މަންދީ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބައިރު (މަންދީ) ގެ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލަ އާ ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.
މަންދީ ގަޔަށް ކަޅުތެޔޮ ޖަހާފައި ވަނީ މި މަހުގެ 16 ވަނަ ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި މުޒާހަރާ ނިންމާފައި ގެއަށް ދިޔަ މަގުމަތީގަ އެވެ. ސައިކަލުގައި ދުއްވާފައި ދަނިކޮށް އޭނާގެ ގަޔަށް ކަޅުތެޔޮ ޖެހީ ހެލްމެޓް އަޅައިގެން ސައިކަލެއްގައި ދިޔަ ބަޔެކެވެ.
މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މާލެ، ކަލާފާނު ހިނގުމުން ސައިކަލެއްގައި ދުއްވާފައިވާ ދިޔަ މީހެއްގެ ގަޔަށް އެހެން ސައިކަލެއްގައި ދިޔަ ދެ މީހަކު ކަޅުތެޔޮ ޖެހި މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާ ކަަމަށެވެ.
މައްސަލަ އާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ ގއ. ދާންދޫ، ސަންލައިޓްވިލާ، އަހްމަދު ރިޝްމާހް (20އ) އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް ފުލުހުން ބުންޏެވެ.
"މި މައްސަލަ އާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައި،" މެސެޖުގައިވެ އެވެ.
ފުލުހުން ގެންދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.
މަންދީ ގަޔަށް ކަޅުތެޔޮ ޖެހުމާ ގުޅިގެން ފަސްޓް ލޭޑީ، ސާޖިދާ މުހައްމަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެ އަމަލު ކުށްވެރިކުރައްވާފަ އެވެ. އެއްވެސް މީހަކަށް އެފަދައިން ހަމަލާދީ އުދަނގޫ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައި ވިދާޅުވެފައިވެ އެވެ.
ފަސްޓް ލޭޑީ ވަނީ ކަންކަން ހަލަބޮލި ކުރުމުގެ ބަދަލުގައި އިންސާފު ގާއިމުކުރުމަށް ޖާގަދިނުމަށް ހުރިހާ ފަރާތްތަކަށް ވެސް އިލްތިމާސްކުރައްވާފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސާޖިދާގެ ދަރިކަލަކަށް ތުހުމަތުކޮށް ވާހަކަ ދެއްކި މައްސަލައިގައި މަންދީގެ މައްޗަށް މަދަނީ ދައުވާ ކުރުމަށް ސިވިލް ކޯޓަށް ވަނީ ހުށަަހަޅާފަ އެވެ.