ޚަބަރު

ޒަކިއްޔާގެ އޮޓޮފްސީ ހެދި ނަމަ މި ހާލަތަށް ނުދިޔައީސް: އިހްސާން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ހޯމްލޭންޑް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އިހްސާން / ފޮޓޯ:ދެން އިމޭޖްސް

މިދިޔަ ސެޕްޓެމްބަރު މަހު ނ. ހޮޅުދޫގައި ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވައި ފެނުނު އެ ރަށު، މާރަނގަ، ޒަކިއްޔާ މޫސާގެ އޮޓޮޕްސީ ނަހަދަން ނިންމި ނިންމުމަކީ އެންމެ ރަނގަޅު ނިންމުމެއް ނޫން ކަމަށާއި އެކަން އެ ދުވަހު ކުރެވުނު ނަމަ މިއަދު މިހާލަތަށް ނައީސް ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.

Ads by STELCO

ހޮޅުދޫ ރައްޔިތުން ބުނާ ގޮތުން ނަމަ ބަޔަކު ޒަކިއްޔާ މަރާލީ އެވެ. އެކަމުގައި ޒަކިއްޔާ އާ ގުޅުންހުރި ބައެއް މީހުން ހިމެނޭ ކަމަށް ބުނެ ތުހުމަތުތަކެއް ވެސް ކުރެ އެވެ. އެ ކަންބޮޑުވުންތައް ހިފައިގެން ރަށު ރައްޔިތުން މިދިޔަ ދެތިން ދުވަހު ރަށުގެ ޕޮލިސް ސްޓޭޝަނާއި ރަށު ކައުންސިލު އިދާރާ ސަރަހައްދަށް އެއްވެ އިހުތިޖާޖު ކުރި އެވެ. އެ މީހުން ގޮވާލަމުން ދަނީ ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކުރުމަށެވެ.

ޒަކިއްޔާގެ މަރުގެ މައްސަލައިގައި އުފެދިފައިވާ ނުތަނަވަސް ކަމަށް ހައްލު ހޯދައިދިނުމަށް ރަށުގެ ރައްޔިތުންނާ ބައްދަލުކުރަން މިނިސްޓަރު އިހްސާނާއި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އެ ރަށަށް ވަޑައިގެންފައި ވަނީ އިއްޔެގެ ހަވީރެވެ.

ހޮޅުދޫގެ މުއައްސަސާތަކާއި ރައްޔިތުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަށް ރަށު ސްކޫލް، މޭނާ ސްކޫލުގެ އާ އިމާރާތުގައި ބޭއްވި ބައްދަލުވުމުގައި އާންމުންގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފަ އެވެ. މައްސަލަ އާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހޯމްލޭންޑް މިނިސްޓަރާއި ފުލުހުންގެ ވެރިންނަށް ވަނީ ހިއްސާކޮށްފަ އެވެ.

އާންމުންގެ ފަރާތުން ކަންބޮޑުވުން ފާޅުކޮށް ސުވާލު އުފެއްދި އެއް ކަމަކީ އެއް ދުވަސްވަރެއްގައި ދާދި ގާތުގައި މަރުގެ ހާދިސާތައް ހިނގިއިރު، އެ މަރުތަކާ ގުޅިގެން އޮޓޮޕްސީ ހެދިއިރު، ޒަކިއްޔާގެ މަރުގެ މައްސަލަ އާ ގުޅިގެން އެކަން އެގޮތަށް ނުކުރުމެވެ.

"ހަމައެކަނި ޕެތަލޮޖިސްޓެއްގެ ބަހަށް ރިއާޔަތްކޮށް ކީއްވެގެންތޯ ޒަކިއްޔާ. އެއީ އަޅުގަނޑުމެން ހިތުގައި އޮތް ވަރަށް ބޮޑު ސުވާލެއް. އެ ސުވާލުގެ ޖަވާބު އަސްލު އަޅުގަނޑުމެންނަކަށް އަދިވެސް ނުލިބޭ،" ޕެތަލޮޖިސްޓެއްގެ ބަހާއި ސީޓީ ސްކޭނަކަށް އެކަނި ރިއާޔަތްކޮށް މައްސަލައިގައި ގޮތް ނިންމީތީ ކަންބޮޑުވުން ފާޅުކޮށް އާންމުންގެ މީހަކު ސުވާލުކުރި އެވެ.

