ޚަބަރު

ޝާމިލްއަށް ތުހުމަތުތަކެއްކޮށް އަަޒްމިރާލްދާ ހުށަހެޅި މައްސަލަ އޭސީސީގައި ރަޖިސްޓްރީކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ޖުޑިޝަރީ ކޮންފަރެންސެއްގައި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް އާދަމް ޝާމިލް މަގާމުގެ ނަހަމަ ނުފޫޒު ބޭނުންކޮށްގެން ސުޕްރީމް ކޯޓުގެ ޝަރީއަތެއް ހުއްޓުވި ކަމަށް ވިދާޅުވެ ސަސްޕެންޝަނުގައި ހުންނެވި އެ ކޯޓުގެ ފަނޑިޔާރު ޑރ. އަަޒްމިރާލްދާ ޒާހިރު، އޭސީސީއަށް ހުށަހެޅުއްވި މައްސަަލަ ބަލައިގެންފި އެވެ.

Ads by STELCO

ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހުތައް ބާތިލުކުރުމުގެ މައްސަލަ ބަލަން ފަށަން އުޅެނިކޮށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަޒްމިރާލްދާ ސަސްޕެންޑްކުރީ އޭސީސީން ޖޭއެސްސީއަށް ފޮނުވި ސިޓީއެއްގެ މައްޗަށް ބިނާކޮށެވެ.

ނަމަވެސް އަޒްމިރާލްދާ ވިދާޅުވީ އެ ސިޓީގައިވާ ވާހަކަތަކަކީ އޭސީސީގެ ރައީސް ޝާމިލް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ދޮގު މައުލޫމާތު ހިމަނައި ފޮނުވި ސިޓީއެއް ކަމަށާއި އޭގެ މަގުސަދަކީ ސުޕްރީމް ކޯޓުގައި ތާވަލުކުރެވިފައިވާ ޝަރީއަތެއް ހުއްޓާލައި ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވުން ކަމަށެވެ. އަދި އެ ތުހުމަތުތައް ހިމަނައި ޝާމިލުގެ މައްސަލަ ބަލައިދޭން އަޒްމިރާލްދާ އޭސީސީއަށް ހުށަހެޅުއްވި އެވެ.

އޭސީސީން އިއްޔެ ބުނީ އަޒްމިރާލްދާ ހުށަހެޅުއްވި މައްސަލަ މިހާރު ރަޖިސްޓްރީކޮށްދީފައިވާ ކަަމަށެވެ. އިތުރު ތަފްސީލެއް އެ ކޮމިޝަނުން ނުދެ އެވެ.

އޭސީސީއަށް އަޒްމިރާލްދާ ފޮނުއްވި ސިޓީގައި ފާހަގަކޮށްފައިވާ ކަންކަން:

  • އޭސީސީން ސިޓީ ފޮނުވީ އަތުން އަތަށް
  • ސިޓީގައި ނަންބަރެއް ނެތް
  • ސިޓީ ފޮނުވިއިރު ޖިނާއީ ތަހުގީގެއް ކުރުމަށް ކޮމިޝަނުން ނުނިންމާކަން
  • ޖިނާއީ ތަހުގީގެއް ފަށާފައިނުވާކަން
  • މައްސަލަ ތަހުގީގުކުރެވެމުންދާ ކަމަށް ބުނެ ޝާމިލް ޖޭއެސްސީއަށް ދިނީ ދޮގު މައުލޫމާތު

އާއްމު އިޖުރާތްތަކާ ހިލާފަށް ޝާމިލް ސިޓީ ފޮނުވާފައިވަނީ ސުޕްރީމް ކޯޓުގައި އޮތް މައްސަލަ ކުރިއަށް ނުގެންދަން ބަންޑާރަ ނައިބުގެ ފަރާތުން ބޭނުންވާތީ އެ މަގުސަދު ހާސިލުކޮށްދިނުމަށާއި އަދި އޭސީސީގެ ރައީސަކީ ރައީސް އައްޔަންކުރައްވާ ފަރާތެއް ކަމަށްވާތީ އަމިއްލަ މަގާމު ދިފާއުކުރުމުގެ މަސްލަހަތު ކަމުގައި ދެކޭ ކަމަށް އަޒްމިރާލްދާ ވިދާޅުވި އެވެ. އެހެންވެ ޝާމިލްއާ ދެކޮޅަށް ޖިނާއީ ތަހުގީގެއް ހިންގައިދޭން ސިޓީގައި އޭނާ އެދިވަޑައިގެންނެވި އެވެ.

Ads by HDC