އެސްޓީއޯ މެދުވެރިކޮށް ކާށި އެތެރެކުރަން ހޯލްސޭލަރުންނަށް ހުޅުވާލައިފި

މި ހިނގާ ރޯދަ މަހު ބާޒާރުގެ އާންމު ކާބޯތަކެތީގެ އަގުތައް ހިފެހެއްޓުމަށް ޓަކައި ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހޯލްސޭލަރުންނަށް ކާށި އެތެރެކޮށްދޭން ނިންމައިފި އެވެ.
އެސްޓީއޯއިން މިއަދު ބުނީ މި މަސައްކަތަކީ މި ރޯދަ މަހަށް އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން އެ ކުންފުނިން ވެފައިވާ ހާއްސަ ތައްޔާރީތަކުގެ ތެރެއިން ކުރާ މަސައްކަތެއް ކަމަށެވެ.
ބާޒާރުގައި ކާށީގެ އަގު ބޮޑުތަނުން މައްޗަށް ގޮސް، ކާއްޓެއްގެ އަގު 40 ރުފިޔާއާއި 60 ރުފިޔާއާ ދެމެދު އަގެއްގައި ހުންނަތާ ހަފްތާއެއް ވެފައިވާކަން އެސްޓީއޯއިން ފާހަގަކުރި އެވެ. އާންމުންގެ ކަންބޮޑުވުންތައް އެކަމުގައި ހުރުމުން އެސްޓީއޯ މެދުވެރިވެ ރާއްޖޭގެ ބާޒާރަށް ދިމާވެފައިވާ ކާށީގެ ސަޕްލައި ޝޯޓޭޖް ހައްލުކުރުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެގޮތުން އެސްޓީއޯގެ ޕީޕަލްސް ޗޮއިސް މެދުވެރިކޮށް ކިލޯއެއް 20 ރުފިޔާގެ ރޭޓުން ރައްޔިތުންނަށް މިދިޔަ އަންގާރަ ވަނަ ދުވަހުގައި ވަނީ ވިއްކަން ފަށާފަ އެވެ. އަދި ޑިމާންޑާ އެއްވަރަށް ކާށީގެ އިތުރު ސްޓޮކްތައްވެސް އެސްޓީއޯއިން ދަނީ ބާޒާރަށް ނެރުމުންނެވެ.
މީގެއިތުރުން ބާޒާރުގައި ކާށީގެ އަގުތައް ތިރިކުރުމަށްޓަކައި ވިޔަފާރިވެރިންނަށް ބޭނުންވާ މިންވަރަށް ކާށީ އިމްޕޯޓްކޮށްދިނުމަށް ނިންމައި، ކާށީގެ ސްޓޮކް ބުކްކުރުމުގެ ފުރުސަތު ހޯލްސޭލަރުންނަށްވަނީ ހުޅުވާލާފަ އެވެ.
އެސްޓީއޯއިން ބުނީ މި ކަމުގެ މަގްސަދަކީ ރާއްޖޭގެ ބާޒާރަށް މިވަގުތު ބޭނުންވެފައިވާ ކާށީގެ ޖުމްލަ ޑިމާންޑް ދެނެގަނެ، އެއާ އެކަށޭނަ މިންވަރަށް ސަޕްލައި އިތުރުކުރުން ކަމަށެވެ.
މިކަމަށް ޝައުގުވެރިވާ ހޯލްސޭލް ވިޔަފާރިވެރިން އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ 3012575 ނަންބަރަށް ގުޅުއްވައިގެން ނުވަތަ 7291124 އަށް ވައިބާ މެސެޖް ކޮށްގެންވެސް ކާށީގެ ސްޓޮކް ބުކްކުރެވިދާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.
އެސްޓީއޯއިން ބުނީ ސިޕްމެންޓް ކޮންމެ 10 ދުވަހަކުން ބުކިން ލިބޭ ވަރަށް ގެނެވޭނެ ކަމަށެވެ. އަދި އެކަށީގެންވާ އަގެއްގައި އެސްޓީއޯގެ ގުދަނާހަމައަށް ގެނެސްދީ ނެގޭނޭ އިންތިޒާމުތައް ހަމަޖައްސައިދޭނެ ކަން ފާހަގަކުރަމުން އެސްޓީއޯއިން ބުނީ މުދަލަށް ފައިސާ ދައްކަންޖެހޭނީ ސިޕްމަންޓް އައުމުން ދިވެހި ރުފިޔާއިން ކަމަށެވެ.
މި ހިދުމަތުގެ މައިގަނޑު މަގްސަދަކީ، ބޭރު ފައިސާ ހޯދުމުގެ ދަތިކަމާއި، މުދާ އެތެރެކުރުމުގައި ދިމާވާ އެހެނިހެން ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމާއެކު، ރާއްޖޭގެ ބާޒާރަށް ބޭނުންވާ މިންވަރަށް އާންމު ވިޔަފާރިތަކަށް ހުރަސް ނޭޅޭނޭހެން އަދި އާންމު ރައްޔިތުންނަށް ފަސޭހަވާނޭހެން ކާށި ފޯރުކޮށްދިނުން ކަމަށް އެސްޓީއޯއިން ބުންޏެވެ.
އެސްޓީއޯއިން މީގެ ކުރިންވެސް ވަނީ މިފަދަ ދަތި ހާލަތްތަކުގައި މެދުވެރިއެއްގެ ދައުރު އަދާކޮށްފަ އެވެ.
މީގެ ތެރޭގައި 2023-2024 ވަނަ އަހަރު ދުނިޔޭގެ ބާޒާރުގައި ދިމާވި ފިޔާގެ ދަތިކަން ހައްލުކުރުމަށް އެހީތެރިވެދިނުން ފާހަގަކުރެވެ އެވެ.
އެސްޓީއޯގެ މިހާރުގެ އަމާޒަކީ ހޯލްސޭލަރުންނަށް ފަސޭހަކަމާއެކު ކާށި އެތެރެކޮށްދީ، އެކަށީގެންވާ އަގެއްގައި އާންމު ރައްޔިތުންނަށް ކާށި ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ. އަދި ރާއްޖޭގެ ބާޒާރަށް ދިމާވާ މިފަދަ ކޮންމެ ލޮޅުމެއްގައި އާންމު ވިޔަފާރިވެރިންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް އެކަމަށް އެސްޓީއޯއިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.
