މަގުބޫލު ފުޓުބޯޅަ ރިޕޯޓަރު ފަބްރީޒިއޯ ރާއްޖޭގެ ބްރޭންޑް އެމްބެސެޑަރަކަށް

ފުޓުބޯޅަ ޓްރާންސްފާ މާކެޓާއި އެހެނިހެން ހަބަރުތައް އެންމެ ހޫނުކޮށް އެންމެ އަދާހަމަކޮށް ގެެނެސްދޭ ނަން މަޝްހޫރު ފުޓުބޯޅަ ރިޕޯޓަރު ފަބްރީޒިއޯ ރޮމާނޯ ހަމަޖައްސައިފި އެވެ.
އިޓަލީގެ ފަބްރީޒިއޯ، ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރާނެ ގްލޯބަލް ބްރޭންޑް އެމްބެސެޑަރަކަށް ހަމަޖައްސާފައިވާ ކަން ހާމަކުރީ "ވިޒިޓް މޯލްޑިވްސް" ގެ އެކްސް އެކައުންޓުންނެވެ.
ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރާ ސަރުކާރުގެ ކުންފުނި އެމްއެމްޕީއާރުސީން ހިންގާ "ވިޒިޓް މޯލްޑިވްސް"ގެ އެކްސް އެކައުންޓުން ކުރި ޕޯސްޓްގައި ފަބްރީޒިއޯގެ ވީޑިއޯ މެސެޖެއް ވެސް ހިމަނާފަ އެވެ.
ފަބްރީޒިއޯ ބުނީ ރާއްޖެއަކީ ބިޒީ ދިރިއުޅެމެއް ހޭދަ ކުރަމުންދާ މީހުން ހުސް ވަގުތެއް ހޯދައިގެން ސިކުނޑި ހަމަޖައްސާލަން އަންނަން އެންމެ ރަނގަޅު މަންޒިލް ކަމަށެވެ.
ހަމަޖެހިލައިގެން ގޮނޑުދޮށެއްގައި އޮންނަން ބޭނުންވިޔަސް ނޫނީ ހިތްހަމަޖައްސާލަން މޫދު ހަރަކާތެއްގައި ބައިވެރިވާން ވިޔަސް، ނޫނީ ގުދުރަތީ ރީތިކަން ބަލައިލަން ވެސް އެންމެ ކަމުދާ ތަނަކީ ރާއްޖެ ކަމަށް ބުންޏެވެ.
ރާއްޖޭގައި ތަޖުރިބާކުރަން އޮތީ ހަމައެކަނި ރީތި ގޮނޑުދޮށްތަކާއި މޫދު އެކަންޏެއް ނޫން ކަމަށް ވެސް ފަބްރީޒިއޯ ބުންޏެވެ. ބްރޭންޑް އެމްބެސެޑަރުގެ ހައިސިއްޔަތުން ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭން ތަޖުރިބާކުރެވޭނެ ކަންކަން ހިއްސާކުރަމުންދާނެ ކަމަށް އޭނާ ބުންޏެވެ.
ފަބްރީޒިއޯ މީގެ ކުރިން އެތައް ފަހަރެއް މަތީން ރާއްޖެ އައިސް، ރާއްޖޭގެ ރިސޯޓްތަކުގައި ޗުއްޓީ ވެސް ހޭދަކޮށްފައިވެ އެވެ. މި ފަހުން 2022 ވަނަ އަހަރު ބޭއްވި ސްޕޯޓްސް އެވޯޑްސް ހަފުލާގެ މެހެމާނަކަށް ވެސް ފަބްރީޒިއޯ އައިސްފައިވެ އެވެ.