ޚަބަރު

މިފްކޯގެ ސީއީއޯ ވިޓާލީ މަގާމުން ވަކިކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މިފްކޯގެ ސީއީއޯ ޑރ. ވިޓާލީ ލުބިމޯވް / ފޮޓޯ:މިފްކޯ

ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ ސީއީއޯ ޑރ. ވިޓާލީ ލިއުބިމޮވް މަގާމުން މިއަދު ވަކިކޮށްފި އެވެ.

އެކަން ހާމަކޮށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިރޭ "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ މިފްކޯގެ ސީއީއޯގެ މަގާމުގެ އިތުރުން އެމްޑީގެ މަގާމުންވެސް ވިޓާލީ ވަކިކޮށްފައިވާ ކަމަށެވެ.

ވަކިކުރި ސަބަބެއް ޕީސީބީން ނުބުނެ އެވެ.

ވައިޓާލީ މަގާމުންވަކި އިރު މިދިޔަ ޑިސެމްބަރު މަހު މިފްކޯގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓްގެ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަނުކުރުމުގައި ސިޔާސީ ނުފޫޒާ ކުރިމަތިވި ކަމަށް ވިޓާލީ ވިދާޅުވި އެވެ. އެހެން ނަމަަވެސް އެފަދަ ނުފޫޒަކަށް ޖާގަ ނުދެއްވާނެކަމުގެ ޔަގީންކަންވެސް އޭރު އޭނާ ދެއްވި އެވެ.

ވިޓާލީއަކީ މިފްކޯއަށް އައްޔަނުކުރި ބޭރުގެ ފުރަތަމަ ސީއީއޯ އެވެ. އޭނާ އެ މަގާމަށް އައްޔަނުކުރީ މިދިޔަ ޑިސެމްބަރު މަހު އެވެ.

ޔުކްރެއިނަށް ނިސްބަތްވެ ވަޑައިގަންނަވާ ވިޓާލީ އަީ ސްޓްރެޓީޖިކް ކްރައިސް މެނޭޖްމަންޓުގެ ދާއިރާގެ ސްޕެޝަލިސްޓެކެވެ. އެ ދާއިރާގައި އޭނާ ވަނީ 20 އަހަރަށް ވުރެ ގިނަ ދުވަހު އެ ދާއިރާގައި މަސައްކަތް ކުރައްވާފަ އެވެ.