ޚަބަރު

ގޯތި މައްސަލަ: ފުލުހުން ހިފެހެއްޓި ޕާސްޕޯޓުތައް ދޫކޮށްލައިފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ފުލުހުންގެ މައި އިދާރާ ޝަހީދު ހުސައިން އާދަމް ބިލްޑިން / ފޮޓޯ:ދެން އިމޭޖްސް

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތި ދޫކުރި މައްސަލައިގައި ރާއްޖެއިން ފުރުން މަނާކޮށް ޕާސްޕޯޓު ހިފެހެއްޓި މީހުންގެ ތެރެއިން މިހާތަނަށް ދޫނުކޮށް ހުރި ޕާސްޕޯޓުތައް ފުލުހުން ދޫކޮށްލައިފި އެވެ.

Ads by STELCO

މާލޭ ރަށްވެހިންނަށް ގޯތި ދިނުމަށް ހިންގި "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް، ގަވާއިދާ ހިލާފަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލެއިން ގޯތިތަކެއް ދިން މައްސަލަ ފެންމަތިވެ، އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން ފަށާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. ފުލުހުން ބަލަން ފެށީ ޑޮކިއުމެންޓުތަކެއް ފޯޖުކުރި މައްސަލަ އެވެ.

މައްސަލަ އާ ގުޅިގެން ފުލުހުން އެޗްޑީސީއަށް ވަދެ، ކަމާ ގުޅުންހުރި ލިޔެކިޔުންތަކާއި ޑިޖިޓަލް ހެކިތައް އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސް ތަހުލީލު ކުރަން ފެށި އެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ ގުޅިގެން ކުރަމުން ދިޔަ ތަހުގީގުގައި 20 މީހެއްގެ ޕާސްޕޯޓު ހިފެހެއްޓީ މިދިޔަ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ.

ޕާސްޕޯޓު ހިފެހެއްޓި މީހުންގެ ތެރޭގައި އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި އޭނާގެ ބޭބެ އަދި މާލެ ވޯޓަ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ހިމެނެ އެވެ.

އެ ދެ މީހުންގެ އިތުރުން މިދިޔަ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީނާ އަދި އެ މިނިސްޓްރީގެ އިތުރު ތިން ވެރިއެއްގެ ޕާސްޕޯޓު ވެސް ހިފެހެއްޓި އެވެ. އެ މީހުންގެ ޕާސްޕޯޓުތައް ފުލުހުން ހިފެހެއްޓީ އޭސީސީގެ އެދުމުގެ މަތިންނެވެ.

ގޯތި ނުލިބޭ ބަޔަކަށް ގޯތި ދޫކުރި މައްސަލައިގައި ޕާސްޕޯޓު ހިފެހެއްޓި މީހުންގެ ތެރެއިން 9 މީހެއްގެ ޕާސްޕޯޓު މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ދޫކޮށްލި އެވެ. އެ މީހުންގެ މައްޗަށް ނެރެފައިވާ އަމުރު ބާތިލުކޮށްފައި ވަނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އާ މަޝްވަރާކޮށް, ޕީޖީގެ ލަފާގެ މަތިން ކަމަށް ފުލުހުން އޭރު ބުނެފައިވެ އެވެ. އެހެންނަމަވެސް އެ މީހުންގެ ތެރޭގައި ފަޒުލް އާއި ފަޒީލް ނުހިމެނެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ދެން" އަށް ވިދާޅުވީ ބިންވެރިޔާ ސްކީމުގެ މައްސަލައިގައި އެ އިދާރާއިން ހިފެހެއްޓި ހުރިހާ މީހުންގެ ޕާސްޕޯޓު ދޫކޮށްލާފައިވާ ކަމަށެވެ. މައްސަލައިގައި އޭސީސީން ވެސް ވަނީ މީހެއްގެ ޕާސްޕޯޓު ހިފަހައްޓާފަ އެވެ. އެ މީހާގެ ޕާސްޕޯޓު ދޫކުރި ކަމެއް އަދި އެނގިފައެއް ނުވެ އެވެ.

ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުމުގެ ގޮތުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އެޗްޑީސީގެ އޭރުގެ ޗެއާމަން އަހްމަދު ނާސިފް ފިޔަވައި ޑިރެކްޓަރުންގެ ބޯޑުގެ ހުރިހާ މެމްބަރުން ސަސްޕެންޑްކުރި އެވެ. ސަސްޕެންޑްކޮށްފައިވަނިކޮށް ތަހުގީގަށް ފުރުސަތު ދިނުމަށާއި ކުންފުންޏާއި ސަރުކާރުގެ ސިޔާސަތުތައް ނުހުއްޓި ކުރިއަށް ގެންދިއުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ވިދާޅުވެ ފަޒުލް ވަނީ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

ފަޒުލް އިސްތިއުފާ ދެއްވުމުން އެޗްޑީސީއަށް އާ މެނޭޖިން ޑިރެކްޓަރަކު އައްޔަންކުރި އެވެ. އެކަމާ ގުޅިގެން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުން ސަސްޕެންޑް ކުރުމަށް ނިންމި ނިންމުން ޕީސީބީން ނިމުމަކަށް ގެނަ އެވެ.

މައްސަލަ އާ ގުޅިގެން އެޗްޑީސީން 15 މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވެ އެވެ. އެފަހުން އެ މީހުންގެ ވަޒީފާ އިއާދަކޮށް، ސަސްޕެންޑްކުރި އެވެ. އޭގެ ތެރެއިން ބައެއް މުވައްޒަފުންގެ ސަސްޕެންޝަން މިދިޔަ ފެބްރުއަރީ މަހު ވަނީ އުވާލާފަ އެވެ.

ފަޒީލުގެ މައްޗަށް ކުރެވުނު ތުހުމަތުތަކާ އެކު އެމްޑަބްލިއުއެސްސީން ވަނީ ހުރިހާ ޒިންމާތަކަކުން އޭނާ ވަކިކޮށް، އޮފީހަށް ނުނިކުމޭ ގޮތަށް ސަސްޕެންޑްކޮށްފަ އެވެ.

މައްސަލަ އާ ގުޅިގެން އޭރުގެ ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީން ޑެޕިއުޓީ މިނިސްޓަރުންނާއި ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން ހިމެނޭހެން 9 މުވައްޒަފަކު ވެސް ސަސްޕެންޑްކޮށްފައިވެ އެވެ.

Ads by Ooredoo