"ތިބޭފުޅުން ޕެތަލޮޖިސްޓެއް ކަމަށް ފަހަރެއްގައި އާންމުކޮށް ރިވިއުކުރާ ޕެތަލޮޖިސްޓެއްގެ ވާހަކައެއް ނޫން. އަޅުގަނޑަށް މައުލޫމާތު ލިބުނު ގޮތުގައި މި ދެކެވެނީކީ. އެއީ ފޮރެންސިކް، އެތައް މީގެކުރިން އޮޓޮފްސީއެއް ހަދާފައި ހުރި. އެހެންނަމަވެސް ރާއްޖޭގައި އެވަގުތު އެވެއިލަބަލްކޮށް ހުރި. އެހެން މަސައްކަތެއްގައި އައިސް ހުރި ބޭފުޅެއްގެ ވާހަކަ،" ތަކުރާރުކޮށް އާންމުން އުފެއްދި ސުވާލުގެ ޖަވާބުގައި ހޯމްލޭންޑް މިނިސްޓަރު ވިދާޅުވި އެވެ.

"އެހެންނަމަވެސް އަޅުގަނޑު ގަބޫލެއް ނުކުރަން އަޅުގަނޑުމެން އޮޓޮފްސީ މިހާތަނަށް ނެހެދި، އޭރު ނަހަދާ ދޫކޮށްލި ދޫކޮށްލުން އެއީ އެންމެ ރަނގަޅު ކަމެއް ކަމަކަށް. އަޅުގަނޑު ގަބޫލުކުރަނީ އެއީ އަޅުގަނޑުމެންނަށް ހެދުނު ގޯހެއް،" މައިގަނޑު ކަންބޮޑުވުމަށް ސީދާ ޖަވާބެއް ދެއްވާ އިހްސާން ވިދާޅުވި އެވެ.

ގާތްގާތުގައި މަރުގެ ހާދިސާތައް ހިނގިއިރު ޒަކިއްޔާގެ މައްސަލައިގައި އަމަލުކުރި ގޮތާ މެދު އޮތް ނުތަނަވަސްކަމާ ގުޅިގެން މިނިސްޓަރު ވިދާޅުވީ އެ ދުވަހު ނެގި ޑިސިޝަނަކީ ޓެކްނިކަލް ޑިސިޝަނެއް ކަމަށެވެ. އެކަން ކުރި ގޮތް އިތުރަށް ބެލުމަށްފަހު ހާމަކުރައްވާނެ ކަމަށެވެ.

"އަޅުގަނޑު ޕާސަނަލީ ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެން އެ ދުވަހު އޮޓޮފްސީއަކަށް ފޮނުވުނު ނަމަހީ އަޅުގަނޑުމެން މިއަދު މި ވާހަކައެއް ނުދައްކާނެ. އެއީ އެންމެ ރަނގަޅަށް ދިޔަ ކަމެއް ނޫން،" ކުރިން ދެއްކެވި ވާހަކަ އާ ގުޅުވާލައްވާ އިހްސާން ވިދާޅުވި އެވެ.

އާންމުންގެ ހުރި ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ފަހު އިހްސާން ވަނީ މިނިސްޓަރުގެ ހައިސިއްޔަތުން ހޮޅުދޫއަށް ވަޑައިގެންނެވުން ލަސްވި ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެ އެކަމަށް ރަށުގެ ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގެންފަ އެވެ.

"އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑަށް މިއަށް ވުރެ ކުރިން މި ރަށަށް އާދެވުނު ނަމަ ތިބޭފުޅުންނަށް ތަސައްލީއެއް ވެސް ލިބިދާނެ ކަމަށް މިއަށް ވުރެ،" މައްސަލަ އާ ގުޅިގެން ފުލުހުން ކުރާ މަސައްކަތްތައް މިހާތަނަށް ވެސް އައީ ބައްލަވަމުން ކަމަށާއި ނަމަވެސް އާންމުންގެ ހުރި ކަންބޮޑުވުންތައް ކަމާ ގުޅުންހުރި ފަރާތްތަކަށް އިއްވަން މަސައްކަތްކުރި އަޑުތަކަށް އިޖާބަ ދެވުނު ގޮތާ މެދު އޮތް ކަންބޮޑުވުން ފާޅުކުރައްވާ އިހްސާން ވިދާޅުވި އެވެ.

މީގެ ފަސް މަސް ދުވަސްކުރިން ޒަހަމްތަކަކާ އެކު މަރުވެފައި އޮތްވާ ފެނުނު ޒަކިއްޔާގެ މަރާ ގުޅިގެން މީހަކު މިހާތަނަށް ހައްޔަރުކޮށްފައި ނުވާތީ އާންމުން ނަފުސާނީ ބިރުވެރިކަމެއްގެ ތެރޭގައި ތިބިކަން ފާހަގަކުރި އެވެ.

"ހެޔޮ ނުވާނެ އޭ، މިތިބީ ސަލާމަތަށް އެދި އައިސް މިތާގައި ތިބި މީހުންނޭ. މިއީކީ ކޮންމެހެންނެއް ހަމަނުޖެހުމަކަށް، އެހެން ކަމަކަށް، އަމިއްލަ އެދުމަކަށް، ޒާތީވެގެން، މިއިން ކަމަށް އައިސް ތިބި މީހުނެއް ނޫނޭ. ނަފްސާނީވެގެން، ނަފުސާނީ ބަލިމަޑުކަމެއްގެ ތެރޭގައި ހަ މަސް ދުވަސް ހޭދަކޮށްފައި ތިބި މީހުންނޭ މި ތިބީ،" އާންމުންގެ މީހަކު ކަންބޮޑުވުމާ އެކު ފާހަގަކުރި އެވެ.

ދައުލަތުގެ އިދާރާތަކުން ލިބެން ޖެހޭ ހިދުމަތް ނުލިބި އޮތް ކަމުގެ ކަންބޮޑުވުމާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ އާންމުންނަށް ބޭނުންވާ ނަފުސާނީ އެހީތެރިކަން ފަދަ ކަންކަން ލަސްވެފައި އޮތް ކަން ގަބޫލުކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް މިއަށްވުރެ ރަނގަޅަށް، މިއަށް ވުރެ ފުރިހަމައަށް މިކަން ކުރެވެން ވާނެ ކަމަށް ވެސް އަޅުގަނޑު ގަބޫލުކުރަން،" ކަމާ ގުޅޭގޮތުން އެއް މިނިސްޓްރީ އާ ވާހަކަ ދައްކާފައި މައުލޫމާތު ހިއްސާކޮށްފައި ރަށަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.

ޒަކިއްޔާގެ މަރަށް 170 ދުވަސް ފާއިތުވެދިޔައިރު، ތަހުގީގު މިހާރު ގޮސްފައިވާ ހިސާބާ ގުޅޭގޮތުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން އިހްސާން ވިދާޅުވީ ތަހުގީގުގައި ބޭރުގެ ފަރާތްތަކުން ހޯދަން ޖެހޭ އެއް ރިޕޯޓު އަދި ލިބިފައިނުވާ ކަމަށެވެ. އެއީ މިހާތަނަށް ކުރެވުނު މަސައްކަތުން ރިވިއު ޓީމުގެ ފަރާތުން ހޯދަން އެދި ނުލިބިވާ ރިޕޯޓެއްކަން ފާހަގަކުރެއްވި އެވެ.

