ލައިފްސްޓައިލް

ގަހަށް ލިބޭ ކޮންމެ ނިކަމެތިކަމެއްގެ އަސަރު ގަހުން ލިބޭ މޭވާއަށް ކުރާނެއެެވެ.

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މިލާ މޯޅިވެފައިވާ ގަހަކުން މޭވާއެއް އަންނާނެ ބާވައެވެ؟ ބައްޔެއްޖެހި ވީރާނާވެފައިވާން ކައިރިވެފައިވާ ގަހަކުން ރަނގަޅު މޭވާއެއް އަންނާނެ ބާވައެވެ؟ ދިމާވާ ކަމެއްގައި ގަސް ބިމުން ލުހި ނުވަތަ ގަހަށް ގެއްލުމެއް ވެއްޖެނަމަ އެގަހުގައި އަޅާފައިވާ މޭވާތައް ހަލާކުވެސް ވެދާނެ ނޫން ހެއްޔެވެ؟ ވައިބާރު ތޫފާނެއް އައިސްފިނަމަ ގަސް ހެލިލާއިރަށް ގަހުގައިވާ މޭވާތައް ފައިބައިގެން ނުދޭ ހެއްޔެވެ؟ މިހުރިހާ ސުވާލެއްގެ ޖަވާބަކީ ވެސް ވިސްނާ ފިކުރުކޮށްލައިފި މީހަކަށް އިބުރަތަކަށް ވާނޭ ވާހަކަ ތަކެކެވެ.

Ads by STELCO

އިންސާނާ ދުނިޔެއަށް އަންނަނީ ފިތުރަތުގެ ސާފުކަން މަތީގައެވެ. އޭނާގެ އެންމެ ފުރަތަމަ އެދުރުގެ އަކީ، އެންމެ ފުރަތަމަ މަދަރުސާއަކީ އޭނާގެ މަންމަގެ އުނގެވެ. އެންމެ ކުޑައިރު ފިރުކެން ދަސްކޮށްދޭން ފަށާ ހިސާބުންވެސް، އެ ތުއްތު ކުއްޖާގެ ތައުލީމީ ހަޔާތް ފެށެއެވެ. ދަރިންނަކީ ﷲ ތަޢާލާ އަޅުގަނޑުމެންނަށް ދެެއްވާ ވަަރަށް ބޮޑު އަމާނާތެކެވެ. ހެޔޮލަފާ ޞާލިހު ދަރިއަކު ތަރުބިއްޔަތު ކުރުމަކީ އުނދަގޫ، ގޮންޖެހުން ބޮޑު ކަމެކެވެ. ހެޔޮލަފާ ޞާލިހު ދަރިއެއް ތަރުބިއްޔަތު ކުރުމަށްޓަކައި ތިބާ އަކީ އެފަދަ މީހަކަށް ވާން ޖެހެއެވެ.

ގަހަކީ އެގަހުގެ މޭވާގެ މަންމައެވެ. އެ ގަހަށް ލިބޭ ކޮންމެ ނިކަމެތިކަމެއްގެ ސަބަބުން އެގަހުގެ މޭވާއަށް އަސަރު ކުރެއެވެ. އަޅުގަނޑުމެންގެ ދިރިއުޅުމުގައި ވެސް ކަންތައްތައް ވަނީ މިހެންނެވެ. މަންމަގެ ދިރިއުޅުމުގައި ދިމާވާ ކޮންމެ ބޮޑު ކަމަކުން ދަރިފުޅަށް އަސަރު ކުރާނެއެވެ.

ނިކަން ފިކުރުކޮށްލަމާ ހިނގާށެވެ. ދަރިފުޅު ބޮޑުވެގެން އަންނަ ދުވަސްވަރު އެ ދަރިފުޅުގެ މަންމަ ބަލި އެނދުގައި އޮންނަން ޖެހިއްޖެނަމަ އެ ދަރިފުޅަށް ހާދަހާ ނިކަމެތިކަމެއް ލިބޭނެއެވެ. ސަބަބަކީ އެންމެ ކުޑައިރުން ފަށައިގެން އެ ދަރިފުޅުގެ ހުރިހާ ކަމެއް ވަރުބަލިކަމެއް ނެތި ކޮށްދޭ މީހަކީ އެ މަންމަ ކަމުގައި ވާތީއެވެ. އެދަރިފުޅަށް އެއްވެސް ކަމެއް މަދުވިޔަ ނުދީ އަބަދުވެސް ފުއްދައިދޭ މީހަކީ އެމަންމަ ކަމުގައި ވާތީއެވެ. އަބަދުވެސް ދަރިފުޅަށް ލޯބި ދިނުމުގައި ދެމިހުންނަނީ އެމަންމަ ކަމުގައި ވާތީއެވެ.

އެހެންކަމުން މަންމަގެ ސިއްހަތަށް ކުރާ އަސަރެއްގެ ސަބަބުންވެސް ދަރިފުޅަށް ބޮޑު ނިކަމެތި ކަމެއް ލިބިދާނެއެވެ. ދުއާ އަކީ ހުރިޙާ މަންމައިންވެސް ދުޅަހެޔޮ ސިއްހަތެއްގައި ލެހެއްޓެވުމެވެ.

