ދަތުރުފަތުރަށް އުނދަގޫ ނުވާނެހެން މުޒާހަރާކުރަން އެޗްއާރުސީއެމްއިން ގޮވާލައިފި

ސުލްހަވެރިކޮށް ދަތުރުފަތުރަށް އުނދަގޫ ނުވާނެހެން އިދިކޮޅު އެމްޑީޕީގެ މުޒާހަރާތައް ކުރިއަށް ގެންދަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން މިއަދު ގޮވާލައިފި އެވެ.
މި ރޯދަ މަސް ފެށުނު ފަހުން އިދިކޮޅު އެމްޑީޕީން އެކި ރޭ ދަނީ މުޒާހަރާތައް ބާއްވަމުންނެވެ. އަދި އެ މުޒަހަރާތައް ހުއްޓުވަން ފުލުހުން ބާރުގެ ބޭނުން ކުރަމުންދާ ކަމަށް ބުނެ ފާޑުކިއުންތައް ވަނީ އަމާޒުވެފަ އެވެ.
އެޗްއާރުސީއެމްއިން މިއަދު ނެރުނު ބަޔާނުގައި ބުނީ މުޒާހަރާގެ ކަންކަން މޮނީޓާ ކުރަމުންދާ ކަމަށާއި އަދި މިހާތަނަށް ބެލި ބެލުމުން އެއްވުމުގައި ބައިވެރިވި މީހުން ފުލުހުންނާ ކުރިމަތިލުމުން އެ މީހުންނަށް އެކި ވަރުވަރުގެ އަނިޔާ ލިބިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އަދި އެ އެއްވުންތަކުގައި ބައިވެރިވާ ފަރާތްތަކުން އަޑުގަދަކުރާ ބޭނުންކޮށް، މާލެ މަގުތަކާއި ގްރީން ޒޯން ހިމެނޭ ސަރަޙައްދުތަކަށް ވަންނަން މަސައްކަތްކޮށްފައިވާކަމާއި މި ދެންނެވުނު ސަރަޙައްދުތަކަށް ވަނުމަށް ސަލާމަތީ ބާރުތަކުން ހުއްޓުވާފައިވާކަން ވެސް އެޗްއާރުސީއެމްއިން ފާހަގަކޮށްފައި ވެއެވެ.
"މުޒާހަރާ ކުރުމުގައި ސުލްހަވެރިކަން އިސްކޮށް އަދި މަގުތައް ބޭނުންކުރާ ފަރާތްތަކަށް ދަތިނުވާނޭގޮތަށް އަމަލުކުރުމަށް މުޒާހަރާގެ ބައިވެރިންނަށް އިލްތިމާސްކުރަމެވެ. މީގެ އިތުރުން، މުޒާހަރާގައި ހަރަކާތްތެރިވާ މީޑިއާގެ ފަރާތްތަކުންވެސް މުޒާހަރާތައް ކަވަރު ކުރުމުގައި އަމަލުކުރަންޖެހޭ މިންގަނޑުތައް ހިފެހެއްޓުމަށް އިލްތިމާސްކުރަމެވެ." އެޗްއާރުސީއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެޗްއާރުސީއެމްއިން އިތުރަށް ފާހަގަކުރި ކަންކަން
- މުޒާހަރާގައި ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން ލިބޭފަދަ ގޮތަކަށް މުހާތަބްކޮށް ވާހަކަ ދައްކާފައިވާތީ އެކަން ކުށްވެރިކޮށް އެކަން ހުއްޓުވަން ކަމާ ބެހޭ ފަރާތްތަކަށް ގޮވާލައިފައިވޭ.
- ސުލްހަވެރިކޮށް ބޭއްވޭ އެއްވުންތައް ބޭއްވުމަށް ފުރުސަތު ދިނުމަށް ގޮވާލި.
- އެއްވުންތައް ރޫޅާލަންޖެހޭ ހާލަތްތަކުގައި ޤާނޫނީ އިމުގެ ތެރެއިން އެއްވުންތައް ރޫޅާލުމަށް އިލްތިމާސްކޮށްފައިވޭ.
- މުޒާހަރާ ކަވަރު ކުރުމުގައި ހަރަކާތްތެރިވާ މީޑިއާގެ ފަރާތްތަކުގެ މަސައްކަތަށް ހުރަސް ނޭޅޭނެ ގޮތަށް ފުރުސަތު ދިނުމަށް ގޮވާލައިފައިވޭ.