އަންހެނުން ބާރުވެރިކުރުމަށް ހަތް ޕާޓީއަކުން އެއްބަސްވުމެއްގައި ސޮއިކޮށްފި

ސިޔާސީ މަޝްރަހުގައި އަންހެނުންނާއި ދެކޮޅަށް ކުރެވޭ އަނިޔާ ހުއްޓުވައި އަންހެނުން ބާރުވެރިކުރުވުމުގެ ގޮތުން ވެސްޓް މިނިސްޓާ ފައުންޑޭޝަން ފޯ ޑިމޮކްރަސީން އިސްނަގައިގެން ހަތް ޕާޓީއަކުން އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފި އެވެ.
އިއްޔެ ފާހަގަކުރި ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ގުޅިގެން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ސޮއިކުރި ޕާޓީތަކުގެ ތެރޭގައި އަދާލަތު ޕާޓ،ީ އެމްޑީޕީ، އެމްޑީއޭ، އެމްއެންޕީ، ޕީއެންސީ، ޕީއެންއެފް އަދި ޑިމޮކްރެޓްސް ޕާޓީ ހިމެނެ އެވެ.
މިއީ ރާއްޖޭގެ ތާރީހުގައި ވެސްވި އެފަދަ ފުރަތަމަ އެއްބަސްވުމެވެ.
ވެސްޓް މިނިސްޓަރ ފައުންޑޭޝަން ފޯ ޑިމޮކްރަސީން ބުނީ އެ އެއްބަސްވުމުގެ އަމާޒަކީ ސިޔާސީ މަޝްރަހުގައި އަންހެނުންނަށް ޒަމާނުއްސުރެ ކުރިމަތިވަމުން އައިސްފައިވާ ހުރަސްތައް މަދުކޮށ،ް ފާހަގަކުރެވޭފަދަ އިސްލާހީ ބަދަލުތައް ގެނައުން ކަމަށެވެ. އަދި ގައުމީ ފެންވަރުގެ ނިންމުންތައް ނިންމުމުގައި
އަންހެނުންނަށް ބަސްބުނުމުގެ ފުރުސަތު ފަހިކޮށްދ،ީ ރާއްޖޭގައި ހަރުދަނާ އަދި ޝާމިލު ޑިމޮރެޓިކް ވެއްޓެއް ގާއިމުކުރުމަށް މަގުފަހިކޮށްދިނުން ކަމަށް ވެސް ބުންޏެވެ.
ވެސްޓްމިނިސްޓާ ފައުންޑޭޝަން ފޯ ޑިމޮކްރަސީން ބުނީ މިއީ ރާއްޖޭގެ ސިޔާސީ މަޝްރަހާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ކުރެވުނު ދިރާސާތަކުގެ މައްޗަށް ބިނާކޮށް އެކުލަވާލެވިފައިވާ މުހިއްމު އެއްބަސްވުމެއް ކަމަށެވެ. އަދި އެ އެއްބަސްވުމުގައި ސިޔާސީ މައިދާނުގައި އަންހެނުން ބާރުވެރި ކުރުމަށާއި އަންހެނުންނަށް ކުރިމަތިވާ އަނިޔާ ހުއްޓުވުމަށްޓަކައި ސިޔާސީ ޕާޓީތަކުން އަޅަންޖެހޭ ފިޔަވަޅުތައް ތަފްސީލުކޮށް ބަޔާންކުރެވިފައިވާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
އެ ފިޔަވަޅުތަކުގެ ތެރޭގައި
- ޕާޓީތެރޭގައި ސިއްރު ހިފެހެއްޓޭ ޝަކުވާގެ ނިޒާމެއް ގާއިމުކުރުން
- ޖަވާބުދާރީވުމުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރުން
- ސިޔާސީ ގޮތުން ހަމަހަމަ ފުރުސަތުތައް ކަށަވަރުކޮށްދިނުމަށް އުސޫލުތަކެއް އެކުލަވާލުން
- ޕާޓީތަކުގެ ތެރޭގައި ހޭލުންތެރިކަމާއި ޤާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކަށް ހާއްސަ ބަޖެޓެއް ކަނޑައެޅުން
އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަންތައްތައް އަމިއްލައަށް މޮނިޓާކޮށް މުރާޖާކޮށް އަދި ރިޕޯޓުކުރުމަށްވެސް ސިޔާސީ ޕާޓީތަކުން ވަނީ އެއްބަސްވެފަ އެވެ.
