އަޒްމިރާލްދާ ނޫސްބަޔާން ނެރުއްވުން ވެސް ސުލޫކީ މައްސަލައަކަށް

ސަސްޕެންޝަނުގައި ހުންނެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ފަރާތުން ނޫސް ބަޔާން ނެރުއްވާތީ އޭނާގެ އިތުރު ސުލޫކީ މައްސަލައެއް ބަލަން ޖުޑީޝަލް ސާވީސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.
އަޒްމިރާލްދާގެ ފަރާތުން ބަޔާން ނެރުއްވަނީ އޭނާގެ ވަކީލު އިބްރާހިމް ޝަމީލް އެވެ. ޝަމީލްގެ ބަޔާނުތަކުގައި ޖޭއެސްސީގެ ބައެއް ނިންމުންތަކުގެ މައުލޫމާތު ތަފްސީލީ ގޮތެއް ގައި ހާމަކުރެ އެވެ. އަދި މީޑިއާތަކަށްވެސް މައުލޫމާތު ހިއްސާކުރެ އެވެ.
މި ނޫހަށް އެނގިފައިވާ ގޮތުން މިއަދު ކުރިއަށް ދިޔަ ޖޭއެސްސީގެ ބައްދަލުވުމުގައި ނޫސް ބަޔާން މެދުވެރިކޮށް މީޑިއާ އަށް މައުލޫމާތު ދިނުމަކީ ފަނޑިޔާރުގެ ސުލޫކަށް އަސަރުކުރާ ކަމަކަށްވާތީވެ އެ މައްސަލަ ބަލަން ކޮމިޝަނުން ވަނީ ނިންމާފަ އެވެ.
އެކަމާ ބައެއް ފަނޑިޔާރުން ދެކޮޅު ހެއްދެވި އެވެ. އެކަމަކު ދެން ތިބި މެންބަރުންގެ ވޯޓުން ކޮމިޝަނުން ވަނީ މައްސަލަ ބަލަން ނިންމާފަ އެވެ.
އެ ބައްދަލުވުމުގައި ބަންޑާރަ ނައިބު އަހުމަދު އުޝާމް ބައިވެރިވެވަޑައިނުގަންނަވަ އެވެ.
ޖޭއެސްސީން މި މައްސަލަ ބަލަން ނިންމާފައިވާއިރު، ފިރިމީހާ ޑރ. އިސްމާއިލް ލަތީފްގެ ބަންދަށް އަޒްމިރާލްދާ ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލައެއްވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ. ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު، ހައި ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ހުތުރުކޮށް ވާހަކަ ދެއްކި މަޖިލީހެއްގައި އަޒްމިރާލްދާ އިންނެވި މައްސަލަވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ.
ފުރަތަމަ މައްސަލާގައި އަޒްމިރާލްދާގެ ބަޔާން ޖޭއެސްސީން ނަގާފައިވާއިރު ދެވަނަ މައްސަލައިގެ އަޑުއެހުން މާދަމާ އަށް ތަވާލުކޮށްފައިވެ އެވެ.
އަޒްމިރާލްދާގެ ވަކީލު މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ ލަތީފުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓުގެ އެއްވެސް ގާޒީއަކަށް އަޒްމިރާލްދާ ނުފޫޒު ފޯރުވާފައިނުވާކަން ގާޒީންގެ ބަޔާންތަކުން އެނގޭ ކަމަށެވެ. އަދި އަޒްމިރާލްދާ އަށްކުރަނީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށް ބަޔާނުގައި ބުންޏެވެ.
