ޚަބަރު

މަންދީ ފުލުހަށް ހާޒިރުކުރަނީ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
އެމްޑީޕީގެ އިވެންޓެއްގައި މަންދީ---

އިދިކޮޅު އެމްޑީޕީން ކުރިއަށްގެންދާ މުޒާހަރާއާ ގުޅިގެން އެމްޑީޕީގެ އެކްޓިވިސްޓު މަރިޔަމް ޒުބައިރު (މަންދީ) ފުލުހަށް ހާޒިރުވާން އަންގައިފި އެވެ.

Ads by MPL

މަންދީ ފުލުހަށް ހާޒިރުވާން އަންގާފައިވާ ޗިޓުގެ ކޮޕީއެއް ވަނީ "ދެން" އަށް ލިބިފަ އެވެ. މަންދީ އަށް ފުލުހުން ފޮނުވާފައިވާ ޗިޓުގައި ބުނެފައި ވަނީ މާދަމާގެ މެންދުރު 13:30 ގައި ފުލުހަށް ހާޒިރުވުމަށެވެ.

މަންދީގެ އިތުރުން އެމްޑީޕީގެ އެކްޓިވިސްޓް ފާތިމަތު ޝިއުނާވެސް މާދަމާ 13:30 ފުލުހަށް ހާޒިރުވާން ޗިޓު ފޮނުވާފައިވެ އެވެ.

މި ދެ މީހުންވެސް ފުލުހަށް ހާޒިރުކުރަނީ އެއް ތުހުމަތެއްގަ އެވެ. އެއީ ހޯމަ ދުވަހުގެރޭ ވަގުތެއްގައި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާއި ހިލާފަށް މާލޭގެ އެކި ސަރަހައްދުތަކުގެ މަގުމައްޗަށް އެއްވެ އަޑުގަދަކޮށް މުޒާހަރާކޮށް އާންމުދަތުރުފަތުރު ކުރުމަށް ދަތިވާނެހެން ހަރަކާތްތެރިވެ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅާފައިވާ ކަމުގެ ތުހުމަތުގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމްގެ މަންމަ، މަންދީ ފުލުހަށް ހާޒިރުކުރަން އަންގާފައި މިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުންނާ ގުޅޭ ގޮތުން ދެއްކި ވާހަކައެއްގެ މައްސަލައެއް ހޫނުވެފައިވާ ދަނޑިވަޅެއްގަ އެވެ. އެ މައްސަލާގައި މަންދީއާ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްގެ އިތުރުން އެމްޑީޕީއަށް ދައުވާކުރަން ނިންމާފައިވާ ކަމަށް ރައީސްގެ އާއިލާގެ ވަކީލު އައިޝަތު އާޒިމާ ޝަކޫރު މިއަދު ވަނީ ވިދާޅުވެފަ އެވެ.

Ads by Ooredoo