ޚަބަރު

އަޒްމިރާލްދާ ޖޭއެސްސީއަށް ހާޒިރުކޮށް ބާއްވާ އަޑުއެހުންތައް އާންމުކޮށް ހުޅުވާލައިގެން ބާއްވަން އެދިއްޖެ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އާ ގުޅިގެން ޖުޑީޝަލް ސާވީސް ކޮމިޝަން (ޖޭއެސްސީ) އިން ތަހުގީގުކުރާ ސުލޫކީ މައްސަލައިގެ ހުރިހާ އަޑުއެހުންތަކެއް އާންމުކޮށް ހުޅުވާލައިގެން ބާއްވައިދިނުމަށް ފަނޑިޔާރުގެ ފަރާތުން ހުށަހަޅައިފި އެވެ.

ޖޭއެސްސީއަށް އަޒްމިރާލްދާ ހާޒިރުކުރަނީ މަސާޖު ޕާލާއަކުން ހައްޔަރުކުރި އޭނާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފުގެ ބަންދުގެ މައްސަލައަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގަ އެވެ.

ކުރިން އަޒްމިރާލްދާ، ޖޭއެސްސީއަށް ހާޒިރުވާން އޮތީ މިއަދު ހެނދުނު 11 ޖަހާއިރަށް ނަމަވެސް މާދަމާއަށް ބަދަލުކޮށްފައިވާ ކަމަށް އޭނާގެ ވަކީލު އިބްރާހިމް ޝަމީލް ވަނީ ވިދާޅުވެފަ އެވެ.

ޝަމީލު ވިދާޅުވެފައި ވަނީ ޖޭއެސްސީން އެކަން ފޯނުން އަންގާފައިވާ ކަމަށާއި އެކަމަކު ވަކި ގަޑިއެއް ނުބުނާ ކަމަށެވެ.

ޝަމީލު މިއަދު "ދެން" އަށް ވިދާޅުވީ އަޒްމިރާލްދާ އާ ގުޅިގެން ޖޭއެސްސީން ތަހުގީގުކުރާ ސުލޫކީ މައްސަލައިގެ ހުރިހާ އަޑުއެހުންތަކެއް އާންމުކޮށް ހުޅުވާލައިގެން ބާއްވައިދިނުމަށް ފަނޑިޔާރުގެ ފަރާތުން ހުށަހަޅައިފައިވާ ކަމަށެވެ.

ލަތީފުގެ ބަންދުގެ މައްސަލައިގައި މިއަދު މެންދުރުފަހު 1 ޖަހާއިރަށް ޖޭއެސްސީއަށް ހާޒިރުވާން ފަނޑިޔާރު މަހާޒު އަލީއަށް ވަނީ އަންގާފަ އެވެ. މަހާޒު ހާޒިރުކުރާ ގަޑިއަށް ބަދަލެއް އައިސްފައިނުވާ ކަމަށް އޭނާގެ ފަރާތުން "ދެން" އާ ވާހަކަ ދެއްކި މީހަކު އިއްޔެ ވަނީ މައުލޫމާތު ދީފަ އެވެ.

މި ދެ ފަނޑިޔާރުންގެ އިތުރު މައްސަލައެއް ވެސް ޖޭއެސްސީގައި އެބައޮތެވެ. އެއީ ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ހުސެން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ހުތުރު ބަހުން މުއާމަލާތްކުރެއްވި ތަނެއްގައި އަޒްމިރާލްދާ އާއި މަހާޒު ވެސް އިންނެވި މައްސަލަ އެވެ.

ފަނޑިޔާރުކަމުގެ މަގާމުން ސަސްޕެންޑްކޮށްފައި ވަނިކޮށް ސުއޫދު ވަނީ މިދިޔަ ހަފުތާގައި އިސްތިއުފާ ދެއްވާފަ އެވެ. އިސްތިއުފާ ދެއްވަން ޖޭއެސްސީއަށް ފޮނުއްވި ސިޓީގައި ސުއޫދު ވަނީ ސަރުކާރާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކޮށްފަ އެވެ.

Ads by Allied Insurance