ރިޕޯޓް

އިސްލާމް ސޯ ރިޔާޒު ހުސް ވަގުތުގައި ހައްދާ ޑްރެގަން ފްރުޓް

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ކޮޅުފުށީގައި ޑްރެގަން ފުރުޓް ހައްދަމުން އަންނަ ދަނޑުވެރިޔާ، ރިޔާޒު "ދެން" އަށް މައުލޫމާތު ދެނީ / ފޮޓޯ:ދެން އިމޭޖްސް

(މ. ކޮޅުފުށިން) ރަށުގައި 1000އެއްހާ މީހުނެވެ. ދަނޑުވެރިކަމަށް 30 ބިން ދޫކޮށްފަ އެވެ. ކޮންމެ ދަނޑަކުން ވެސް ފެންނަނީ ސީދާ ރަށު މީހުނެވެ. ބައެއް ކުދި މަސައްކަތްތައް ކުރަން، ކުޑަ އުޖޫރައެއް ދީފައި ބިދޭސީއަކު ވެސް ނުގެންގުޅެ އެވެ. ދަނޑުވެރިކަމަށް ކޮޅުފުށީގައި އޮތް ފޯރި މިއިން ވެސް ހިތަށް ވަޒަންކޮށްލެވުނެވެ.

އެއިން ވެސް ލޮލަށް އަޅައިގަތީ، ކޮޅުފުށީގައި ހުންނަ މ. އަތޮޅު މަދުރަސާގެ އިސްލާމް ޓީޗަރު އަހުމަދު ރިޔާޒުގެ ދަނޑަށެވެ. އެއް ކަމަކީ ޓީޗަރު ކަމުގެ ބުރަ ވަޒީފާގައި އުޅެމުން ވެސް އަމަލީ ގޮތުން ދަނޑުވެރިކަން ކުރަން ވަގުތު ހުސްކުރާތީ އެވެ. އަނެއް ކަމަކީ ދަތި އުނދަގުލުން ހެއްދޭ ބައެއް ބާވަތްތައް ހެއްދުމަށް މަސައްކަތް ކުރާތީ އެވެ.

އުމުރުން 59 އަހަރުގެ ޓީޗަރުގެ ދަނޑުން ފެނުނީ ޑްރެގަން ފުރުޓެވެ. އެއީ ރާއްޖޭގައި އާންމުކޮށް ހައްދާ ބާވަތެއް ނޫނެވެ. ލާމު ގަން ކަހަލަ މަދު ރަށަކުން ޑްރެގަން ފްރުޓް ހައްދައިގެން އުޅެނިކޮށް ސޯޝަލް މީޑިއާއިން ދެކުނީމެވެ. ކޮޅުފުށީގައި، ފުލްޓައިމް ޓީޗަރަކު ވަގުތު ހުސްކޮށްގެން މި ކަން ހެއްދުން އަހަރެންނަށް ހާއްސަވި އެވެ.

ދަނޑުވެރިކަމަކީ، އަދި ހާއްސަކޮށް ޑްރެގަން ފުރުޓް ހެއްދުމަކީ ވަރަށް ކެތްތެރިވެގެން ބުރަކޮށް އުޅެމުން ކުރެވޭނެ ކަމެކެވެ.

އެހެންވީމާ ކޮޅުފުށީގެ އިސްލާމް ސޯ ރިޔާޒު މި ކުރަނީ ވަރަށް ބުރަ ބޮޑު ދެ މަސައްކަތެވެ. ޓީޗަރުންގެ ބުރަ ވަޒީފާގެ ވާހަކައަކީ އާންމުކޮށް ވެސް ދެކެވޭ ވާހަކަ އެކެވެ. ރަސްމީ ގަޑީގައި ކިޔަވައިދޭން އުޅެމުން ފިލާވަޅުތަކުގެ ޕްލޭން ހަދަމުން، އިތުރު ހަރަކާތްތައް ހިންގަމުން، ދަރިވަރުންނަށް އިތުރަށް އެހީވާން އިތުރު ގަޑީގެ ކްލާސްތައް ނަގަމުންނެވެ.

