ރިޕޯޓް

އަމާޒު މަތީ ތައުލީމު 'އެކްސްޕޯޓް' ކުރުމަށް

ރާޔާ ރިޟާ ، ދެން އޮންލައިން

ރާއްޖޭގައި މަތީ ތައުލީމުގެ ފެންވަރު ހިފެހެއްޓުމަށާއި ރާއްޖެއަކީ ތައުލީމު އެކްސްޕޯޓްކުރާ ގައުމަކަށް ހެދުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ހަޔާ އެޑިއުކޭޝަން، ލޭބަ އެންްޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

"ދެން" ގެ އެކްސްލޫސިވްގައި މިނިސްޓަރު ވިދާޅުވީ ރާއްޖެއަކީ މިހާތަނަށް ތައުލީމު އިމްޕޯޓްކުރާ ގައުމަކަށްވެފައި، ރާއްޖެއިން ބޭރަށް ވަރަށް ގިނަ ދަރިވަރުން ކިޔަވަންދާ ކަމަށެވެ. އެހެންކަމުން ސަރުކާރުން މިހާރު ބޭނުން ވަނީ ރާއްޖެއަކީ ތައުލީމު އެކްސްޕޯޓްކުރާ ގައުމަކަށް ހެދުމަށް ކަމަށް ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން އެބަ ބޭނުންވޭ މިހާރު ރާއްޖެއަކީ ތައުލީމު އެކްސްޕޯޓްކުރާ ގައުމަކަށް ހަދަން. އެގޮތުން އެންމެ ފުރަތަމަ ބައްދަލުވުމެއް މީގެ ދުވަސްކޮޅެއް ކުރިން އަޅުގަނޑުމެން ބާއްވާފައި އޮންނާނެ މަތީ ތައުލީމު ފޯރުކޮށްދޭ އިންސްޓިޓިއުޝަންތަކާ އެކު," ހައިދަރު ވިދާޅުވި އެވެ.

ބޭރުގެ ދަރިވަރުން ގެނައުމަށް ކުރަން ޖެހޭ މަސައްކަތްތައް

ބޭރުގެ ދަރިވަރުން ރާއްޖެއަށް ގެނެސް ކިޔެވޭނެ މަގު ތަނަވަސް ކުރުމަށް ޓަކައި ގިނަ ކަންތައްތަކެއް ފުރިހަމަ ކުރަން ޖެހޭ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި ސްޓޫޑެންޓް ވިޒާ ތައާރަފުކުރުމާއި ދަނާލުތައް ގާއިމުކުރުމާ އަދި ވަޒީފާ އާ ބެހޭ ގަވާއިދުތަކާއި ސިއްހީ ހިދުމަތްތަކާ ގުޅޭ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެ އެވެ.

"ކިޔަވަން އަންނަ ބޭރުގެ ކުދިންނަށް ސްޓޫޑެންޓް ވިޒާ ތައާރަފު ކުރަން ޖެހޭނެ. ހަމައެއާއެކު، އެ ކުދިންނަށް ހުރެވޭނެ ތަނަކާއި އެހެނިހެން ކަންތައްތައް ހަމަޖައްސައިދޭން ޖެހޭނެ. އޭގެއިތުރުން ކިޔަވަން އަންނަ ކުދިންނަށް މިސާލަކަށް ވަޒީފާއެއް އަދާކުރެވޭނެތޯ ނުވަތަ ނޫންތޯ އާއި އެ ކުދިންގެ ސިއްހީ ހިދުމަތްތަކާ ގުޅޭ އިންތިޒާމުތައް ވެސް ހަމަޖައްސަން ޖެހޭނެ," ހައިދަރު ވިދާޅުވި އެވެ.

ފްރީ ޑިގްރީ ޕްރޮގްރާމްގެ ގޮންޖެހުންތައް

ފްރީ ޑިގްރީ ޕްރޮގްރާމާ ގުޅޭގޮތުން ދެއްކެވި ވާހަކައިގައި، ރާއްޖޭގައި ހިންގާ މި ޕްރޮގްރާމުގެ ދަރިވަރުންނަށް ދިމާވާ ގޮންޖެހުންތަކަށް މިނިސްޓަރު އަލިއަޅުއްވާ ލެއްވި އެވެ. ހާއްސަކޮށް އެންމެ ބޮޑު މައްސަލައަކީ ގިނަ ދަރިވަރުން ހެނދުނު ވަޒީފާ އަދާކޮށްފައި، މެންދުރުފަހު ކިޔަވަން ދާން ޖެހުމުގެ ސަބަބުން ތައުލީމުގެ ފެންވަރަށް ނޭދެވޭ އަސަރުކުރުން ކަމުގައި ފާހަގަކުރެއްވި އެވެ.

