ބޭރު ފައިސާ މާރުކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފި

ގެއްލުމެއް ލިބުމުގެ ކުރިން ބޭރު ފައިސާ މާރުކުރުމުގައި ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.
ފުލުހުންގެ ސައިބަ ކްރައިމް ޑިޕާޓްމަންޓުން ވަނީ ބޭރު ފައިސާ ގަނެވިއްކާ ފަރާތްތަކަކީ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ހުއްދަ އޮވެގެން ބޭރު ފައިސާ ގަނެ ވިއްކުމުގެ ވިޔަފާރިކުރާ ފަރާތެއްތޯ ކަށަވަރު ކުރުމަށް އެދިފަ އެވެ.
ބޭރު ފައިސާ ގަނެ ވިއްކުމުގެ ވިޔަފާރި ކުރުމުގެ ހުއްދަ ދީފައިވާ ފަރާތްތަކުގެ މައުލޫމާތު އެމްއެމްއޭގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށް ސައިބަ ކްރައިމް ޑިޕާޓްމަންޓުން ވަނީ ފާހަގަކޮށްފަ އެވެ.
ފުލުހުން ބުނީ ގެއްލުމެއް ލިބުމުގެ ކުރިން ބޭރު ފައިސާ މާރުކުުރުމުގައި ސަމާލުވާން ޖެހޭ ކަމަށެވެ.
ވައިބަ ހެކްކޮށްގެން ރަހުމަތްތެރިންނާއި އާއިލާ މެމްބަރުންގެ އަތުން ފައިސާ ހޯދާ މައްސަލަތައް އިތުރުވަމުންދާކަން ސައިބަ ކްރައިމް ޑިޕާޓްމަންޓުން ދާދިފަހުން ވަނީ ހާމަކޮށްފަ އެވެ.
ވުމާ އެކު ފައިސާ ފޮނުވުމުގެ ކުރިން ކާކުތޯ ޔަގީންކުރުމަށް އެދި ފުލުހުން ވަނީ އޯޓީޕީ ކޯޑު އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް އެދިފަ އެވެ. އަދި މެސެޖެއް ލިބޭއިރަށް ފައިސާ ނުފޮނުވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
އޭގެ އިތުރުން ސައިބަ ކްރައިމް ޑިޕާޓްމަންޓުން ވަނީ ސޯޝަލް މީޑިއާ ހެކްކޮށްގެން ނުވަތަ އެކި މީހުންގެ ނަމުގައި ގުޅައިގެން ހިންގާ ސްކޭމްތަކަށް ސަމާލުވުމަށް ވެސް އެދިފަ އެވެ.
ސްކޭމް މައްސަލަތައް ރިޕޯޓުކުރުމަށް ހާއްސަ ކޯލް ސެންޓަރެއް ފުލުހުން ދާދިފަހުން ވަނީ ގާއިމުކޮށްފަ އެވެ.
ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހިނގާ ސްކޭމް މައްސަލަތަކާ ގުޅިގެން އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތައް އެޅުމާއި އެހެން އިދާރާތަކާ އެކު ކުރަން ޖެހޭ މުއާމަލާތްތައް މަރުކަޒީ ގޮތެއްގައި ބަލަހައްޓާނީ އެންޓި ސްކޭމް ސެންޓަރުންނެވެ.
ކޯލް ސެންޓަރަށް މައްސަލައެއް ރިޕޯޓުކުރާ ހިސާބުން ފެށިގެން މާލީ އިދާރާތަކާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމާއި އެ އިދާރާތަކުން ލިބެން ޖެހޭ މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެންޓި ސްކޭމް ސެންޓަރުންނެވެ.
ނޭޝަނަލް އިމަޖެންސީ ނަމްބަރު 911 އާއި އެންޓި ސްކޭމް ހޮޓްލައިން 125 (އެކްސްޓެންޝަން 2020) އަދި އެންޓި ސްކޭމް ސެންޓަރުގެ އީމެއިލް [email protected] މެދުވެރިކޮށް ރާއްޖެ އާއި ރާއްޖެއިން ބޭރުން ސްކޭމް އާ ގުޅުންހުރި މައްސަލަތައް ރިޕޯޓުކުރުމުގެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސާފަ އެވެ. އަދި ކުރިއެކޭ އެއްގޮތަށް މާލެ އާއި އަތޮޅުތަކުގައި ގާއިމުކޮށްފައިވާ ސެންޓަރުތަކަށް ވެސް މިފަދަ މައްސަލަތައް ހުށަހެޅޭނެ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ސްކޭމް މައްސަލަތައް ހުއްޓުވުމަށް އެފަދަ މައްސަލަތައް ވީ އެންމެ އަވަހަކަށް އެންޓި ސްކޭމް ސެންޓަރަށް ރިޕޯޓުކުރުމަށް އިލްތިމާސްކޮށްފަ އެވެ.