މި މަސައްކަތުން ލިބޭ ހުސް ވަގުތުތަކުގައި ރިޔާޒު ސޯ މި ކުރާ ދަނޑުވެރިކަމަކީ ވެސް އެހާމެ ބުރަބޮޑު ބަރު ކަމެކެވެ. ހޭދަކުރަން ޖެހޭ ވަގުތު މީގައި ވެސް ގިނަ އެވެ. ދަނޑު ތައްޔާރު ކުރުމަށެވެ. ކާނާ އެޅުމަށެވެ. ފެން ދިނުމަށެވެ. ބައްޔެއް ޖެހިއްޖެ ނަމަ ދެނެގަނެ، އެ ކަމަށް ބޭނުންވާ ފަރުވާ ހޯދަން ވެސް އުޅެން ޖެހެ އެވެ. ގަސް އިންދައި، ހައްދައި، އޭގެން ނަފާ ހޯދައި، ކުރާ މަސައްކަތް ދެމެހެއްޓެނިވި ގޮތަކަށް ކުރިއަރުވަން ގަވާއިދުން ހުއްޓުމެއް ނެތި ކުރަން ޖެހޭ ކަންކަން ހަމަ އެހާމެ ގިނަ އެވެ.

މީގެ އަހަރުތަކެއް ކުރިން އަހްމަދު ރިޔާޒު ދިރިއުޅެމުން އައީ މާލޭގަ އެވެ. އޭނާގެ އުފަން ފަސްގަނޑަށް ދިރިއުޅުން ބަދަލުކުރީ 2003 ވަނަ އަހަރުގަ އެވެ. އޭރު ވެސް އޭނާއަކީ ޓީޗަރެކެވެ.

 

ދަނޑުވެރިކަމުގެ ޗެލެންޖުތައް ނަގަނީ ހިތަށް ފިނި ކަމެއް ލިބޭތީ

ރިޔާޒު ސޯ ބުނީ އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ ކަމަށެވެ.

"ސެޝަން އޮންނަ ގޮތުން އެއްގަޑި އެއްކޮށް ފްރީކޮށް އޮންނާނީ. ދެ ދަންފަޅިއަށް އޮތީމާ މެންދުރުފަހު ކުރީގައި ދަނީ. އޭރުގައި ވަރަށް ވަގުތު ލިބޭ މެންދުރުފަހު. އެހެންވެ އޭރު ފެށީ. މިހާރު ދެން ވަގުތު މެނޭޖުކުރަމުން ވެސް މި ކަން ކުރަމުން މި ދަނީ،" ދަނޑުވެރިކަމާ ދިމާލަށް ދެވުނު ގޮތާ ގުޅޭގޮތުން ރިޔާޒު ބުންޏެވެ.

މިއީ ހުސް ވަގުތުގައި ރިޔާޒު އޭނާގެ ސިކުނޑިއަށް އަރާމު ދިނުމަށް މިހާރު ކުރާ ކަމެކޭ ބުނެވިދާނެ އެވެ. ޓީޗަރު ކަމުގެ ވަޒީފާއިން މުޅި ދުވަހު ސިކުނޑި ބުރަކޮށް ގެންގުޅުމަށް ފަހު އެ ހިޔާލުތަކާ ދުރުވެލާން އޭނާ އަންނަނީ ދަނޑަށެވެ. ދެން ކުރާ ކަމަކީ ދަނޑު ހައްދާނެ ބާވަތްތައް ދަސްކުރަނީ އެވެ.

"ދާއިރާގެ ހިޔާލުތަކާ މިހެން ދުރަށް ޖެހިލައި، ހިތަށް ހަމަޖެހުމަށް ލިބޭން ފެށި މި ކަހަލަ ކަމަކަށް ސިކުނޑި ހުސްކޮށްލީމައި،" ރިޔާޒު ބުންޏެވެ.

ދަނޑުވެރިކަމުގެ މަސައްކަތް ރިޔާޒު ފެށި އިރު އެއީ 2004 ވަނަ އަހަރު އެވެ. އެންމެ ފުރަތަމަ އޭނާ ހައްދަން ފެށީ މިރުހެވެ. ރަށު މީހުންނަށް ބޭނުންވާ ވަރަށް ބެހެއްޓުމަށް ފަހު ބާކީ ފޮނުވަމުން ދިޔައީ މާލެ އަށެވެ. މިރުހަށް ފަހު އެކި ބާވަތްތައް ތަޖުރިބާކުރަން ހިތަށް އަރައިގެން މި ކަމުގެ ތެރެއަށް އިތުރަށް ވަންނަމުން އޭނާ ދިޔަ އެވެ.

