ސުލޫކީ މައްސަލައެއް ބަލާނެކަމުގެ އިންޒާރު އުޝާމް ކުރިން އޮތީ ދެއްވާފައި: އަޒްމިރާލްދާގެ ވަކީލު

ސަސްޕެންޝަން ގައި ހުންނެވި ސުޕްރީމް ކޯޓުގެ ފަަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ މައްސަލައެއް ބަލާނެކަމުގެ އިންޒާރު ބަންޑާރަ ނައިބު އަހުމަދު އުޝާމް ކުރިން ދެއްވިކަމަށް އަޒްމިރާލްދާގެ ވަކީލު އިބްރާހިމް ޝަމީލު ވިދާޅުވެއްޖެ އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަޒްމިރާލްދާ ފަނޑިޔާރުކަމުގެ މަގާމުން ސަސްޕެންޑްކުރީ އޭނާގެ ފިރިމީހާ ޑރ. އިސްމާއިލް ލަތީފްގެ ބަންދާމެދު ގޮތެއް ނިންމަން ހާޒިރުކުރުމުން ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގަ އެވެ.
އެ މައްސަލައިގެ އަޑުއެހުންތައް މިއަދު ފެށިއިރު އަޒްމިރާލްދާގެ ވަކީލު ޝަމީލު ނެރުއްވި ބަޔާނުގައި ބަންޑާރަ ނައިބު އުޝާމް އިންޒާރު ދެއްވީ ޑރ. އިސްމާއިލް ބަންދުން ދޫކޮށްލި ފަހުން މިދިޔަ މަހުގެ ކުރީކޮޅު އެހެން ފަރާތެއް މެދުވެރިކޮށް ދިން މެސެޖަކުން ކަމަށެވެ.
ސުޕްރީމް ކޯޓުގައި ހިންގަމުންދާ ދުސްތޫރީ މައްސަލައާ މެދު ރައީސް ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި އަދި އިޖުރާއީ އިއުތިރާޒާ ހިސާބުން މައްސަލަ ނިމޭނެ ފަދަ މޭރުމަކުން، ސުޕްރީމް ކޯޓަށް އަތް ބާނަން ބޭނުންނުވާ ކަމަށް އުޝާމް ވިދާޅުވި ކަމަށް ވަކީލުގެ ބަޔާނުގައިވެ އެވެ.
"އަދި ކުރީގެ ރައީސްގެ ޖޭއެސްސީގެ ދައުރުގައި ނުބަލައި ވަތްގަނޑުގައި ބާއްވާފައި އޮތް ސުލޫކީ މައްސަލައެއް އެބައޮތް ކަމަށާއި އެ މައްސަލަ ބަލާނެ ކަމަށް [އުޝާމް] ވިދާޅުވި،" ވަކީލުގެ ބަޔާނުގައިވެ އެވެ.
ކުއްލި ގޮތަކަށް ދޮގު ތުހުމަތެއްގައި އަޒްމިރާލްދާ ސަސްޕެންޑްކުރުމަކީ އޭނާގެ މައްޗަށް ނުފޫޒު ފޯރުވުމަށް ކުރަމުންދާ ކަމެއް ކަމަށް އަޒްމިރާލްދާ މިއަދުގެ އަޑު އެހުމުގައި ވިދާޅުވި ކަމަށް ވަކީލު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ ޕާޓީން ކަނޑާލުމުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް މަޖިލީހުން އިތުރު ކުރި މާއްދާތަކަށް ބާތިލްކުރުމަށެވެ. މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސައިން ހުށަހެޅުއްވި މައްސަލަ ކުރިއަށް ގެންދަން ސުޕްރީމް ކޯޓުން ނިންމި އެވެ.
އަޒްމިރަލްދާ ހިމެނޭހެން ތިން ފަނޑިޔާރަކު ޖޭއެސްސީން ސަސްޕެންޑްކުރީ ވެސް އެ މައްސަލާގައި ގާނޫނުއާސާސީގެ އާ އިސްލާހު ހިންގުން ހުއްޓުވުމުގެ ވަގުތީ އަމުރާ ގުޅޭ އަޑުއެހުމެއް ވެސް ބާއްވަން އުޅެނިކޮށެވެ.
އެންމެ ފުރަތަމަ އަޒްމިރަލްދާގެ މައްސަލަ ބަލަން ޖޭއެސްސީން ނެގި ކޮމިޓީގައި ވެސް އުޝާމް ހިމެނުއްވި އެވެ. ނަމަވެސް ސުޕްރީމް ކޯޓުގައި ބަންޑާރަ ނައިބާ ދެކޮޅަށް މައްސަލަ ހިނގާތީ، އުޝާމް ކޮމިޓީން ދުރުވުމަށް އަޒްމިރަލްދާ އެދިވަޑައިގަތެވެ. އެ ފަހުން އުޝާމް އަމިއްލައަށް ވަނީ ކޮމިޓީން ދުރުވެވަޑައިގެންފަ އެވެ.
އެ ތުހުމަތުތަކާއެކު އަޒްމިރާލްދާ ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަންއާއި ކަމާ ބެހޭ އިދާރާތަކަށް މައްސަލަ ވެސް ހުށަހަޅުއްވައިފަ އެވެ
ފިރިކަލުން ބަންދުން ދޫކުރަން އެއްވެސް ކޯޓެއްގެ އެއްވެސް ފަނޑިޔާރަކާ ވާހަކަ ދައްކާފައިނުވާނެ ކަމަށް ވެސް އަޒްމިރާލްދާ ވަނީ ވިދާޅުވެފަ އެވެ.
އަޒްމިރާލްދާގެ ޖޭއެސްސީއަށް ހާޒިރުކޮށްފައިވާއިރު، އާދިއްތަ ދުވަހު ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވެސް ޖޭއެސްސީއަށް ހާޒިރުކޮށްފައިވެ އެވެ. ދެން ސަސްޕެންޑްކުރި ހުސްނުއްސުއޫދު ވަނީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހު މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.