އަންހެން އެކްޓިވިސްޓުންނަށް އަމާޒުކޮށް ބިރު ދެއްކުން ހުއްޓާލާ: ޝާހިދު

އިދިކޮޅު އެމްޑީޕީގެ އަންހެން އެކްޓިވިސްޓުންނަށް އަމާޒުކޮށް ބިރުދެއްކުމުގެ އަމަލުތައް ސަރުކާރުން ކުރާ ކަމަށް ތުހުމަތުކޮށް އެ ކަން ހުއްޓާލަން ޖެހޭ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެ އެވެ.
ޝާހިދު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި މިހެން ވިދާޅުވި އިރު، އެމްޑީޕީން ސިލްސިލާކޮށް ކޮންމެ ރެއަކު ބާއްވާ މުޒާހަރާގައި ބައިވެރިވާ އެކި އަންހެން އެކްޓިވިސްޓުން ފުލުހަށް ހާޒިރުވާން ޗިޓު ފޮނުވާފައި ވަނިކޮށެވެ.
"މި މަސައްކަތް ހަރުކަށި އިބާރާތުން ކުށްވެރިކުރަން، ދައުވާކުރަން ހިފުމާއި ފުލުހަށް ހާޒިރުކޮށް ބިރު ދެއްކުމަށް ކުރާ މަސައްކަތްތަކުގެ ސަބަބުން މި ސަރުކާރާ ދެކޮޅަށް އުފެދިފައިވާ ރުޅިވެރިކަމުގެ ރާޅު ހުއްޓައެއް ނުލެވޭނެ،" އދ. ގެ އާންމު މަޖިލީހުގެ ރައީސްކަމާއި ދެ ސަރުކާރެއްގައި ފޮރިން މިނިސްޓަރު ކަން ކުރައްވާފައިވާ ޝާހިދު ވިދާޅުވި އެވެ.
މި އަމަލުތަކުން އެނގެނީ އެއްވެ އުޅުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޑިމޮކްރެޓިކް އަސާސްތައް މި ސަރުކާރުން ނުދަމަހައްޓާނެ ކަން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަން ވެސް ކުރައްވާފައިވާ ޝާހިދު ވިދާޅުވި އެވެ.
އަދި ސިޔާސީ މައިދާނުގައި އަންހެނުންނަށް ކުރާ އަނިޔާ އިތުރުކުރުމަށް ބާރުއެޅުމުގެ ސިފައެއް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
އެމްޑީޕީން ބޭއްވި އެއްވުމެއްގައި އެ ޕާޓީގެ އެކްޓިވިސްޓު، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމްގެ މަންމާފުޅު މަރިޔަމް ޒުބައިރު 'މަންދީ'، ރައީސް މުހައްމަދު މުއިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް ދެއްކެވި ވާހަކައަކާ ގުޅިގެން ވަރަށް ބޮޑަށް މައްސަލަ ހޫނުވި އެވެ.
ރައީސްގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވަނީ އެ ކަން ކުށްވެރިކޮށް ބަޔާނެއް ނެރެ މަންދީއާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާ ދެކޮޅަށް މަދަނީ ދައުވާކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ސަރުކާރުގެ ހުރިހާ އިސް ބޭފުޅުންނާއި މަޖިލީހުގެ މެންބަރުން ގެންދަވަނީ އެ ކަން ކުށްވެރިކުރައްވައި ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރައްވަމުންނެވެ.
