ފަނޑިޔާރުން ވަކިކުރާ ބިލާ ޕީއެންސީގެ ގިނަ މެންބަރުން ދެކޮޅު

ރާއްޖޭގެ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުގެ ބެންޗުގައި ތިބޭ ފަނޑިޔާރުންގެ އަދަދު 5 އަށް މަދުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ސަރުކާރު ހިންގާ ޕީއެންސީގެ ގިނަ މެންބަރުން ދެކޮޅުކަން އެނގިއްޖެ އެވެ.
އެ ބިލުގެ ފުރަތަމަ ކިޔުން މިއަދު އިއްވާފައިވާއިރު، ބިލު ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދު (ސަޓޯ) އެވެ. އަބްދުއްސައްތާރު، ބިލު ހުށަހެޅުއްވީ އަމިއްލަ ހައިސިއްޔަތުންނެވެ.
އެ ބިލާ ގުޅިގެން މިއަދު މެންދުރު 13:00 ޖެހިއިރު ޕީއެންސީ ޕާލަމެންޓަރީ ގްރޫޕުގެ ބައްދަލުވެއް ބާއްވާފައިވެ އެވެ.
ޕީއެންސީގެ ސީނިއާ މެންބަރަކު "ދެން" އޮންލައިން އަށް ވިދާޅުވީ ބައްދަލުވުމުގައި ބިލާ ދެކޮޅަށް ފާޅުގައި ބައެއް މެންބަރުން ވާހަަކަ ދެއްކެވި ކަމަށެވެ.
އޭނާ ވިދާޅުވީ ބައްދަލުވުމުގައި، ދެކޮޅަށް ވާހަކަ ނުދައްކާ މެންބަރުންވެސް މަޖިލީހުގެ ކުޑަދޮށުގައި އެ އިސްލާހާ ދެކޮޅުކަން ހާމަކޮށްފައިވާ ކަމަށެވެ.
"އެކަމަކު މަޖިލީހުގެ ތަޅުމުގައި ދެކޮޅަށް ވާހަކަ ދައްކަން ގިނަ މެންބަރުން ފަސްޖެހޭ" އޭނާ ވިދާޅުވި އެވެ.
ޕީޖީ ގްރޫޕު ބައްދަލުވުމުގައި ފާޅުގައި ބިލާ ދެކޮޅަށް ވާހަކަ ދެއްކި މެންބަރުންގެ ތެރޭގައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން، މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އަދި ދާންދޫ ދާއިރާގެ މެންބަރު މުހައްމަދު ފަޒީލުގެ އިތުރުން ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސެއިން ޝަރީފް އެވެ.
"އެއް މެންބަރަކު ތަކުރާރު ވިދާޅުވީ އެ އިސްލާހަށް ވޯޓު ނުދެއްވާނެ ކަމަށް" ނަން ހާމަނުކުރަން ޝަރުތުކޮށް މައުލޫމާތު ދިން މެންބަރު ވިދާޅުވި އެވެ.
"ފަނޑިޔާރުން ބަދަލުކުރަން ތާއިދުކުރަން، އެކަމަކު މިގޮތަށް އެކަން ކުރަން ބޭނުމެއް ނޫން" އޭނާ ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަކީ ޝަރީއަތަށް އަތްބޭނުން ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މިހާރު ސުޕްރީމް ކޯޓުގެ ބެންޗުގައި 7 ފަނޑިޔާރުން ތިއްބަވަ އެވެ.
މެންބަރު ސައްތާރު ކޯޓުތަކުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 އަށް ބަދަލުކުރުމަށެވެ.
އުނިކުރަން ޖެހޭ ދެ ފަނޑިޔާރުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކަނޑައެޅުމަށް ފަހު ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖެހޭނެ ކަމަށް ވެސް ބިލުގައިވެ އެވެ.
ބިލު ގާނޫނަކަށްވެ ގާނޫނަށް އަމަލުކުރަން ފަށާތާ 5 ދުވަސް ތެރޭގައި ޖޭއެސްސީން މަޖިލީހަށް ފޮނުވަން ޖެހޭނެ ކަމަށް ބިލުގައިވެ އެވެ. މަޖިލީހަށް އެ ހުށަހެޅުން ލިބޭތާ 7 ދުވަސް ތެރޭގައި ވަކިކުރުމާ މެދު މަޖިލީހުން ގޮތެއް ނިންމަން ޖެހޭނެ އެވެ.
މި ބިލު ހުށަހެޅިފައި މި ވަނީ، ސިޔާސީ ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް މަޖިލީހުން މި ފަހުން ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލްކުރުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައި، އެ މައްސަލަ ކުރިއަށް ގެންދަން އެ ކޯޓުން ނިންމާފައި ވަނިކޮށެވެ.
މިހާރު ވެރިކަންކުރާ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުގެ ނިންމުމަކާ ދެކޮޅަށް ހުށަހަޅާފައިވާ އެ މައްސަލަ ސުޕްރީމް ކޯޓުގައި ބައްލަވަނީ 7 ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.
ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރަން ހުށަހެޅިއިރު ބައެއް ފަނޑިޔާރުންގެ ވަކިކުރަން ސަރުކާރުން މަސައްކަތްކުރާ ކަމަށް އަޑު ފެތުރިފައި ވަނިކޮށެވެ. ސަރުކާރުން އޭރު ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.
ސުޕްރީމް ކޯޓު އެންމެ ފުރަތަމަ އެކުލަވާލިއިރު ވެސް ފަނޑިޔާރުންގެ އަދަދަކީ ހަތެކެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ޕީޕީއެމްގެ މެޖޯރިޓީ އޮތް މަޖިލީހުން އެ އަދަދު ފަހަކަށް ތިރިކޮށް އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިނާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވަކިކުރި އެވެ.
މި ފަހަރު ވެސް މަޖިލީހަށް ހުށަހަޅާފައިވަނީ އެފަދަ ބިލެކެވެ.
މިހާރު އޮތް ގޮތަށް އަނެއްކާ ވެސް 7 ފަނޑިޔާރުންނަށް ބަދަލުކުރީ، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އޭރު އެމަނިކުފާނު ނިސްބަތްވާ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުންނެވެ. އޭގެ ފަހުގައި އޭރު ސުޕްރީމް ކޯޓުގައި ތިއްބެވި ހުރިހާ ފަނޑިޔާރުންގެ މައްސަލަ ބަލައި ވަކިކުރަން ޖޭއެސްސީން ނިންމައި މަޖިލީހަށް ފޮނުވައިގެން ވަކިކުރި އެވެ.
މިހާރު ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުންނަކީ އޭރުގެ މަޖިލީހުން ރުހުން ދީ، އައްޔަންކޮށްފައިވާ ފަނޑިޔާރުންނެވެ.