އަޒްމިރާލްދާ ސުލޫކާ ހިލާފަށް ކުރި ކަމެއް ޖޭއެސްސީއަށް ބުނެ ނުދެވުނު: ވަކީލު

ސަސްޕެންޝަނުގައި ހުންނެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުއާ ގުޅޭ ގޮތުން ޖުޑީޝަލް ސާވީސް ކޮމިޝަން ( ޖޭއެސްސީ) އިން ބަލަމުންދާ ސުލޫކީ ދެ ވަނަ މައްސަލައަކީ ކޮބައިކަން އެ ކޮމިޝަނަށް ސާފުކޮށް ނުދެވުނު ކަމަށް އަޒްމިރާލްދާގެ ވަކީލު އިބްރާހިމް ޝަމީލު މިއަދު ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު، ހައި ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ހުތުރުކޮށް ވާހަކަ ދެއްކި މަޖިލީހެއްގައި އަޒްމިރާލްދާ އިންނެވި މައްސަލާގައި ޖޭއެސްސީން ވަނީ މިއަދު އަޑުއެހުމެއް ބާއްވާފަ އެވެ.
އެ އަޑުއެހުމަށް ފަހު ޝަމީލު ނެރުނު ބަޔާނެއްގައި ވިދާޅުވީ މިއަދުގެ އަޑުއެހުމުގައިވެސް އިޖުރާއީ ގޮތުން ބައެއްކަން ހުށަހަޅަން މައްސަލަ ބަލާ ކޮމިޓީން އޭނާއަށް ފުރުސަތު ދީފައިނުވާ ކަމަށެވެ. އެ ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށާއި، ކޮމިޓީން ކުރިއަށްގެންދާ ތަހުގީގަކީ ގައިރު ދުސްތޫރީ ތަހުގީގެއް ކަމަށް އަޒްމިރާލްދާ އަޑުއެހުމުގައި ވިދާޅުވި އެވެ.
އަދި މައްސަލަ ޖޭއެސްސީން ބެލުމަށް ނިންމި އިޖުރާއަތްތަކުގެ ސައްހަކާމާމެދު އަޒްމިރާލްދާ ސުވާލު އުފެއްދި ކަމަށާއި އަދި މިއަދު ސުވާލުކުރި މައްސަލަ ބެލުމަށް ނިންމި ތާރީހެއް އޮޅުން ފިލުވައި ދޭން އެދުމުން އެ މައުލޫމާތުވެސް ކޮމިޓީން ދީފައިނުވާ ކަމަށް ޝަމީލްގެ ބަޔާނުގައި ވިދާޅުވި އެވެ.
"ފަނޑިޔާރު ސުލޫކާ ހިލާފަށް ކުރި ކަމަށްބުނާ އަމަލަކީ ކޮބައިކަން ސާފުކޮށް ދިނުމަށް ފަނޑިޔާރު ތަކުރާރުކޮށް އެދިވަޑައިގަތުމުންވެސް ކޮމިޓީއަށް ތުހުމަތު ސާފުކޮށް ނުދެވުނު" ސުލޫކީ މިންގަނޑާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައި ނުވާނެކަމަށާއި، އަދި މައްސަލައަކީ ސުލޫކީ މައްސަލައެއްގެ ގޮތުގައި ބެލޭނެ މައްސަލައެއް ނޫން ކަމަށް އަޑުއެހުމުގައި އަޒްމިރާލްދާ ވިދާޅުވި އެވެ.
އަޒްމިރާލްދާގެ އިތުރު ދެ މައްސަލައެއްވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ. އެއީ އޭނާގެ ފިރިކަލުން ޑރ އިސްމާއިލް ލަތީފް ބަންދަށް ނުފޫޒު ފޯރުވާ ކަމަށް ބުނާ މައްސަލައިގެ އިތުރުން އަޒްމިރާލްދާ މީޑީއާތަކަށް ބަޔަންދޭ މައްސަަލަ އެވެ.
