ނަޝީދު ވިދާޅުވީ ރަޝިއާއާ ދެކޮޅު ނޫން ކަމަށް

ރަޝިއާ- ޔުކްރެއިން ހަނގުރާމައިގައި ޔުކްރެއިން ކޮޅަށް ޖެހުނަސް ރަޝިއާއާ ދެކޮޅު ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރަޝިއާއިން ޔުކްރޭންއަށް އަރައިގަތް ގަތުން ކުށްވެރިކޮށް މިދިޔަ ހޯމަ ދުވަހު އދ. އާންމު މަޖިލީހުގައި ފާސްކުރި ގަރާރަށް ރާއްޖެއިން ތާއިދުކުރި އިރު އެމެރިކާއިން ވޯޓު ދިނީ އެ ގަރާރާ ދެކޮޅަށެވެ.
އެހެންވެ އެމެރިކާ އަށް ފާޑުކިޔައި ނަޝީދު އެކްސްގައި ޕޯސްޓެއް ކުރެއްވިއިރު ރަޝިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ލެވާން ޒެގަރިޔާން ވެސް ވަނީ ނަޝީދުއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
ރަޝިއާގެ ސަފީރު ވިދާޅުވީ ހުދު އެމެރިކާއިން ވެސް މިހާރު މަސައްކަތް ކުރަމުންދަނީ ޔުކްރޭންގެ މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދަން ކަމަށާއި ނަމަވެސް ނަޝިދު ވެސް ހިޔާރުކުރައްވަނީ ޔޫރަޕުން ގެންގުޅޭ މުސްކުޅި ހަރުކަށި އަސްކަރީ ވިސްނުން ކަމަށެވެ.
ސަފީރުގެ ވާހަކަތަކާ ގުޅިގެން އެކްސްގައި ނަޝީދު ވިދާޅުވީ އދ.ގެ ޖެނެރަލް އެސެމްބްލީގެ ޔުކްރޭންގައި ހަމަޖެހުމާއި ސުލްހަ ގެނައުމުގެ ގޮތުން ރާއްޖެއިން ވޯޓު ދިން ގޮތާމެދު ރަޝިޔާ ސަފީރު ހިތްޕުޅާ ހަމަނުވުމުން ހިތާމަ ކުރައްވާ ކަމަށެވެ.
އަދި ރާއްޖޭގެ ނިންމުމަކީ ރަޝިއާއާ އިދިކޮޅު ނިންމުމެއް ނޫން ކަމަށާއި ރާއްޖެއިން ބޭނުންވަނީ ސުލްހަ މަސަލަސްކަން ކަމަށާއި ހުދު ރަޝިއާއިން ވެސް ބޭނުންވަނީ އެފަދައިން ކަމަށް ގަބޫލުކުރައްވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖެއަކީ ކުޑަކުޑަ ގައުމަކަށްވާ އިރު އަވަސް އަވަހަށް ބަދަލުވަމުންދާ ދުނިޔޭގެ ސިޔާސީ އޮއިވަރުގައި ޖެހި ފިތެން ބޭނުން ނުވާ ކަމަށެވެ.
އަދި ރާއްޖެއިން ނިންމި ނިންމުމަކީ އަބަދުވެސް ރާއްޖެއިން ދަމަހައްޓަމުންދާ އުސޫލުގެ ތެރެއިން ނިންމި ނިންމުމެއް ކަމަށް ވެސް ވިދާޅުވި އެވެ.
ނަޝީދުގެ ޕޯސްޓުގައި ވަނީ ރަޝިއާއިން ރާއްޖެއަށް ކޮށްދެމުންދާ ކަންތައްތަކަށް ޝުކުރުވެސް އަދާކުރައްވައިފަ އެވެ،
"އެކަން ރާއްޖެ އަންނަ ރަޝިއާ ފަތުރުވެރިންގެ ނަންބަރުންވެސް އެނގޭ. ބަރަކާތްތެރި ރަމަޟާން މަހުގެ ހެޔޮއެދުންތައް ރަޝިއާގެ ރައީސް ޕުޓިންއާއި ރަޝިއާގެ ރައްޔިތުން ފޮނުވަން" ނަޝީދު އެކްސްގައި އިތުރަށް ވިދާޅުވި އެވެ.