ލައިފްސްޓައިލް

ފޭސްބުކުގައި ޒުވާބުކުރުން: ހުތުރު ކަމެއް!

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ގޯތި ފާރުމަތިން ޖެހިގެން ހުރި ގޯތި މީހާއާ ޒުވާބު ކުރުމަކީ ދިވެހިންގެ ތެރޭގައި ފަހަކާ ޖެހެންދެން ވެސް އޮތް ކަމެކެވެ. ހިސާބުގަނޑު މީހުން އެއްކޮށްގެން ކުރާ ޒުވާބު ހޫނުވެ ގަޔަށް ބޮލަށް އަރާ ހިސާބަށް ވެސް ދެއެވެ. ނަމަވެސް ޒަމާން މިވަނީ ބަދަލު ވެފައެވެ. ކޮންމެ މީހެއްގެ ވެސް އެންމެ ގާތުގައި ވަނީ އެމީހެއްގެ ފޯނެވެ. މީސް މީޑިއާ އެކައުންޓުތަކެވެ. އެއާއެކު ކުރާ ޒުވާބުތައް ވެސް މިވަނީ "ތަރައްގީ"ވެފައެވެ. މިހާރު ޒުވާބު ވެސް ކޮށް އުޅެނީ ފޯނުންނެވެ. ފޭސްބުކުންނެވެ.

Ads by Sosun Fihaara

މީހެއް ދެކެ ރުޅިއަންނަ އިރަށް މިހާރު އެންމެ ފުރަތަމަ ވެސް ޖަހާލެވެނީ ފޭސްބުކު ސްޓޭޓަސް އެކެވެ. ސްޓޭޓަސް އަށް އެތައް ސަތޭކަ ބަޔަކު ކޮމެންޓުކޮށް ސުވާލު ކުރާއިރު ރައްޓެހިންނާއެކު ކޮމެންޓުތަކުގައި ވެސް ރުޅި އައި މީހާއާ ދިމާލަށް އެއްޗެހި ކިޔެއެވެ. ތަންކޮޅެއް ގަޓު ހުރި މީހެއް ނަމަ ރުޅި އަންނަ މީހަކު ޓެގް ކޮށްލާފައި ވެސް ކޮމެންޓު ކުރެއެވެ. ދެން އެ ޖެހުނީ ކަންތަކާއެވެ. ބަހުގެ ހަމަލާތައް ފޮނުވާލަނީ ސްޓޭޓަސް ތަކުންނެވެ. ކޮމެންޓުތަކުންނެވެ. ފްރެންޑް ލިސްޓުގައި ތިބި އެހެން މީހުން ތިބެނީ ކުޅި ބަލާށެވެ. ވެއްޓިގެން ދަނީ ހަމަ ޒުވާބުކުރާ ދެމީހުންގެ ވެސް އަގެވެ.

އެހާރާއި މިހާރުގެ ޒުވާބުތަކުގައި ވާ އެންމެ ބޮޑު ތަފާތަކީ ކުރީގައި ކިޔާ އެއްޗެއް ނަމަ ދިމާލަށް ކިޔާކަމެވެ. ފޯނުގެ ފަހަތުގައި ފޮރުވިގެން އިނދެ އަދި ކިތަންމެ މޮޅެތި ވާހަކަ ދެއްކި ނަމަވެސް ކުރިމައްޗަށް އަރާފައި ބުނާ ބަސްބަހާ ތަފާތު ވާނެކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ސައިންސުން ވެސް ހާމަވާ ގޮތުގައި ފޭސްބުކުގައި ޒުވާބު ކުރުމަކީ ބޭކާރު ކަމެކެވެ. ބޭކާރު ކޮށްލެވޭ ވަގުތުތަކެކެވެ. 2017 ވަނަ އަހަރުގެ ތެރޭގައި ޔުނިވާރސިޓީ އޮފް ޗިކާގޯ އިން ކުރި ދިރާސާއަކުން ހާމަވާ ގޮތުގައި ފޭސްބުކުގައި ޒުވާބު ކުރުމަކީ މައްސަލައަށް އެދެވޭ ހައްލެއް ގެނެވޭނެ ކަމެއް ނޫނެވެ. ނުވަތަ މައްސަލަ ހައްލުކުރަން އޮންނަ ކޯޓެއް ވެސް ނޫނެވެ. އެ މައްސަލަ ހައްލުކުރަން ބޭނުން ނަމަ އެންމެ ރަނގަޅު ގޮތަކީ އެކަކު އަނެކަކާ ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރުމެވެ. ނުވަތަ ކޮންމެވެސް އެކަކު ގޮތް ދޫކުރުމެވެ.

އޭރުވެސް މިހާރުވެސް ޒުވާބުކުރުމަކީ ރީތި ކަމެއް ނޫނެވެ. މޮޅު ކަމެއް ވެސް ނޫނެވެ. އެހެންކަމުން ތިމާއާއި އެހެން މީހަކާ ދޭތެރޭގައި މައްސަލައެއް ޖެހިއްޖެނަމަ ދެމީހުން ރީތިކޮށް ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރާށެވެ. އެހެން މީހުން ބަލަން އޮތް ކުޅިގަނޑަކަށް މައްސަލަ ނުހަދައި ރީތި ގޮތުގައި މައްސަލަ ހައްލުކޮށްފިނަމަ އޭގެ ފައިދާ ދެމީހުނަށް ވެސް ކުރާނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!