ޖޭއެސްސީން އަޒްމިރާލްދާގެ ވަކީލަށް ފުރުސަތު ނުދޭ!

ޖުޑީޝަލް ސާާވީސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ މައްސަލައާ ގުޅިގެން މިއަދު ބޭއްވި އަޑު އެހުމުގައި، ސަސްޕެންޝަން ގައި ހުންނެވި ސުޕްރީމް ކޯޓުގެ ފަަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ވަކީލަށް ފުރުސަތު ނުދޭތީ ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ފިރިމީހާ ޑރ. އިސްމާއިލް ލަތީފްގެ ބަންދާމެދު ގޮތެއް ނިންމަން ހާޒިރުކުރުމުން ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގައި ޖޭއެސްސީއަށް އަޒްމިރާލްދާ މިއަދު ވަނީ ހާޒިރުކޮށްފަ އެވެ.
މިއަދުގެ އަޑު އެހުމާ ގުޅޭ އަޒްމިރާލްދާގެ ވަކީލު އިބްރާހިމް ޝަމީލު ހިއްސާކުރި ބަޔާނެއްގައި ވިދާޅުވީ، ޖޭއެސްސީގެ މައްސަލަ ބަލާ ކޮމިޓީ ގައި ތަކުރާރުކޮށް އެދުމުންވެސް އޭނާ އަށް ފުރުސަތު ދީފައިނުވާ ކަމަށެވެ. ވަކީލަށް ވާހަކަ ނުދެއްކޭނެ ކަމަށް ކޮމިޓީން އެ އަޑުއެހުމުގައި އަންގާފައިވާ ކަމަށް ޝާމިލް ވިދާޅުވި އެވެ.
"ތަކުރާރުކޮށް ދެންނެވުމުންވެސް ގާނޫނީ ވަކީލަށް އެއްވެސް މިންވަރަކަށް ވާހަކަ ދެއްކުމުގެ ފުރުސަތު ނުދެވޭނެ ކަމަށް ކޮމިޓީން އެންގެވުމުން މިއީ ގާނޫނުއަސާސީއާ ހިލާފަށް ކުރިއަށްދާ ގެންދާ ތަހުގީގެއް ކަމަށް ފާހަގަކޮށްފައިވާނެ" ވަކީލުގެ ބަޔާނުގައި ވިދާޅުވި އެވެ.
އެ އަޑުއެހުމުގައި ކުރާ ތުހުމަތުތަކަށް އިންކާރު ކުރައްވައި އަޒްމިރާލްދާ ވިދާޅުވީ އޭނާ ސަސްޕެންޑްކޮށް ޖޭއެސްސީން ކުރިއަށްގެންދާ ތަހުގީގަކީ ފަނޑިޔާރަށް ނުފޫޒު ފޯރުވުމުގެ ކަންތައްތަކެއް ކަމަށާއި ލަތީފް ބަންދުން ދޫކުރަން އެއްވެސް ކޯޓެއްގެ އެއްވެސް ފަނޑިޔާރަކާ ވާހަކަ ދައްކާފައިނުވާނެ ކަމަށެވެ.
މިއަދު އަަޒްމިރާލްދާ ޖޭއެސްސީއަށް ދިން ބަޔާނުގައި އިސްލާހުކުރަން ޖެހޭ ގިނަ ކަންކަން ފާހަގަވާން ހުރުމުން އެކަންކަން އިސްލާހުކޮށް ބަޔާން ފޮނުވައި ދިނުމަށް އެދިފައިވެ އެވެ.
އަޒްމިރާލްދާގެ ޖޭއެސްސީއަށް ހާޒިރުކޮށްފައިވާއިރު، އާދިއްތަ ދުވަހު ފަނޑިޔާރު މަހާޒު އަލީވެސް ޖޭއެސްސީއަށް ހާޒިރުކޮށްފައިވެ އެވެ.
