ޚަބަރު

ވަކިކުރި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހާމަނުކުރަން ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގެންފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ވަކިކުރި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ސިއްރުކުރަން ސަރުކާރުން ވަނީ ހައިކޯޓަށް / ފޮޓޯ: ދެން

ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ގޮތުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން ސަރުކާރުން ވަކިކުރިކަމަށް ބުނާ 248 ސިޔާސީ މުވައްޒަފުންގެ މައުލޫމާތު އާންމުނުކުރަން ސަރުކާރުން ހައިކޯޓުގައި އިސްތިއުނާފްކުރި މައްސަލަ އެ ކޯޓުން ބަލައިގެންފި އެވެ.

ހަރަދުކުޑަ ކުރުމުގެ ގޮތުން 248 ސިޔަސީ މުވައްޒަފުން ވަކިކުރިކަން ސަރުކާރުން އިއުލާންކުރީ މިދިޔަ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު އެވެ. އެހެންވެ ވަކި ކުރި މުވައްޒަފުންގެ މައުލޫމާތު ހޯދަން ތިން މީހަކު މައުލޫމާތު ހޯދަން ހުށަހެޅި އެވެ.

ނަމަވެސް އެ މައުލޫމާތު ސަރުކާރުން ހާމަނުކުރުމުން އިންފޮމޭޝަން ކޮމިޝަނަރު އޮފީސް(އައިކޮމް)އަށް އެ މައްސަލަ ހުށަހެޅުމުން އެ އޮފީހުންވެސް ނިންމީ އެ މައުލޫމާތު ހާމަކުރަން ޖޭހެެނެ ކަމަށެވެ. އެހެންވެ

ސަރުކާރުން މިދިޔަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު އެ މައްސަލަ އޮތީ ހައިކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. ހައިކޯޓުގެ ރަޖިސްޓްރާއިން ދައްކާ ގޮތުން އެ ތިން މައްސަލަ ވެސް މިހާރު ވަނީ ބަލައިގެންފަ އެވެ.

ސަރުކާރުން ކުރިން ބުނީ ވަކިކުރި މުވައްޒަފުންގެ މައުލޫމާތު ހާމަނުކުރަނީ އޭގައި ޒާާތީ މައުލޫމާތު ހިމެނޭތީ ކަމަށެވެ. ނަމަވެސް އައިކޮމްއިން އެންގީ އެ މީހުންގެ ނަމާއި، މަގާމާއި މުސާރައިގެ އިތުރުން ވަކިކުރި ތާރީހު ހާމަ ކުރުމަށެވެ.

މި ސަރުކާރުން ސިޔާސީ މަގާާމުތަކަށް އައްޔަނުކުރި މީހުންގެ މައުލޫމާތު ހާމަނުކޮށްގެން ވެސް އެ މައުލޫމާތު ހާމަކުރަން އައިކޮމްއިން ކުރިން އެންގި އެވެ. އެ މައްސަލަ ވެސް މިދިޔަ މަހު ކުރީކޮޅު ހައިކޯޓުގައި އިސްތިއުނާފްކުރުމަށް ފަހު ސަރުކާރުން ވަނީ އެ މައްސަލަ އަނބުރާ ގެނެސްފަ އެވެ.

ނަމަވެސް މިހާތަނަށް ވެސް އެ މައުލޫމާތު އާންމުކޮށްފައެއް ނުވެއެވެ.

Ads by Allied Insurance