ޚަބަރު

ބިންވެރިޔާ ސްކީމާ ގުޅޭ އޮޑިޓެއްކޮށް ފާހަގަވި މައްސަލަތައް އެޗްޑީސީން ފުލުހުންނަށް ހުށަހަޅައިފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
'ބިންވެރިޔާ' ސްކީމުގެ ދަށުން ދޫކޮށްފައިވާ ބިންތަކުން ބިމެއްގައި ބަޔަކު މަސައްކަތް ކުރަނީ / ފޮޓޯ:އެޗްޑީސީ

ބިންވެރިޔާ ސްކީމާ ގުޅޭ އޮޑިޓެއްކޮށް ފާހަގަވި މައްސަލަތައް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފުލުހުންނަށް ހުށަހަޅައިފި އެވެ.

Ads by STELCO

އެޗްޑީސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ސަރުކާރުން ހިންގި 'ބިންވެރިޔާ' ސްކީމުގެ ދަށުން ހުޅުމާލޭން ދޫކޮށްފައިވާ ބިންތަކުގެ އިމާރާތް ކުރުމުގެ ހުއްދައަށް އެދޭއިރު، އެއް ބިމަކަށް އެއް ފަރާތަށް ވުރެ ގިނަ ފަރާތްތަކުން އިމާރާތް ކުރުމުގެ ހުއްދައަށް އެދި އެ ކޯޕަރޭޝަނަށް ހުށަހަޅަމުންދާ ކަމަށެވެ.

އެކަން ސަމާލު ކަމަށް އައުމާ ގުޅިގެން އިތުރަށް ބަލައި ކަމާ ގުޅޭގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެ ކޯޕަރޭޝަނުގެ ފަރާތުން އަޅަމުން އަންނަ ކަމަށް އެޗްޑީސީން ބުންޏެވެ.

'ބިންވެރިޔާ' ސްކީމުގެ ދަށުން ހުޅުމާލޭން ދޫކުރެވުނު ބިންތަކާ ގުޅޭގޮތުން ހާއްސަ އޮޑިޓެއް ކޮށްފައިވާކަން ފާހަގަކުރި އެވެ. އެޗްޑީސީން ބުނި ގޮތުގައި އެ އޮޑިޓުން 'ބިންވެރިޔާ' ސްކީމާ ގުޅޭ މިފަދަ އިތުރު މައްސަލަތަކެއް ފާހަގަވެފައިވާ ކަމުގަ އެވެ.

އެ މައްސަލަތައް އިތުރަށް ތަހުގީގު ކުރުމަށް ޓަކައި އެ ކޯޕަރޭޝަނުގެ ފަރާތުން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އެޗްޑީސީގެ ބަޔާނުގައިވެ އެވެ.

އެޗްޑީސީން ވަނީ ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ކަންކަން ބަލައި އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އެ ކޯޕަރޭޝަނުގެ ފަރާތުން އަޅަމުން ގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަންދީފަ އެވެ. އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަނީ އާންމުންގެ ލާބަ އާއި މަންފާއަށް އަދި އާންމުންނަށް ދޭން ޖެހޭ ހިދުމަތްތައް ނަޒާހަތްތެރިކަމާ އެކު، އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

Ads by Ooredoo