ޚަބަރު

މިނިސްޓަރެއްގެ ފެންވަރުގައި ނަރީޝް ޔޫތު މިނިސްޓްރީއަށް

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
އަހްމަދު ނަރީޝް: މިނިސްޓަރެއްގެ ފެންވަރުގައި ޔޫތު މިނިސްޓަރުގެ އެޑްވައިޒަރުގެ މަގާމަށް ވަނީ އައްޔަންކޮށްފައި / ފޮޓޯ:ދެން އިމޭޖްސް

މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރުގެ މަގާމު އަދާކުރެއްވި އަހްމަދު ނަރީޝް މިނިސްޓަރެއްގެ ފެންވަރުގައި ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރީއަށް އައްޔަންކޮށްފި އެވެ.

Ads by MPL

ސިޓީގެ ކައުންސިލުގެ މާފަންނު މެދު ދާއިރާގެ މެމްބަރުކަމުންނާއި މާލޭގެ ޑެޕިއުޓީ މޭޔަރުގެ މަގާމުން ނަރީޝް އިސްތިއުފާ ދެއްވާފައި ވަނީ މިދިޔަ ބުދަ ދުވަހު އެވެ.

އިސްތިއުފާ ދެއްވަމުން މާލޭގެ މޭޔަރު އާދަމް އާޒިމަށް ފޮނުވި ސިޓީގައި ނަރީޝް ވިދާޅުވީ ސިޓީ ކައުންސިލުގައި އޭނާ ހޭދަކުރެއްވި މުއްދަތުގައި ކައުންސިލުގެ ފަރާތުން ދަސްވި ފިލާވަޅުތަކަކީ ކުރިއަށް އޮތް ތަނުގައި ކޮންމެ ދާއިރާއެއްގައި މަސައްކަތްކުރި ނަމަވެސް އެ މަސައްކަތް ކާމިޔާބު ކުރުމަށް ލިބިގެންދާނެ އިތުރު ހަކަތައަކަށްވާނެ ކަމަށެވެ.

ޑެޕިއުޓީ މޭޔަރުގެ މަގާމުން އިސްތިއުފާ ދެއްވީ ގައުމާއި ރައްޔިތުންނަށް އެހެން ހައިސިއްޔަތަކުން ހިދުމަތް ކުރުމުގެ ފުރުސަތު ލިބިވަޑައިގަތުމުން ކަމަށް ނަރީޝް ފާހަގަކޮށްފައިވެ އެވެ.

މިނިސްޓަރު ފެންވަރުގައި ޔޫތު މިނިސްޓަރުގެ އެޑްވައިޒަރުގެ މަގާމަށް ނަރީޝް އައްޔަންކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެކަން ސަރުކާރުގެ އޮފިޝަލަކު ވަނީ "ދެން" އަށް ކަށަވަރުކޮށްދެއްވާފަ އެވެ.

މިނިސްޓަރަކަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި މަހަކު 66،000 ރުފިޔާ ލިބިވަޑައިގަންނަވަ އެވެ. ވުމާ އެކު އެ ފެންވަރުގައި އައްޔަންކުރައްވާ ބޭފުޅުންނަށް ވެސް މުސާރަ އާއި އެލަވަންސްގެ ގޮތުގައި އެ އަދަދު ލިބިވަޑައިގަންނަވާނެ އެވެ.

ސަރުކާރުގައި 20 މިނިސްޓަރުން ތިއްބެވިއިރު، އެ ފެންވަރުގައި 16 ބޭފުޅަކު ވަނީ އައްޔަންކޮށްފަ އެވެ. އެ ބޭފުޅުންނާ އެކު މި ވަގުތު 36 މިނިސްޓަރުން އެބަތިއްބެވެ.

ރައީސް އޮފީހުގައި 10 ބޭފުޅަކު ތިއްބެވިއިރު، އިސްލާމީ މަރުކަޒުގެ އިސް އިމާމާއި ކޮމިޝަނަ އޮފް ސްޕޯޓްސް އާއި އެމްއެންޔޫގެ ޗާންސެލާ އާއި އައިޔޫއެމްގެ ޗާންސެލާ އާއި އެލްޖީއޭގެ ސީއީއޯގެ އިތުރުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމަށް ބޭފުޅުން އައްޔަންކޮށްފައި ވަނީ މިނިސްޓަރުންގެ ފެންވަރުގަ އެވެ.

މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރަކަށް ނަރީޝް އިންތިހާބު ކޮށްފައި ވަނީ 2021 ވަނަ އަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހު އެވެ.

ސިފައިންގެ ހިދުމަތުގައި ވެސް އުޅުއްވި ނަރީޝް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޕަބްލިކް ރިލޭޝަންސް އެންޑް އިވެންޓް މެނޭޖަރުކަން ކުރައްވާފަ އެވެ. އެފަހުން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ކޯޑިނޭޓަރުގެ މަގާމު އަދާކުރެއްވި އެވެ.

ނަރީޝްއަކީ ވެރިކަން ކުރާ ކޮންގްރެސް ޕާޓީގެ ސެނެޓް މެމްބަރެކެވެ. އޭގެ ކުރިން އޭނާ ވަނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ކައުންސިލް މެމްބަރުކަން ވެސް ކުރައްވާފަ އެވެ.

Ads by Allied Insurance