ޕެޝަން ފުރުޓް، އަލަނާސި އަދި ތޮރާ ވެސް ހައްދަމުން ދިޔަ އެވެ. މޭބިސްކަދުރު ވެސް ކޮންމެވެސް ވަރަކަށް ހެއްދި އެވެ. މިހާރު ވެސް އޭގެން ބައެއް ބާވަތްތަކާ އެކު، ކަރާ ހެއްދުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. އެއް ބާވަތެއް މާގިނައެއްކޮށް ހައްދައެއް ނޫޅެ އެވެ.

އޭނާ އިސްކަންދެނީ ކުރެވޭ ތަޖުރިބާ އާއި ނެރެވޭ ނަތީޖާއަށެވެ.

ދަނޑުވެރި ކަމުގައި 21 ވަނަ އަހަރު ގުނަމުން އަންނަ ރިޔާޒު ދަނޑުވެރިކަން ކުރަމުން ދަނީ ވަރަށް ތަރުތީބު ވެގެނެވެ. އިންތިޒާމު ވެގެނެވެ. ރާވާލައިގެނެވެ. އޭނާއަށް ލިބިފައިވާ ދަނޑު ވަނީ ދެ ބަޔަކަށް ބައިކޮށްލާފަ އެވެ. އެއް ބައިގައި ހައްދަނީ މިރުހާއި އަލަނާސި އެވެ. ޑްރެގަން ފުރުޓް ހައްދަނީ އަނެއް ބައިގަ އެވެ.

ޑްރެގަން ފުރުޓް ހެއްދުމުގެ ތަޖުރިބާ

ޑްރެގަން ފުރުޓް ހެއްދުމުގެ މަސައްކަތް ފެށީ މީގެ އަށެއްކަ އަހަރު ކުރިންނެވެ. ރާއްޖޭގައި އާންމުކޮށް މީހުން ހައްދައި ނޫނުޅުނު ނަމަވެސް މަސައްކަތް ފެށިއިރު ވެސް އެކަން ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޭނާއަށް އޮތެވެ.

"މައުލޫމާތު އަނެއްހެން ބަލަން. ބަލައިގެން އެނގޭ އެ ހެދޭނެކަން. އިންޓަނެޓުން ބަލައިގެން މައުލޫމާތު ހޯދީ. އަމިއްލައަށް އެކަން ކުރީ،" ޑްރެގަން ފުރުޓެއްގެ ކުރި ފުރަތަމަ އިންދިއިރު، އެހާ ރަނގަޅަށް އެ ހެދޭނެ ކަމަށް އުންމީދު ކުރިންތޯ ކުރި ސުވާލަށް ވަރަށް ހަމަޖެހިލާފައި ޖަވާބު ދިނެވެ.

ރިޔާޒުގެ ދަނޑުގައި ހައްދާ ޑްރެގަން ފުރުޓް ވިއްކަނީ ރަށަށް އެކަންޏެވެ. ކިލޯއެއް 150 ރުފިޔާއަށް ވިއްކާއިރު، އާންމުންގެ ފަރާތުން ލިބޭ ތަރުހީބު ރަނގަޅު ކަމަށް އޭނާ ދެކެ އެވެ.

ޑްރެގަން ފުރުޓް ހައްދަން ކުރާ މަސައްކަތުގައި އެކަމަށް ހިނގާ ހަރަދާ މެދު އޭނާ އެއްގޮތަކަށް ވެސް ނުވިސްނަ އެވެ. އެއީ ބުރަކަމާއި ކޮންމެ ބާވަތެއް ހެދެން އެ ދާހާ ވަގުތަކީ ވެސް އޭނާ މާ ވިސްނާ ކަމެއް ނޫނެވެ. އާންމުކޮށް އެހެން ބާވަތްތައް ހައްދާތީ އާއެކު، އެކަމަށް ގެންނަ ބޭހާއި ތަކެތި އެ މަސައްކަތުގައި ބޭނުން ވެސް ކުރާތީ އެވެ. ރިޔާޒު ސޯ މި ކަން ކުރަނީ ހަމަ ކުރާ ހިތް ޖެހިގެން ކުރާ ކަމެއް ގޮތަށެވެ.

"މިހާރު ކޮންމެ ދުވަހެއްގެ ވެސް ކޮންމެވެސް ވަގުތުކޮޅެއް މިކަމުގައި ހޭދަކުރަން،" ދަނޑުވެރިކަން ކުރަން އޭނާ ހުރި ޖޯޝާއި ފޯރި އަންގައިދެމުން ބުންޏެވެ.

Ads by Allied Insurance