މާލޭގެ މަގުތަކުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ލޯކަލް މިނިސްޓްރީން ފަށައިފި

މާލޭގެ ކާނުތަކުން ފެން ހިނދުން ލަސްވާތީ، ކާނުތައް ސާފުކުރުމުގެ މަސައްކަތް ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީން މިއަދު ފަށައިފި އެވެ.
މި މަސައްކަތް ހެނދުނު 9:30 ގައި މަޖީދީމަގުގެ ލަގްޒަރީ ފިހާރަ ކުރިމަތިން ފެށުނު އިރު، މަސައްކަތް ހިނގަމުންދާ ގޮތް ބައްލަވައިލެއްވުމަށް މިނިސްޓަރު އާދަމް ޝަރީފު އުމަރު އެ ސަރަހައްދަށް ޒިޔާރަތްކުރައްވާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ މިއީ މާލޭގެ ހުރިހާ މަގެއްގައި ކާނުތައް ސާފުކުރުމަށް އެ އިދާރާއިން ކުރާ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ. ސަބަބަކީ ވާރޭވެހޭ ކޮންމެ ފަހަރަކު މާލޭގެ މަގުތަކުގައި ފެންބޮޑުވެ އާންމު ރައްޔިތުންނަށް އެ ކަމުގެ އުނދަގޫ ކުރިމަތިލާންޖެހޭތީ، ސިފައިންނާއި، ފުލުހުން އަދި މިނިސްޓްރީން ނުކުމެ މާލޭގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ދޭތެރެދޭތެރެއިން ކުރަންޖެހުމަށް ހައްލެ ގެނައުމުގެ ގޮތުން ކުރެވޭ މަސައްކަތެއް ކަމަށެވެ.
ވާރޭވެހުމުގެ ސަބަބުން މާލޭ ރައްޔިތުންނަށް ދިމާވާ އުނދަގޫތައް މިހާރަށް ވުރެ ބޮޑަށް ކުޑަކޮށްދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިރުޝާދާއި ލަފާފުޅުގެ މަތިން ކުރިއަށްދާ މި މަސައްކަތް މިއަދު ފަށާނެކަމަށް އާދަމް ޝަރީފް ވަނީ މިދިޔަ ބުރާސްފަތި ދުވަހު އިއުލާންކުރައްވާފަ އެވެ.
އެކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަގުތަކުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ކޮންމެ ދުވަހަކު ކުރަމުންދާ މަސައްކަތައް އެހީތެރިވާން ނިންމެވީތީ އެކަމަށް މިނިސްޓަރަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
އާޒިމް ވިދާޅުވީ އަމާޒަކީ މާލެ ސިޓީއަކީ ރީތި، ސާފު، ފެހި، ހިތްފަސޭހަ ތަނެއްގެ ގޮތުގައި ބޭއްވުން ކަމަށެވެ. އަދި މިކަން ހާސިލް ކުރެވޭނީ ދައުލަތުގެ ހުރިހާ މުއައްސަސާތަކާއި ހުރިހާ ރައްޔިތުންގެ އެހީތެރިކަމާއި އެކުގައި ކަމަށްވެސް އާޒިމް ފާހަގަކުރެއްވި އެވެ.
ފެން ހިނދުން ލަސްވާން ދިމާވާ އެންމެ ބޮޑު ސަބަބަކީ މަގުތަކުގެ ކާނުތަކުގައި ކުނި ގިނަވުމެވެ. މާލޭގެ މޭޔަރު އާދަމް އާޒިމް ކުރިން ވިދާޅުވެފައި ވަނީ ވެސް ފެންބޮޑުވާން މެދުވެރިވާ އެއް ސަބަބަކީ ވެސް އެއީ ކަމަށެވެ.
އެބައެއްގެ ޒިންމާވެސް މިހާރު މިއަދާކުރެވެނީ ބޮޑު ޕްރޮޖެކްޓެއްހެން އިޝްތިހާރުކޮށްގެން.