ނުތަނަވަސްކަމެއްގެ ތެރޭގައި އޮތް ހޮޅުދޫއަށް މިނިސްޓަރު އިހްސާނާއި ސީޕީ ވަޑައިގަންނަވަނީ

މިދިޔަ ސެޕްޓެމްބަރު މަހު ނ. ހޮޅުދޫގައި މަރުވެފައި އޮއްވައި ފެނުނު އެ ރަށު، މާރަނގަ، ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގައި އުފެދިފައިވާ ނުތަނަވަސް ކަމަށް ހައްލު ހޯދައިދިނުމަށް ރަށުގެ ރައްޔިތުންނާ ބައްދަލުކުރަން ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓަރު އަލީ އިހްސާނާއި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އެ ރަށަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ހޮޅުދޫ ރައްޔިތުން ބުނާ ގޮތުން ނަމަ ބަޔަކު ޒަކިއްޔާ މަރާލީ އެވެ. އެކަމުގައި ޒަކިއްޔާ އާ ގުޅުންހުރި ބައެއް މީހުން ހިމެނޭ ކަމަށް ބުނެ ތުހުމަތުތަކެއް ވެސް ކުރެ އެވެ. އެ ކަންބޮޑުވުންތައް ހިފައިގެން ރަށު ރައްޔިތުން މިދިޔަ ދެތިން ދުވަހު ރަށުގެ ޕޮލިސް ސްޓޭޝަނާއި ރަށު ކައުންސިލު އިދާރާ ސަރަހައްދަށް އެއްވެ އިހުތިޖާޖު ކުރި އެވެ. އެ މީހުން ގޮވާލަމުން ދަނީ ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކުރުމަށެވެ.
ހޮޅުދޫ ދާއިރާގެ ކޮންގްރެސް ޕާޓީ މެމްބަރު އަބްދުއްސައްތާރު މުހައްމަދު (ސަޓޯ) މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޒަކިއްޔާގެ މަރުގެ މައްސަލައިގައި ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ދެއްވުމަށް ރައްޔިތުންނާ ބައްދަލުކުރުމަށް ހޯމްލޭންޑް މިނިސްޓަރު އިހްސާނާއި ސީޕީ ޝުޖާއު ވަރަށް އަވަހަށް އެ ރަށަށް ވަޑައިގަންނަވާނެ ކަމަށެވެ.
"ދެން" އަށް މައުލޫމާތު ލިބިފައިވާ ގޮތުން ހޯމްލޭންޑް މިނިސްޓަރާއި ޕޮލިސް ކޮމިޝަނަރު ހޮޅުދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު އެވެ.
ޒަކިއްޔާގެ މަރަށް އިންސާފު ހޯދައި ދިނުމަށް ދާއިރާގެ މެމްބަރުގެ ހައިސިއްޔަތުން ސަޓޯ އެކަށީގެންވާ މަސައްކަތް ނުކުރާ ކަމަށް އިހުތިޖާޖުކުރާ މީހުން ތުހުމަތުކުރެ އެވެ.
ކުރެވޭ ތުހުމަތުތަކާ ގުޅޭގޮތުން ސުވާލު ކުރުމުން އެ ވާހަކަ ދިފާއުކޮށް ސަޓޯ "ދެން" އަށް މިދިޔަ އާދިއްތަ ދުވަހު ވިދާޅުވެފައި ވަނީ "އެއީ ރަނގަޅު ތުހުމަތެއް ނޫން" ކަމަށެވެ.
ވިދާޅުވެފައިވާ ގޮތުގައި ޒަކިއްޔާގެ މަރުގެ މައްސަލަ އާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހޯމްލޭންޑް މިނިސްޓަރު އިހްސާނާއި އާއި ޕޮލިސް ކޮމިޝަނަރު ޝުޖާއު އާ ބައްދަލުކޮށް ހިއްސާކޮށްފައިވާނެ ކަމުގަ އެވެ.
"މައްސަލަ އާ ގުޅިގެން ހޮޅުދޫ ރައްޔިތުންގެ ތެރެއިން ބައްދަލުކުރަން އެދުނު ދެ ފަހަރަކު ބައްދަލު ކޮށްފައިވާނެ،" ސަޓޯ ވިދާޅުވި އެވެ.
އަދި އޭގެ އިތުރުން މައްސަލަ އާ ގުޅިގެން ހޮޅުދޫ ރައްޔިތުންގެ ތެރެއިން ބައްދަލުކުރަން އެދުނު ފަރާތްތަކާ އެކު މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާ ބައްދަލު ކޮށްފައިވާނެކަން ވެސް ފާހަގަކުރެއްވި އެވެ.
"އެމްޕީއެއްގެ ހައިސއްޔަތުން ޕޮލިހަށް ސިޓީ ވެސް ފޮނުވިން. ތަހުގީގު އަވަސްކޮށް ދިނުމަށާއި ރައްޔިތުންގެ ކަންބޮޑުވުން އޮތްކަން ސިޓީގައި ބަޔާން ކޮށްފައިވާނެ،" އޭނާ ވިދާޅުވެފައި ވަނީ ރައްޔިތުން ބޭނުންވާ ގޮތުގެ މަތިން އެ މައްސަލަ މަޖިލިހަށް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށެވެ.
ޒަކިއްޔާގެ މަރުގެ މައްސަލަ މަޖިލިހަށް ހުށަހަޅަން ތައްޔާރުވަމުންދާއިރު، އެ މަރަށް 5 މަހަށް ވުރެ ގިނަ ދުވަސްވި ފަހުން އެޗްއާރްސީއެމް އާއި އެންއައިސީން ވަނީ އެކަން ބަލަން ފަށާފަ އެވެ. މައްސަލަ ބަލަމުންދާ ކަމަށް އެ ދެ ކޮމިޝަނުން ވެސް ބުނެފައި މިވަނީ ކުރިމަތިވި ފާޑުކިޔުންތަކާ އެކުގަ އެވެ.
އެޗްއާރްސީއެމުން ކުރި ޕޯސްޓެއްގައި ބުނީ މައްސަލަ އާ ގުޅުންހުރި މައުލޫމާތާއި ގުޅުންހުރި ލިޔެކިޔުންތައް ފުލުހުންގެ ފަރާތުން ހޯދައި ލިބިފައިވާ މައުލޫމާތުތައް ދިރާސާ ކުރަމުންދާ ކަމަށެވެ.
އެޗްއާރުސީއެމުން އެހެން ބުނިތާ މާ ގިނައިރެއް ނުވަނީސް އެންއައިސީން ކުރި ޕޯސްޓެއްގައި ބުނީ ޒަކިއްޔާގެ މަރުގެ މައްސަލައިގެ ތަހުގީގުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތް ބަލަމުންދާ ކަމަށެވެ.