ޚަބަރު

ރޯދަ މަހަށް ދުރާލާ ތައްޔާރުވިނަމަ އައްޑޫއަށް ކަރަންޓު ދެވޭނެ: ފައްޔާޒު

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު: ތުހުމަތުކޮށް ދައްކާ ވާހަކަތައް ތަހުގީގު ކޮށްދިނުމަށް ވަނީ އެދިވަޑައިގެންފައި / ފޮޓޯ:ދެން އިމޭޖްސް

ރޯދަ މަހަށް ދުރާލާ ތައްޔާރުވިނަމަ އައްޑޫ ސިޓީއަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭ ވަރު ވާނެ ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މިރޭ ވިދާޅުވެއްޖެ އެވެ.

Ads by STELCO

އައްޑޫގެ ގުޅިފައިވާ ހަތަރު ރަށް، ހިތަދޫއާއި މަރަދޫއާއި މަރަދޫފޭދޫއާއި ފޭދޫން ލޯޑު ބޮޑުވެގެން ވަކި ވަގުތުތަކަށް ކަރަންޓު ކަނޑަމުންދާތާ ދުވަސްތަކެއް ވެއްޖެ އެވެ.

އައްޑޫއަށް ކަރަންޓުގެ ހިދުމަތް ދެނީ ފެނަކައިންނެވެ. ފެނަކައިން ބޭނުންކުރާ ބައެއް ޖެނެރޭޓަރުތަކަށް މައްސަލަ ޖެހިގެން މައްސަލަ ބޮޑުވެފައިވާއިރު މިދިޔަ ހޯމަ ދުވަހު އިތުރު އެއް ޖަނެރޭޓަރަށް މައްސަލަަ ދިމާވެ ކަރަންޓު ކަނޑާ ވަގުތުތައް ވަނީ އިތުރުކޮށްފަ އެވެ.

ކުރީގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ފައްޔާޒު ވިދާޅުވީ ރަށްރަށުގައި ހުރި ކަރަންޓުގެ މައްސަލަތައް ރޯދަ މަހާ ދިމާކޮށް ހައްލުކުރަން ސަރުކާރަކުން ތައްޔާރު ނުވާ މިއީ ފުރަތަމަ ފަހަރު ކަމަށެވެ.

"ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ސިޓީގެ ރައްޔިތުން އަސާސީ ހައްގަކުން މަހުރޫމްކޮށް ބޮޑު ތަކުލީފެއް އުފުލަން މަޖުބޫރު ކުރީ މި ނާގާބިލު ސަރުކާރަށް އެނގި ތިބެ،"

"ހައްލު ކޮށްދޭނެ ކަމަށް ސަރުކާރުން ވައުދުވަނީ އިހުލާސްތެރިކަމެއް ނެތި، އެނގި ތިބެ." ފައްޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުން ރޯދަ މަހަށް ސަމާލުވެގެން ތައްޔާރީތަކެއް ނުވުމުން އައްޑޫގެ ރައްޔިތުންނަށް ފޫނުބެއްދޭ ވަރުގެ އެތައް ގެއްލުމެއް ލިބެމުންދާ ކަމަށެވެ.

"އެތައް ގޮތަކުން ފޫނުބެއްދޭ ވަރުގެ ގެއްލުންތަކެއް އައްޑޫގެ ރައްޔިތުންނަށް ލިބެމުންދާއިރު މިއީ ދުރާލައި ތައްޔާރުވިނަމަ ހައްލެއް ހޯދޭނެ ކަމެއް. ވޭތުވެ ދިޔަ ތަނގާއި ހުރިހާ ސަރުކާރުތަކަކުން ވެސް ރޯދަ މަހަށް ހާއްސަ ސަމާލުކަމެއްދީގެން ތައްޔާރީތައްވޭ،" ފައްޔާޒު ވިދާޅުވި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ފައްޔާޒު ވިދާޅުވީ، ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް އާވިސްނުންތަކަށް ޖާގަދީ ކޮމިއުނިޓީ އަދި ޕްރައިވެޓް ސެކްޓަރގެ ބައިވެރިވުން އިތުރުކޮށް އިއާދަކުރަނިވި ހަކަތަ އާއި އެހެނިހެން އާ އީޖާދުތައް ހިމެނޭ ކަރަންޓު ގްރިޑެއް ބިނާކުރަން ޖެހޭ ކަމަށެވެ.

"ކަރަންޓްގެ ކަންކަން މެނޭޖްކުރުމުގެ އާ ގޮތްތައް ބޭނުން ކޮށް އެ މަގަށް ކަންކަން ފަހި ކުރުމަށް މިވަގުތު އަމަލުކުރަމުންދާ ހަކަތައާ ގުޅޭ ސިޔާސަތުތަކާއި ގަވާއިދުތަކާ މެދު އަލުން ވިސްނަން ޖެހޭ،" ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަން ވެސް ކުރައްވާފައިވާ ފައްޔާޒު ވިދާޅުވި އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!