ސުޕްރީމް ކޯޓަށް ކުރިމަތިލެއްވި ޝަހީދާއި ނިހާޔަތުގެ އިންޓަވިއު މާދަމާ ރޭ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންނާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިންޓަވިއު ކުރުން މާދަމާ ރެއަށް ތާވަލުކޮށްފި އެވެ.
އެންމެ ފުރަތަމަ މިދިޔަ ހޯމަ ދުވަހު، މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވީ އެންމެ ބޭފުޅެކެވެ. އެއީގެ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް އަދި ސިވިލް ކޯޓުގެ ގާޒީކަން ވެސް ކުރައްވާފައިވާ މަރިޔަމް ނިހާޔަތެވެ.
އެކަށީގެންވާ އަދަދަށް ކުރިމަތިލާފައި ނެތުމުން ދެވަނަ ފަހަރަށް މިއަދު ހެނދުނު 10 ޖަހަން ދެން ހުޅުވާލި ފުރުސަތުގައި ދެ ބޭފުޅަކު އިތުރަށް ކުރިމަތިލެއްވި އެވެ. އެއީ ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސެން ޝަހީދާއި، ގާނޫނީ ވަކީލު ރުސްދުﷲ އިބްރާހީމެވެ.
"ދެން އޮންލައިން"އަށް އެނގިފައިވާ ގޮތުގައި ފަނޑިޔާރުންގެ އިންޓަވިއުތައް މާދަމާގެ ރޭގެ އެކި ގަޑިތަކަށް ވަނީ ތާވަލުކޮށްފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމެއް ހުސްވީ ހުސްނުއްސުއޫދު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. ސުއޫދާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު ވަނީ ސަސްޕެންޑްކޮށްފަ އެވެ.
ތިން ފަނޑިޔާރުން ސަސްޕެންޑްކުރީ، ޕާޓީން ވަކިކުރުމުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލަށް އަމަލުކުރުން ހުއްޓުވުމުގެ ވަގުތީ އަމުރެއްގެ އަޑުއެހުމެއް ފަށަން ތައްޔާރުވެފައި ވަނިކޮށެވެ.