މި ނޫނަސް ދަރިފުޅަށް މަންމަގެ ސަބަބުން އަސަރު ކުރާ ކަންތައްތައް ހުރެއެވެ. ނުވަތަ މައިންބަފައިންގެ ސަބަބުން އަސަރުކުރާ ކަންތައްތަކެއް ހުރެއެވެ. ދަރިފުޅުގެ މަންމަ އާއި ބައްޕަ ދަރިފުޅުގެ ކުރިމަތީގައި އަބަދާއި އަބަދު އަރައިރުންވާނަމަ އެކަމުން ދަރިފުޅަށް އަސަރު ކުރާނެއެވެ. އެ ދަރިފުޅަށް އެމަންޒަރުތައް ފެންނަނަމަ އެ ދަރިފުޅަށް އެކަމުގެ ސަބަބުން އަސަރު ކުރާނެއެވެ. އަދި ހާއްސަކޮށް ހެދިބޮޑުވަމުން އަންނަ ފުރާވަރުގެ ކުދިންނަށް އެކަމުގެ ސަބަބުން ނަފްސާނީ ގެއްލުމެއް ވެސް ލިބިދާނެއެވެ.

މުސްކުޅި ހަރުބަހެއްގައި އޮވެއެވެ. ބޮޑު ދެގެރި ތަޅަންޏާ ކަށްގަލަށް ބާރު ކުރާނެއެވެ. އާނއެކެވެ. އެއީ ހަމަ ވަރަށް ބޮޑު ހަގީގަތެކެވެ. ކުއްޖާގެ މައިންބަފައިން އަބަދާއި އަބަދު ޒުވާބުކޮށް އަރައިރުން ވާނަމަ އެ ދަރިފުޅަށް އެ ކަމުގެ ސަބަބުން އަސަރުކުރުން އޮތީ ވަރަށް ވެސް ކައިރީގައެވެ.

އަދި ކުޑަ ހިނދުކޮޅަކަށް އަޅުގަނޑުމެންގެ މުޖުތަމައުގައި ދަރިންގެ އުޅުމަށް ނުވަތަ ދަރިންނަށް އަސަރު ކުރާ ކަންކަމާމެދު ނަޒަރު ހިންގާލަމާ ހިނގާށެވެ. މިއަދު އަޅުގަނޑުމެންގެ މުޖުތަމައުން ފެންނަ އެންމެ ހިތާމަވެރި މަންޒަރަކީ ކޮބައި ބާވައެވެ؟ އެ މަންޒަރަކީ ކޮންމެ މީހަކުވެސް އެމީހެއްގެ މައިންބަފައިން ގައިބާރު ދެރަވެ މުސްކުޅިވާ ދުވަހު އެ މައިންބަފައިންނަށް އިހާނެތިކޮށް ކަންތައް ކުރުމެވެ. އެ މައިންބަފައިންނާއި ދިމާލަށް އަޑުލައި ހެދުމެވެ. އެ މައިންބަފައިން ތިބާ އުޅޭ ތަނާ ވަކި ކުރުމެވެ. އަދި އެވަރުން ވެސް ނުފުދިގެން ތިމަންނާއަށް މައިންބަފައިން ނުބެލޭނެކަ މަށް ބުނެ ބިދޭސީ މީހަކާ ނުވަތަ ހިލޭ މީހަކާ މައިންބަފައިން ބެލުމުގެ މަސްއޫލިއްޔަތު ހަވާލު ކުރެއެވެ. މި ހުރިހާ ކަމެއް ވެގެން ދަނީ ހަމަ ތިމާގެ އަމިއްލަ ދަރިފުޅު ކުރިމަތީގައިކަން ވިސްނާލީ ކިތައްކިތައް މީހުން ބާވައެވެ.

ކުޑަ ސޯބު އެނބުރޭނީ ބޮޑު ސޯބު އެނބުރޭހެން ކަމަށް މުސްކުޅިން ބުނެ އުޅޭ ވާހަކައަކީ ތެދު ވާހަކަ އެކެެވެ. މައިންބަފައިންގެ އެފަދަ އަމަލުތަކަށް ދަރީންގެ ބޮޑު ސަމާލުކަމެއް އަތުލައިގަނެއެވެ. އެފަދަ އަމަލުތައް ފެނުމުން ދަރިން އެ އަމަލުތައް ދަސްކުރެއެވެ. ނަތީޖާއަކަށް ވަނީ ހަމަ ތިބާއާ މެދު ވެސް އެގޮތަށް ކަންތައްތައް ވެގެން ދިއުމެވެ. ތިބާގެ ދަރިފުޅުގެ ކުރިމަތީގައި ތިބާގެ އަމިއްލައަށް ކަންތައްކުރި އިހާނެތި ގޮތް ތިބާއަށް އަމިއްލައަށް އިހްސާސް ކުރަން ޖެހުމެވެ.

އެހެންކަމުން ދަރިންނަށް މައިންބަފައިންގެ ސަބަބުން، އަދި ވަކިން ހާއްސަކޮށް މައިމީހާގެ ސަބަބުން އެތައް އަސަރުތަކެއް ކޮށްފާނެއެވެ. އެެއީ އެދެވޭ އަސަރުތަކާއި ނޭދެވޭ އަސަރުތައް ވެސް މެއެވެ. އެހެންކަމުން އަޅުގަނޑުމެން އެންމެންނަކީ ވެސް ދަރިންނަށް ރަނގަޅު ނަމޫނާއެެއް ދައްކާ ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރާ ބަޔަކަށް ވާން އެބަޖެހެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!