ޚަބަރު

ފަހު ދިހައެއްގައި ކުށުގެ ރެކޯޑު ސާފުކޮށްދޭނީ އޮންލައިންކޮށް: ޑީޖޭއޭ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ރޯދަ މަހުގެ ފަހު ދިހައެއްގައި ކުށުގެ ރެކޯޑު ސާފުކޮށްދިނުމުގެ ކަންކަން އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމައިފި އެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިއްޔެކުރި އިއުލާނެއްގައި ބުނީ ރޯދަ މަހު އެ އިދާރާއިން  ކުށުގެ ރެކޯޑު ސާފުކޮށްދިނުމުގެ ކަންކަން ކޮށްދޭނީ ރަސްމީ ދުވަސްތަކުގައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ފެށިގެން މެންދުރު 1:00 އަށް ކަމަށެވެ.

ނަމަވެސް ރޯދަ މަހުގެ ފަހު ދިހައިގެ ދުވަސްތަކަކީ ބަންދު ދުވަސްތަކެއް ކަމަށް ސަރުކާރުން ކަނޑައަޅާފައިވާތީ އެ އިދާރާ ވެސް ބަންދުވާނެ ކަމަށް ޑީޖޭއޭއިން ބުންޏެވެ. ނަަމަވެސް އެ ދުވަސްތަކުގައި ވެސް އޮންލައިންކޮށް އެ އިދާރާއަށް މެއިލްކޮށްގެން ކުށުގެ ރެކޯޑު ސާފުކުރަން އެދި ހުށަހެޅޭނެ ކަމަށެވެ.

"އަދި މި އަހަރުގެ ފިތުރު އީދާ ގުޅިގެން ސަރުކާރު ބަންދުވާ ދުވަސްތަކުގައި ރެކޯޑު ސާފުކޮށްދިނުމަށް ހުށަހަޅާ ފޯމުތަކަށް ރެކޯޑު ސާފުކޮށްދެވޭނީ، ފިތުރު އީދާ ގުޅިގެން އަންނަ ބަންދު ދުވަސްތައް ނިމި ސަރުކާރު ހުޅުވުމުންނެވެ،" ޑީޖޭއޭގެ އިއުލާނުގައި ބުނެފައިވެ އެވެ.

ޑީޖޭއޭއިން ސާފުކޮށް ދެނީ ރާއްޖޭގެ އެކި ކޯޓުތަކަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ކުށުގެ ރެކޯޑެވެ.