ދެ ބިލު ފޮނުވީ ރޯދަ ޑިސްކައުންޓުގެ ފައިދާ ހޯދައިދޭން: ފަހުމީ

ގާތްގާތުގައި ކަރަންޓު ދެ ބިލެއް ފޮނުވީ ރޯދަ އާ ގުޅިގެން ސަރުކާރުން ދޭން ނިންމާފައިވާ ޑިސްކައުންޓުގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ހޯދައި ދިނުމަށް ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެ އެވެ.
ހުސްވި މަހު ސްޓެލްކޯއިން ފުރަތަމަ ފޮނުވާފައި ވަނީ ޖެނުއަރީ މަހުގެ 9 ވަނަ ދުވަހުން ފެށިގެން ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހަށް ތައްޔާރުކޮށްފައިވާ ބިލެކެވެ. އޭގެފަހުން ފެބްރުއަރީ 10 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހާ ދެމެދު ބޭނުންކޮށްފައިވާ ކަރަންޓަށްވާ ބިލެއް ވެސް ފޮނުވި އެވެ.
އެކަމާ ގުޅިގެން އާންމުންގެ ހުރި ކަންބޮޑުވުންތަކަށް އަލިއަޅުވާލައި "އެކްސް" ގައި ރޭ ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ ގާތްގާތުގައި ދެ ބިލެއް ފޮނުވާ ވާހަކައަކީ މީޑިއާތައް މެދުވެރިކޮށް މީގެކުރިން އެ ކުންފުނިން ހާމަކަން ބޮޑު ގޮތެއްގައި ދައްކާފައިވާ ވާހަކައެއް ކަމަށެވެ. ދެ ބިލެއް ފޮނުވަން ނިންމީ ކަސްޓަމަރުންގެ ފައިދާއަށް ކަމުގައި ފާހަގަކުރެއްވި އެވެ.
"އެއީ އެއް ޔޫސޭޖަކަށް ކުރާ ބިލެއް ވެސް ނޫން. ބިލްތަކުގެ ރީޑިން ނެގި ތާރީހުތައް ބިލުން ފެންނަން ހުންނާނެ. މި ފޮނުވާފައިވާ ބިލަކީ މީގެކުރިން ސްޓެލްކޯގެ ބިލިން ސައިކަލްގައި ހިމެނޭ ރީިޑިން ނެގުމަށްފަހު ބިލް ޑެލިވާ ކުރުމުގައި އުޅޭ 20 ނުވަތަ 25 ދުވަހުގެ ޑިލޭގެ ބެކްލޮގް ފިލުވާލުމަށް ފޮނުވާ ބިލެއް،"
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވި ގޮތުގައި ދެ ވަނައަށް ފޮނުވި ބިލު ދެއްކުމުގައި ކަސްޓަމަރުންނަށް ކުރިމަތިވެދާނެ މާލީ ދަތިކަން ފިލުވުމަށް ޓަކައި ޖޫރިމަނާ ނާރާ ގޮތަށް ބިލު ދެއްކުމަށް 30 ދުވަހުގެ މުހުލަތެއް ވެސް ދެވިފައިވާ ކަމުގަ އެވެ.
"މި ބިލް ފޮނުވުމުގެ މަގުސަދުތަކުގެ ތެރޭގައި ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރޯދަ މަސް ނިމެންދެން އެއް ބިލެެއްގެ ގޮތުގައި މުޅި ރޯދަ މަހުގެ ޔޫސޭޖަށް ބިލެއް ތައްޔާރުކޮށް، ސަރުކާރުން ދޭން ނިންމާފައިވާ ޑިސްކައުންޓް އެ ބިލްގައި ހިމެނުން ވެސް ހިމެނޭ،"
ފާހަގަކުރި ބެކްލޮގާ އެކު އެ ބިލު ފޮނުވާ ނަމަ ޑިސްކައުންޓް ދެވޭނީ ރޯދަ މަހުގެ ޔޫސޭޖްގެ އެއްބަޔަށް ކަމަށް ފަހުމީ ވިދާޅުވި އެވެ. އެހެންކަމުން އެ ޑިސްކައުންޓުގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ކަސްޓަމަރުންނަށް ހޯދައިދިނުމަކީ ދެ ބިލު ފޮނުވުމުގެ އެއް މަގުސަދު ކަމަށެވެ.
އޭގެ އިތުރުން މި ބެކްލޮގް ފިލުވާލެވުމާ އެކު އެޕްރީލް މަހުން ފެށިގެން އެ މަހެއްގެ ފަހު ހަފުތާގައި ރީޑިން ނެގުމަށްފަހު، ޖެހިގެން އަންނަ ދުވަހު އެ ބިލު ޑެލިވަ ކުުރުމުގެ ސަބަބުން ކަސްޓަމަރުންނަށް އެ ބިލުގައިވާ ރީޑިން އާއި މީޓަރާ އަޅާ ކިއުމުގެ ފުރުސަތު ލިބި ކަސްޓަމަރުންގެ އިތުބާރު ސްޓެލްކޯއަށް ބޮޑުވެގެންދާނެ ކަމަށް ވިދާޅުވި އެވެ.
ސްޓެލްކޯއަކީ 75 އަހަރުގެ ގައުމީ ހިދުމަތުގެ ރެކޯޑު އޮތް ކުންފުންޏެއް ކަމަށާ އެ ކުންފުނިން އާންމުންނަށް އޮޅުވާލުމުގެ ނިޔަތުގައި އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން ފަހުމީ ވަނީ ދެއްވާފަ އެވެ.
މިދިޔަ ރޯދަ މަހުގެ ކަރަންޓު ބިލުން ޑިސްކައުންޓް ދިނުމުގައި ދިމާވި ދަތިތައް ހައްލުކުރުމުގެ ގޮތުން މި ރޯދަ މަހާ ދިމާކޮށް އެ ކުންފުނީގެ 350 މުވައްޒަފުން ނިކުމެ، މާލެ ސަރަހައްދުގެ ގޭބީސީތަކުގެ ރީޑިން އެއް ދުވަހުގެ ތެރޭގައި ވަނީ ނަގާފަ އެވެ.
ޔުޓިލިޓީ ބިލުތަކުން މި ރޯދަ މަހު ވެސް ޑިސްކައުންޓް ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވީ ހުސްވި މަހު ދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. މިދިޔަ އަހަރުގެ ރޯދަ މަހެކޭ އެއްގޮތަށް މި އަހަރުގެ ރޯދަ މަހުގެ ކަރަންޓު ބިލުން 10 އިންސައްތައިގެ ޑިސްކައުންޓެއް ދޭނެ އެވެ.