްކަމުގައި ވާތީއެވެ. ކުށްކުރުމަކީ ކޮންމެ އިންސާނަކުވެސް ދިރިއުޅުމުގައި ކުރާނެ ކަމަކަށްވާތީއެވެ. ނުވަތަ ނޭނގުމެއްގެ ތެރޭގައި ކުރެވޭނެ ކަމަކަށް ވާނެތީއެވެ.
އަހަރެންނަށްވެސް ދިރިއުޅުމުގައި އެކަމެއް ކުރެވުމުން އެކަމ،ާ ދެރަވެ ހިތާމަ ކުރާ އެތައް ކަމެއް ކުރެވިފައި އެބަހުއްޓެވެ. އެކަމެއްގެ ނުކުރެވުނު ނަމައޭ ހިތަށް އަރާ އެތައް ކަމެއް އެބަހުއްޓެވެ. އެކަން އަހަންނަށް މި ކުރެވުނީ އެންމެ ރަނގަޅަކަށް ނޫނޭ ހިތަށް އަރާ ފަހަރު ވެސް އާދެއެވެ. ނަމަވެސް ނަމައެއްގައި ކެކޭނެ ރިހައެއް ނޯއްނާނެ ނޫންހެއްޔެވެ. ވެނިމިފައިވާ ކަމެއް ބަދަލެއްވެސް ނުވާނެ ނޫންހެއްޔެވެ.
އަހަރެންނަށް ކުށެއް ކުރެވުމުން ނުވަތަ އަހަރެންގެ ކިބައިން ތިބާ ހިތްހަމަ ނުޖެހޭ ކަމެއް ފެނުމުން ތިބާ އެވާހަކަތައް ގޮސް އަނެކުންގެ ގާތުގައި ނުދައްކާށެވެ. އަނެކުންގެ ގާތުގައި އަހަރެން ނެތިނުބައިކޮށް ވާހަކަ ދެއްކުމުން ގެއްލުންވާނީ އަހަންނަކަށް ނޫނެެވެ. ދީނުގައި ނަހީކުރައްވާފައިވާ ކަމެއް ކޮށް ފާފަތަކެއް ބޮލުގައި އެޅޭ މީހަކަށް ތިބާވެސް ވެދާނެއެވެ. އެމީހުންގެ ގާތުގައި އަހަރެންގެ މައްސަލަތަކާއި އަހަންނަށް ކުރެވޭ ކުށްތަކުގެ ވާހަކަ ދައްކައިގެން ވާނީ ކޮން ފައިދާއެއް ބާވައެވެ.
އަަހަރެންގެ ނުބައި ވާހަކަ އެހެން މީހުންގެ ގާތުގައި ދެއްކުމުން ވާނެ ގޮތަކީ ކޮބާކަން އެނގޭ ހެއްޔެވެ؟ ތިބާ ގޮސް އަހަރެންގެ ގޯސް ވާހަކަތައް ދައްކާ މީހާ އަހަރެން ދެކެ ރުޅި އަންނަން ފަށައެވެ. އަދި އޭނާވެސް ގޮސް އެތައް ބައެއްގެ ގާތުގައި އެވާހަކަތައް ދައްކައެވެ. ނަތީޖާއަކަށްވަނީ އަހަރެން ގިނަބައެެއްގެ މެދުގައި ތިބާ ވާހަކަދެއްކި ފަދައިން "ކަޑަ" މީހެއްގެ ގޮތުގައި ލޭބަލް ވުމެވެ. އަހަަރެންނަކީ ވިޔާނުދާ މީހެއްގެ ގޮތުގައި ގިނަ ބަޔަކު ދެކުމެވެ. އަހަރެންނަށް ގިނަ ބައެެއްގެ ނަފުރަތު ލިބެން ފެށުމެވެ.
އެކުވެރިޔާއެެވެ. އަހަރެންނަށް ކުށެއް ކުރެވިއްޖެނަމަ ނުވަތަ ތިބާ ހިތްހަމަ ނުޖެހޭ ސިފައެއް އަހަރެންގެ ގައިގައި ހުރި ނަމަ އެވާހަކައެއް އަަހަރެންގެ ގާތުގައި ބުނާށެވެ. އެހެނީ ތިބާ އެވާހަކަތައް ގޮސް އެހެން މީހެއްގެ ގާތުގައި ދައްކާ ނަމަ އެކަމެއް ރަނގަޅެއް ނުވާނެއެވެ.ތިބާއަކީ އަހަންނަށް ހެޔޮއެދޭ މީހަކަށް ވާނަމަ ތިބާ ބޭނުން ވާނީ އަހަރެންގެ އެ ސިފައެއް ބަދަލު ކުރާށެވެ. ނަމަވެސް ތިބާ އެހެން މީހުންގެ ގާތުގައި އެވާހަކަތައް ދައްކާނަމަ ތިބާގެ މަގުސަދަކަށް ތިވަނީ އަހަންނާމެދު ގިނަ ބައެއްގެ ހިތުގައި ނަފްރަތު އުފެދުމެވެ.
އަހަރެންނަށް ކުށެެއް ކުރެވުމުން އަހަރެންގެ ގާތުގައި ބުނެބަލާށެވެ. އެހެން މީހުންގެ ގާތުގައި އެވާހަކަތައް ދައްކާ އިސްތިހާރު ނުކުރާށެވެ. އެހެނީ އެކަންތައްތައް ރަނގަޅު ކުރެވޭނީ ހަމަ އަހަރެންނަށެވެ.