"ފަހަރެއްގައި ވެސް ފުލްޓައިމް އެޑިއުކޭޝަނެކޭ އަޅުގަނޑު ނުދަންނަވާނަން. މިއީ ޕާޓްޓައިމްކޮށް ޑިގްރީއަށް ކިޔަވަނީ. އެހެންވީމާ ވަރަށް ބޮޑަށް ފެންވަރު ނުހިފެހެއްޓޭ. 24 ގަޑިއިރު އޮންނައިރު، އޭގެތެރެއިން އަށް ގަޑިއިރު އެހެން މަސައްކަތެއް ކޮށްފައި، އަށް ގަޑިއިރު ނިދާފައި، ބާކީ އަށް ގަޑިއިރުގެ ތެރޭގައި ޒަރޫރީ އެހެން ބޭނުންތައް ފުއްދާފައި ކިހިނެއްތޯ ފުލް އިފެކްޓިވް އެޑިއުކޭޝަނެއް ކުރިއަށް ގެންދާނީ،" ހައިދަރު ސުވާލު ކުރެއްވި އެވެ.

އޭގެ އިތުރުން ސަރުކާރުގެ އެހީގައި އަދި ލޯނުގައި ކިޔަވާ ދަރިވަރުންނަށް ލިބެން ޖެހޭ ފީ ލިބުމުގައި ލަސްތަކެއް ދިމާވާތީ އެކަން ހައްލު ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވެސް މިނިސްޓަރު ވާހަކަ ދެއްކެވި އެވެ.

އެގޮތުން "ހަޔާ އެޑިއުކޭޝަން މެނޭޖްމަންޓް ސިސްޓަމް" (ހެމްސް) ޕޯޓަލްގެ ނަމުގައި ޕޯޓަލްއެއް ތައާރަފުވުމާ އެކު، އެފަދަ ލަސްވުންތައް ހައްލުވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުކުރުން

ވަޒީފާގެ ދާއިރާ އާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ ދަށުން ސަރުކާރުގެ ކުންފުނިތަކުގައި ހަމައެކަނި ދިވެހިން މަސައްކަތްކުރާ ގޮތަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ސަރުކާރު ހިއްސާވާ 22 އެއްހާ ކުންފުނީގެ ތެރެއިން 10 ކުންފުންޏެއްގައި ވަޒީފާ އަދާކުރަމުން ދަނީ ހަމައެކަނި ދިވެހިން ކަމަށެވެ. ބާކީ ކުންފުނިތަކުގައި 1,500 އެއްހާ ބިދޭސީން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެންކަމުން، ބިދޭސީން ވަޒީފާ އަދާކުރާ މަގާމުތަކަށް ދިވެހިން ތަމްރީނު ކުރުމަށް މޯލްޑިވްސް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ މެދުވެރިކޮށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

ޒުވާނުންގެ ވަޒީފާ އާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން، ވަޒީފާ ނެތި ހާވާސާވެފައި ތިބި ޒުވާނުން ވަޒީފާގެ ބާޒާރަށް ނެރުމަށް އިންސެންޓިވްތަކެއް ދިނުމުގެ މުހިންމުކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އޭގެ އިތުރުން ކްރިއޭޓިވް އިކޮނޮމީ އާއި ޑިޖިޓަލް ދާއިރާ އަދި އާޓިފިޝަލް އިންޓެލިޖެންސް ފަދަ ދާއިރާތަކުން ޒުވާނުންނަށް ފުރުސަތުތައް ހުޅުވައިދިނުމަށް މަސައްކަތް ކުރެވެމުންދާކަން ވެސް ހާމަކުރެއްވި އެވެ.

އެޕްރެންޓިސްޝިޕް ޕްރޮގްރާމްތަކާއި މަސައްކަތުގެ މާހައުލަށް ބޭނުންވާ ހުނަރުތައް ޒުވާނުންނަށް ފޯރުކޮށްދިނުމަށް ޕޮލިޓެކްނިކް މެދުވެރިކޮށް ރާއްޖޭގެ އެކި ރަށްރަށުގައި ސެންޓަރުތައް ގާއިމުކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ބިދޭސީންގެ މައްސަލަ؛ ހައްލުވާން އޮތީ އެންމެން އެކުގައި މަސައްކަތްކޮށްގެން

ބިދޭސީންގެ މައްސަލަ އާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވި ގޮތުގައި ޕްރޮޖެކްޓުތައް ނިމުމުން ބިދޭސީން އަނބުރާ ފޮނުވާލުމުގެ ޒިންމާ ކުންފުނިތަކުން އުފުލަން ޖެހޭ ކަމުގަ އެވެ. އެކަން ކަށަވަރު ކުރުމަށް ގަވާއިދުތައް ހަރުދަނާ ކުރަން ޖެހޭ ކަމުގަ އެވެ. އިތުރަށް ފާހަގަކުރެއްވީ، ބިދޭސީން އަދާކުރާ ބައެއް ވަޒީފާތަކަކީ ހާއްސަކޮށް އަންސްކިލްޑް ލޭބާގެ ދާއިރާގައި، ދިވެހިން އަދާކުރަން ޝައުގުވެރިކަން ފާޅުކުރާ ވަޒީފާތަކެއް ނޫން ކަމުގަ އެވެ.

އެހެންކަމުން އެފަދަ ވަޒީފާތަކަށް ބިދޭސީން ގެންނަން ޖެހޭކަން ފާހަގަކުރައްވައި، ވަޒީފާގެ މާހަލުގައި ލިބެން ޖެހޭ ހައްގުތައް ކަށަވަރު ކުރަން އެ މިނިސްޓްރީން ކުރަން ޖެހޭ ކަންކަން ކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

Ads by Ooredoo