ކަންބޮޑުވުންތަކާ ގުޅިގެން ރައީސް ތެލެސީމިއާ ސެންޓަރަށް

ތެލެސީމިއާއަށް ފަރުވާ ހޯދަމުންދާ ފަރާތްތަކުންނާއި އެ ފަރާތްތަކުގެ އާއިލާތަކުން ފާޅުކުރަމުން އަންނަ ކަންބޮޑުވުންތަކާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތެލެސީމިއާ ސެންޓަރަށް ވަޑައިގެން ތަނުގައި މަސައްކަތްތައް ހިނގަމުންދާ ގޮތް ބައްލަވާލައްވައިފި އެވެ.
ތެލެސީމިއާއަށް ފަރުވާ ހޯދަމުން އަންނަ ފަރާތްތަކުންނާއި އެ ފަރާތްތަކުގެ އާއިލާތަކުން ރޭ ވަނީ މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) ކައިރީގައި މުޒާހަރާކޮށްފަ އެވެ. އެ ފަރާތްތަކުން މުޒާހަރާކޮށްފައި ވަނީ ލިބެން ޖެހޭ ހިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ނުލިބި ދިގުލައިގެން ދިއުމާ އެކު، އެމްބީއެސް ހިންގުމާ ހަވާލުވެ ތިއްބެވި ފަރާތްތަކާ އެކު ބޭއްވި ބައްދަލުވުމުން ވެސް ހައްލަކާ ހަމައަށް ނުދެވުމުންނެވެ.
ތެލެސީމިއާ ސެންޓަރަށް ރައީސް ވަޑައިގެންފައި ވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގަ އެވެ. އަރިހުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރުގެ އިތުރުން ސަރުކާރުގެ އިސްބޭފުޅުން ވަޑައިގެންނެވި އެވެ.
ރައީސް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އެ ސެންޓަރަށް ކުރެއްވި ޒިޔާރަތުގައި ތަނުގެ ހުރިހާ ޑިޕާޓްމަންޓެއްގެ ހާލަތު ރައީސް ވަނީ ބައްލަވާފައި ކަމަށެވެ. އަދި އެ ވަގުތު ހިދުމަތް ހޯދަމުންދިޔަ ބަލި މީހުންގެ އާއިލާތަކާ ބައްދަލުކުރައްވައި، އެ ފަރާތްތަކުގެ ހުރި ކަންބޮޑުވުންތަކުގެ އަޑުއެއްސެވި ކަމަށެވެ.

ތެލެސީމިއާ ސެންޓަރަށް ރައީސް ކުރެއްވި ޒިޔާރަތުގެ ތެރެއިން / ފޮޓޯ:ރައީސް އޮފީސް
"ފެމިލީތަކުން ފާޅުކުރި ކަންބޮޑުުވުންތަކަށް، މިވަގުތުން ފެށިގެން ހައްލު ކުރެވެން ހުރި ހުރިހާ ކަމެއް ހައްލުކޮށް، ކަމާ ބެހޭ އިދާރާތަކުގެ ވެރިންނާ މަޝްވަރާ ކުރައްވައިގެން ފިޔަވަޅުތައް އަޅަން ސަރުކާރުން ފައްޓަވައިފި،" އޮފިޝަލް ވިދާޅުވި އެވެ.
ޒަމާނުއްސުރެ ތެލެސީމިއާ ސެންޓަރުގައި ހުރި މައްސަލަތައް ހައްލު ކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައި ނުވާކަން ފާހަގަކުރައްވާ އޮފިޝަލް ވިދާޅުވި ގޮތުގައި މިހާރު ހުރި ހުރިހާ މައްސަލަތަކެއް ހައްލު ކުރުމުގެ މަސައްކަތް ވަނީ ފެށިފައި ކަމުގަ އެވެ.
ތެލެސީމިއާއަށް ފަރުވާ ހޯދަމުން އަންނަ ފަރާތްތަކުގެ ކަންބޮޑުވުންތަކުގެ ތެރޭގައި އެމްބީއެސްއިން ބޭސް ފޯރުކޮށްދިނުން ހުއްޓާލައި ބޭސް ދޫކުރުން ފާމަސީތަކާ ހަވާލުކުރުމުން ބޭސް ލިބުން ދަތިވުމުގެ އިތުރުން މިހާރު ބޭނުންކުރަމުންދާ ފިލްޓަރުތަކުގެ މައްސަލަތަކާ ހުރެ ލޭ ޕެކެޓުތައް އުކާލަން ޖެހުން ހިމެނެ އެވެ.
އެމްބީއެސްގައި ބަލި މީހުންގެ މެޑިކަލް ހިސްޓްރީއެއް ނެތުމާއި ދާއިމީ ފިޒީޝަނެއް ނެތި، ވިޒިޓިން ފިޒީޝަންގެ ހިދުމަތް ވެސް މިހާރު ހުއްޓާލާފައިވާ ކަމަށް އެ ފަރާތްތަކުން ބުނެ އެވެ. ތަނުގެ ހިދުމަތް ސަރުކާރު ބަންދު ދުވަސްތަކުގައި ނުލިބޭކަން ވެސް އެ ފަރާތްތަކުން ފާހަގަކުރެ އެވެ.
