ޚަބަރު

ކާނިވާ ސްޓޭޖުގެ ކުރެހުން ދައްކާލައިފި، މަސައްކަތް ހަވާލުކުރީ ހަތަރު މިލިއަނަށް

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ކާނިވަލުގައި އަލަށް އަޅާ ސްޓޭޖު ހުންނާނެ ގޮތުގެ ކުރެހުމެއް / ފޮޓޯ:މާލެ ސިޓީ ކައުންސިލް

މާލެ ސިޓީގެ އަލިމަސް ކާނިވާ ސަރަހައްދުގައި މިހާރު ހުރި ސްޓޭޖު ތަޅާލުމަށް ފަހު، އެ ތަނުގައި ތަރައްގީ ކުރާ ސްޓޭޖު ހުންނާނެ ގޮތުގެ ކުރެހުން މާލެ ސިޓީ ކައުންސިލުން ދައްކާލައިފި އެވެ.

Ads by MPL

އަލިމަސް ކާނިވަލަކީ މަޖީދިއްޔާ ސްކޫލަށް 75 އަހަރު ފުރުމާ ގުޅިގެން 2004 ވަނަ އަހަރު ހުޅުވި ތަނެކެވެ. އެ ސަރަހައްދު ވަރަށް ބޮޑަށް ބާވުމާ ގުޅިގެން ޒަމާނީ ފެންވަރަށް ތަރައްގީކުރަން ސިޓީ ކައުންސިލުން ނިންމާފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ.

އަލަށް އަޅާ ސްޓޭޖު ހުންނާނެ ގޮތުގެ ކުރެހުން ރޭ އާންމުކޮށް، ސިޓީ ކައުންސިލުން ބުނީ އެ މަސައްކަތް ކުރުމަށް މިދިޔަ ހުކުރު ދުވަހު ބަޔަކާ ހަވާލުކޮށްފައިވާ ކަމަށެވެ.

އެ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ކާނިވާ ސަރަހައްދުގައި މިހާރު އިމާރާތް ކޮށްފައިވާ ސްޓޭޖު ތަޅާލުމަށް ފަހު، އާ ސްޓޭޖެއް ތަރައްގީ ކުރުމަށް ހަވާލުކޮށްފައި ވަނީ ޔޫއެޗް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ އެވެ.

ސްޓޭޖުގެ މަސައްކަތް 4.8 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައި ވަނީ 140 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އާ ސްޓޭޖުގެ ފޮޓޯއަކާ އެކު، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ޒަމާންތަކެއް ވަންދެން ހަލާކުވެ ވީރާނާވާން ދޫކޮށްލާފައިވާ ސްޓޭޖު ދެން ފެންނާނީ އެންމެ ޒަމާނީ ފެންވަރުގެ ތަނެއްގެ ގޮތުގައި ކަމަށެވެ.

ސިޓީ ކައުންސިލުން ބުނި ގޮތުގައި ކާނިވަލުގެ އާ ސްޓޭޖުގެ މަސައްކަތަކީ މާލޭގެ މޭޔަރުކަމާ އާޒިމް ހަވާލުވެވަޑައިގަތުމަށް ފަހު، މިހާރު އޮތް ކައުންސިލުގެ ފްލޯއިން ފާސްކުރެވިގެން ކުރުމަށް ނިންމާފައިވާ މަސައްކަތެއް ކަމުގަ އެވެ.

Ads by Ooredoo