ޚަބަރު

ފާޑުކިޔުން އަމާޒުވުމުން މުއްތަލިބް ވިދާޅުވި ހައިދަރަށް ފްލެޓް ދިނީ ކުރީ ސަރުކާރުން ކަމަށް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ގެދޮރުވެރިކަމާއި ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު

ގެދޮރުވެރިޔާގެ ސްކީމުގެ ދަށުން 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓު މިއަދު އިއުލާންކުރި އިރު އެ ލިސްޓޫގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރާއި އަނބިކަނބަލުން ހިމެނުނު ގޮތް  ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބު ސާފުކޮށްދެއްވައިފި އެވެ.

ހަތަރު ހާސް ފްލެޓް ލިބޭ މީހުންގެ ލިސްޓު މިއަދު އާންމުކުރި އިރު ގިނަ ބަޔަކު ޝަރުތު ހަމަނުވާ ކަމަށް އޮތީ ކަނޑައަޅައިފަ އެވެ. ޝަރުތު ހަމަވަނީ އެންމެ 1820 މީހުން ކަނޑައަޅާފައި އޮތްއިރު ތިން ކޮޓަރީގެ ފްލެޓް ލިބޭ ލިސްޓުގައި ހައިދަރުގެ ދެމަފިރިން ނަން އޮތުމުން ބައެއް ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ.

އެހެންވެ ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބު މިރޭ އެކްސްގައި ވަނީ ހައިދަރުގެ ދެމަފިރިންނަށް ފްލެޓް ލިބުނު ގޮތް ސާފުކޮށްދެއްވާ އެކްސްގައި ޕޯސްޓެއް ކުރައްވައިފަ އެވެ.

މުއްތަލިބު ވިދާޅުވީ މިނިސްޓަރު ހައިދަރުގެ ދެ ކަނބަލުން ޖޮއިންޓް އެޕްލިކޭޝަނެއްގެ ގޮތުގައި ގެދޮރުވެރިޔާ ސްކީމަށް ހުށަހެޅި ފޯމަށް ކުރީގެ ސަރުކާރުން ޕޮއިންޓް ދިނުމަށްފަހު 15 ނޮވެންބަރު 2023 ގައި ނެރުނު ލިސްޓުގައި 75 ޕޮއިންޓް ލިބިގެން ފްލެޓްލިބޭ މީހުންގެ ލިސްޓްގައި އެފަރާތްތައް އޭރުވެސް ހިމެނިފައި އޮތް ކަމަށެވެ.

"އޭރު އެކުލަވާލާފައިވާ އުސޫލުގެ ދަށުން މާލެއަށް އުފަން މާލޭގެ ރަޖިސްޓްރީގައިވާ ފަރާތްތަކުގެ ޝަރުޠު ހަމަވާއިރު، އޭސީސީގެ އެންގުމަށް މިސަރުކާރުން ފޯމުތައް އަލުން ވެރިފައިކުރިއިރު، ވެރިފިކޭޝަންގެ ތެރެއިން ޝަރުޠު ހަމަނުވާ ނުވަތަ ޕޮއިންޓަށް ބަދަލު އަންނަ ފަދަ ކަމެއް ފާހަގަވެފައެއް ނުވޭ." މުއްތަލިބު ވިދާޅުވި އެވެ.

އެހެންކަމުން ކުރީގެ ސަރުކާރުން ނެރުނު ލިސްޓުގައި ލިބިފައިވާ ޕޮއިންޓަށް ބަދަލެއް ނައިސް މިއަދު ނެރުނު ލިސްޓުގައިވެސް ހައިދަރު ހިމެނިވަޑައިގަތީ ކަމަށް މުއްތަލިބު ވިދާޅުވި އެވެ.

ތިން ކޮޓަރީގެ ފްލެޓް ދީފައިވަނީ 75 ޕޮއިންްޓްއަށް ވުރެ މަތިން ލިބުނު ފަރާތްތަކަށެވެ. އެގޮތުން މި ކުރީ ސަރުކާރުން ނެރުނު ފްލެޓް ލިސްޓު އަލުން ވެރިފައިކޮށް ނިންމިއިރު 75  ޕޮއިންޓް ލިބިގެން ތިން ކޮޓަރީގެ ފްލެޓް ދޭން ކަނޑައެޅީ 1،423 ފަރާތަކަށެވެ.

އަދި ދެ ކޮޓަރީގެ ލިސްޓުގައި ހިމެނޭ 1،218 ފަރާތުގެ ތެރެއިން ޝަރުތު ހަމަވެ، 73 ޕޮއިންޓަށް ވުރެ މަތިން ޕޮއިންޓް ލިބި 397 ފަރާތަކަށް ފްލެޓް ދޭން ވަނީ ނިންމައިފަ އެވެ.