ޚަބަރު

"ސަލަފް ރޯދަ ހަދިޔާ 1446" މިރޭ 9:30 ގައި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަގުހުރި ތަފާތު އެތައް ހަދިޔާތަކާ އެކު، "ސަލަފް ރޯދަ ހަދިޔާ 1446" އިވެންޓް މިރޭ ހުޅުމާލެ، ސެންޓްރަލް ޕާކުގައި އޮންނާނެ ކަމަށް ޖަމްއިއްޔަތުއްސަލަފުން ބުނެފި އެވެ.

Ads by STELCO

މިރޭގެ އިވެންޓު ސެންޓްރަލް ޕާކުގައި ބާއްވާއިރު، އިވެންޓަށް ވާން ޖެހޭ އެންމެފަހުގެ ތައްޔާރީތައް އެ ޖަމިއްޔާއިން އަންނަނީ ވަމުންނެވެ.

މި އިވެންޓަށް ހުށައެޅިފައިވާ އަގުބޮޑު ހަދިޔާތަކަށް ބަލާއިރު އުމްރާ ދަތުރު، ސައިކަލް، ސޯފާ، ކުއީންސައިޒްގެ އެނދު، އައިސް އަލަމާރި، ދޮންނަމެޝިން، އޭސީ، ލެޕްޓޮޕް، އަވަންގެ އިތުރުން އަގުހުރި އެތައް އިނާމުތަކެއް ހިމެނެ އެވެ.

"ސަލަފް ރޯދަ ހަދިޔާ 1446" އިވެންޓަށް ހަދިޔާ ހުށަހަޅާފައި ވަނީ އެލިއާ އިންވެސްޓްމަންޓް، ފަރުމާ ފާނީޗާ، އިޒްއަހްމަދު.ކޮމް، މެރިން އިކުއިޕްމަންޓް، އެސްޓީއޯ، ރެޑްވޭވް، ދިވެހިޖީޕީޓީ އަދި އެލްވަން ހާޑްވެއާއިންނެވެ.

އަގުބޮޑު ހަދިޔާތައް ހިމެނިފައިވާ މި އިވެންޓުގެ އެންމެ ހާއްސަ އިވެންޓަކީ "ސަލަފުއްސާލިހުންގެ ރޯދަ" މި މައުލޫއަށް ބާއްވާ ހާއްސަ ފޯރަމެވެ. މި ފޯރަމުގައި ތަގުރީރު ކުރައްވާނީ އައްޝައިޚް އަހްމަދު ސަމީރު، އައްޝައިޚް އަބްދުއްސަލާމް ދާވޫދުގެ އިތުރުން އައްޝައިޚް މުޖުތަބާ ހަމީދެވެ.

މިރޭ 9:30 ގައި ސެންޓްރަލް ޕާކުގައި ބާއްވާ މި އިވެންޓަށް ވީހާވެސް ގިނަ ފަރާތްތަކުން ދިއުމަށް ސަލަފުން އެދެ އެވެ. ހެޔޮ ނަސޭހަތެއް ލިބުމުގެ އިތުރުން ކޮންމެވެސް އަގުހުރި އިނާމެއް ލިބުމުގެ ފުރުސަތު އޮތް މި އިވެންޓަކީ މިފަދައިން ޖަމިއްޔާއިން އިންތިޒާމް ކުރާ ފުރަތަމަ އިވެންޓް ކަމަށް ސަލަފުން ބުންޏެވެ.

ސަލަފުން ބުނީ މިރޭގެ އިވެންޓުގައި ހުށަހެޅިފައިވާ އަގުހުރި ހަދިޔާތައް ލިބޭނީ އިވެންޓުގައި ބައިވެރިވާން ސެންޓްރަލް ޕާކަށްދާ ފަރާތްތަކަށް ކަމަށެވެ.

"މި އިވެންޓުގައި 3 ބައެއް ހިމެނިފައިވާނެ. ފުރަތަމަ ބަޔަކީ ފޯރަމް. އަދި ދެ ވަނަ ބަޔަކީ ހަދިޔާތައް. މި އަގުބޮޑު ހަދިޔާތައް ލިބޭނީ އިވެންޓަށް ވަޑައިގަނެ، އިވެންޓުގައި ބައިވެރިވާ ފަރާތްތަކަށް. އެއީ އެތަނަށް ހާޒިރުވާ ފަރާތްތަކަށް ވަގުތުން ހާއްސަ ކޫޕަންއެއް ދެވޭނެ. އެހެންވީމަ މި ގުރުއަތުގައި ބައިވެރިވެވޭނީ އެތަނަށް ހާޒިރުވާ ފަރާތްތަކަށް އެކަނި،" އިވެންޓް ކޯޑިނޭޓަރު މުހައްމަދު ޝުޖާއު ވިދާޅުވި އެވެ.

މިރޭގެ އިވެންޓުގައި ހިމެނޭ ތިންވަނަ ބަޔަކީ ސަޕްރައިޒެއް ކަމަށާއި ދަރުސްތަކާއި އިވެންޓުތައް އޮންލައިންކޮށް ރާއްޖޭގެ އެކި ހިސާބުތަކުން ބަލާ ފަރާތްތަކަށް ވެސް ހާއްސަ ހަދިޔާއެއް އޮންނާނެ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

"މި އިވެންޓަށް ހާޒިރުވާން ބޭނުންވެފައި އެބަތިބި ވަރަށް ގިނަ ފަރާތްތައް. އިވެންޓް ފަސްވުމުގެ ސަބަބުން ފުރައިގެން ޗުއްޓީއަށް ބައެއް ފަރާތްތައް ވަނީ ގޮއްސަ. އެހެންކަމުން އަޅުގަނޑުމެން އެފަދަ ފަރާތްތަކަށް ހާއްސަކޮށް ވެސް ހަދިޔާއެއް އޮންނާނެ. إن شاء الله، ނަމަވެސް އެއީ ސަޕްރައިޒްއެއް ވީމާ، އެބައި އިއުލާން ކުރެވޭނީ އިވެންޓް ފެށުމަށްފަހު،" އިތުރަށް މައުލޫމާތު ދެއްވަމުން މުހައްމަދު ޝުޖާއު ވިދާޅުވި އެވެ.

މިރޭގެ މި ހާއްސަ އިވެންޓް ދާރިސް ޓީވީން ވަގުތުން ދައްކާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މި އިވެންޓަށް ތަފާތު އެކި ގޮތްގޮތުން އެހީތެރިވެ، ހަދިޔާ ހުށަހެޅި ފަރާތްތަކާ އަދި މި އިވެންޓް އިންތިޒާމު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އެކިއެކި ފަރާތްތަކުގެ އިތުރުން ޖަމިއްޔާގެ ވޮަންޓިއަރުންނަށް ސަލަފުން ޝުކުރު އަދާކުރެ އެވެ. އެ އާއެކު، މި އިވެންޓު ބޭއްވުމަށް ތަން ހަމަޖައްސައި އެހެނިހެން އެހީތެރިކަމާއި އެއްބާރުލުން ދީފައިވާތީ އެޗްޑީސީއަށް ވެސް އެ ޖަމިއްޔާއިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

Ads by HDC