އެއްގަމު ލައިސެންސްގެ ތިއަރީ ޓެސްޓް ދެން ކުރިއަށް ގެންދާނީ ޓްރާންޕޯޓް މިނިސްޓްރީން

އުޅަނދު ދުއްވުމުގެ ލައިސަންސްގެ ތިއަރީ އިމްތިހާން މާދަމާއިން ފެށިގެން ކުރިޔަށް ގެންދާނީ ޓްރާންސްޕޯޓް މިނިސްޓްރީން ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ގެޒެޓްކުރި އާންމު މައުލޫމާތެއްގައި ބުނީ އެ ނިންމުމާ ގުޅިގެން މާލެ ސަރަހައްދުން ތިއަރީ ޓެސްޓަށް އެދި ސަވާރީ އިންފޮމޭޝަން މެނޭޖްމަންޓް ސިސްޓަމް (ސިމްސް) މެދުވެރިކޮށް ހުށަހަޅާއިރު ތިއަރީ އިމްތިހާނު ހަދާ ސެންޓަރެއްގެ ގޮތުގައި އިހުތިޔާރުކުރަން ޖެހޭނީ އެ މިނިސްޓްރީ ކަމަށެވެ.
މީގެ ކުރިން ތިއަރީ އިމްތިހާން ކުރިއަށް ގެންދިޔައީ ޕޮލިޓެކްނިކުންނެވެ.
ނަމަވެސް ޓްރާންސްޕޯޓް މިނިސްޓްރީން އެ ތިއަރީ އިމްތިހާން ކުރިއަށް ގެންދަން ނިންމީ ކީއްވެގެން ކަމެއް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.
އެއްގަމު އުޅަނދުގެ ލައިސަންސް ނަގާއިރު ތިއަރީ އިމްތިހާންގެ އިތުރުން ޑްރައިވިން ޓެސްޓެއް ވެސް ހަދަން ޖެހެ އެވެ.