"އެ ރިޕޯޓު ލިބުމާ ހިސާބުން ފެށިގެން ދެން މިހާރު މިރޭ ތިބޭފުޅުން ތި ފާހަގަކުރެއްވި ކަންތައްތަކާއި މާދަމާ އަޅުގަނޑުމެންނަށް ވަކިން ބައްދަލުކުރައްވާ ބޭފުޅުންގެ ފަރާތުން ލިބޭ އިތުރު މައުލޫމާތެއްގެ އަލީގައި އިތުރު ކަމެއް ބަލަން ނުޖެހޭ ކަމަށް ވެއްޖިއްޔާ އަޅުގަނޑުމެންނަށް ތަހުގީގު އެ ހިސާބުން ނިންމާލެވޭނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ،" މިފަދަ މަރުގެ މައްސަލައެއްގައި ބަލަން ޖެހޭ ކަންކަން ހުރި ނަމަ އާންމުންނެކޭ އެއްގޮތަށް ފުލުހުން ވެސް މައްސަލަ އަވަހަށް ބަލައި ނިންމައި ދޫކޮށްލަން ބޭނުންނުވާކަން ފާހަގަކުރައްވާ އިހްސާން ވިދާޅުވި އެވެ.

މައްސަލަ އާ ގުޅިގެން ބަލަން ޖެހޭ ކަމެއް ނުބެލި ވަނިކޮށް، ތަހުގީގު އެއްކޮށް ދޫކޮށްނުލާނެ ކަމުގެ ޔަގީންކަން ދެއްވާ ވިދާޅުވި ގޮތުގައި ތަހުގީގަށް އިތުރަށް މައުލޫމާތެއް ލިބޭ ނަމަ އެކަމެއްގެ އަލީގައި އިތުރަށް ކަމެއް ކުރަން ޖެހޭ ނަމަ އެކަމެއް ވެސް ކުރާނެ ކަމުގަ އެވެ.

"ތިބޭފުޅުންނަށް ވެސް އަދި އަޅުގަނޑުމެންނަށް ވެސް ތަސައްލީއެއް ލިބޭ ވަރުގެ ތަހުގީގެއް އަޅުގަނޑުމެން ނިންމައިދޭނަން،" ބައްދަލުވުމުގައި ފަހު ބަހެއްގެ ގޮތުން އިހްސާން ވިދާޅުވި އެވެ.

ޒަކިއްޔާގެ މަރުގެ މައްސަލަ މަޖިލިހަށް ހުށަހަޅަން ތައްޔާރުވަމުންދާއިރު، އެ މަރަށް 5 މަހަށް ވުރެ ގިނަ ދުވަސްވި ފަހުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ވަނީ އެކަން ބަލަން ފަށާފަ އެވެ. މައްސަލަ ބަލަމުންދާ ކަމަށް އެ ދެ ކޮމިޝަނުން ވެސް ބުނެފައި ވަނީ އަމާޒުވި ގިނަ ފާޑުކިޔުންތަކާ އެކުގަ އެވެ.

އެޗްއާރްސީއެމުން ބުނެފައި ވަނީ މައްސަލަ އާ ގުޅުންހުރި މައުލޫމާތާއި ގުޅުންހުރި ލިޔެކިޔުންތައް ފުލުހުންގެ ފަރާތުން ހޯދައި ލިބިފައިވާ މައުލޫމާތުތައް ދިރާސާ ކުރަމުންދާ ކަމަށެވެ.

އެޗްއާރުސީއެމުން އެހެން ބުނިތާ މާ ގިނައިރެއް ނުވަނީސް އެންއައިސީން ބުނެފައިވާ ގޮތުގައި ޒަކިއްޔާގެ މަރުގެ މައްސަލައިގެ ތަހުގީގުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތް އެ ކޮމިޝަނުން ވެސް ބަލަމުންދާ ކަމުގަ އެވެ.