ޚަބަރު

ކުޅިވަރު ކުރިއެރުވުމަށް 20 އަހަރުގެ ނޭޝަނަލް ސްޕޯޓްސް ޑިވެލޮޕްމަންޓް ޕްލޭނެއް އެކުލަވާލަނީ

އަލީ ސަމާޙް ، ދެން އޮންލައިން
ރައީސް މުއިއްޒު ލިވަޕޫލް އެފްސީގެ ސްޓޭޑިއަމަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް 20 އަހަރުގެ ނޭޝަނަލް ސްޕޯޓްސް ޑިވެލޮޕްމަންޓް ޕްލޭނެއް އެކުލަވާލަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

Ads by MPL

ރައީސް އެހެން ވިދާޅުވީ، ތަރައްގީ އާއި ސުލްހަ ގާއިމުކުރުމުގައި ކުޅިވަރު އަދާކުރާ ދައުރު ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ދުވަހާ ގުޅިގެން މިއަދު ފޮނުއްވި ހާއްސަ މެސެޖެއްގަ އެވެ.

ރަސްމީ އެކައުންޓުން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ އެއްބައިވަންތަކަމާއި ބާރުވެރިކުރުމާއި، ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމަށް ކުޅިވަރަށް ލިބިފައިވާ ބާރުގެ ފުރިހަމަ ބޭނުން ހިއްޕަވަން ގަސްދުކުރައްވާ ކަމަށެވެ.

މިއަހަރުގެ ޝިޢާރުގެ ގޮތުގައި ކަނޑައަޅާފައިވާ "ލެވެލިން ދަ ޕްލެއިން ފީލްޑް: ސްޕޯޓް ފޯ ސޯޝަލް އިންކްލޫޝަން" ގައި އިޝާރާތްކުރާ އިޖުތިމާއީ ބައިވެރިވުމަކީ، ކުޅިވަރުކުޅުމުގެ ފުރުސަތުތައް ލިބުމުގައި، މީހާގެ އުމުރަކަށް، ނަސްލަކަށް، މިންތިއަކަށް ބެލުމެއް ނެތި، ދުޅަހެޔޮ، ހަރަކާތްތެރި ދިރިއުޅުމަކަށް ހަމަހަމަ ފުރުސަތު ކަށަވަރުކޮށްދިނުމުގައި ސަރުކާރުން ދެކޭ ތަސައްވުރާ އެއްއުއި ޝިއާރެއްކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެ އެވެ.

އެ ފުރުސަތުތައް ކަށަވަރުކޮށްދެއްވުމުގެ އަޒުމުގައި، ރާއްޖޭގެ ކުޅިވަރުގެ ކުރިމަގު ބަދަލުކޮށްލާފަދަ މަޝްރޫއުތަކެއް މިހާރު ތަންފީޒުކުރައްވަމުން ގެންދަވާކަން އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރެއްވި އެވެ.

ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ގާއިމުކުރެއްވުމަށް ކުރިއަށް ގެންދަވާ މަސައްކަތުގެ ދަށުން، ޖޯގްރަފީގެ ގޮތުން ފެތުރިފައިވާ ރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅޭ ރައްޔިތަކަށްވެސް ކަސްރަތުކުރުމަށް ބޭނުންވާ ވަސީލަތްތައް ފަހިވެގެންދާނޭ ކަމަށް ވިދާޅުވި އެވެ.

އަދި ނަތީޖާއެއްގެ ގޮތުން، ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ދުޅަހެޔޮ ދިރިއުޅުމެއް ހިޔާރުކުރަން ބާރު ލިބި، އިޖުތިމާއީ ގުޅުންތައްވެސް ހަރުދަނާވުމަށް، އެކަމުން މަގުފަހިވެގެންދާނޭ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރައީސްގެ މެސެޖުގައިވަނީ، ކުޅިވަރު ތަރައްގީކުރުމަށް ކުރައްވަމުން ގެންދަވާ ދުރު ރާސްތާ މަސައްކަތްތަކަށްވެސް އަލިއަޅުއްވާލައްވާފަ އެވެ. އެގޮތުން، 20 އަހަރުގެ ނޭޝަނަލް ސްޕޯޓްސް ޑިވެލޮޕްމަންޓް ޕްލޭންގެ ދަށުން ކުޅިވަރު ލާމަރުކަޒުކޮށް، ހުނަރު ކުރިއަރުވައި، ތަމްރީނުގެ ފުރުސަތުތަކާއި މުބާރާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދެވޭނެ އެވެ. އަދި އެތުލީޓުންނާއި ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް، ރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅުނު ކަމުގައިވިޔަސް، އެ ދާއިރާއިން ކުރިއަށްދިއުމުގެ މަގުފަހިވެގެންދާނެ އެވެ.

ކުޅިވަރުގެ ސިންދަފާތު އިތުރުކޮށް، ކުޅިވަރުކުޅުމަށް ހަމަހަމަ ކަމާއެކު ފުރުސަތު ފަހިކޮށްދީގެން، އިޖުތިމާއީ ފޭރާންވެސް ރަނގަޅުކުރެވޭނޭކަމަށް ރައީސް ވިދާޅުވި އެވެ.

ރައްޔިތުން އެއްބައިވަންތަކޮށް، އިޖުތިމާއީ ތަފާތުތައް ނައްތާލައި، ބައިވެރިވުން އިތުރުކުރުމުގެ ލާސާނީ ގާބިލުކަމެއް ކުޅިވަރަށް ލިބިފައިވާކަން ފާހަގަކުރައްވައި އެމަނިކުފާނުގެ މެސެޖުގައިވަނީ، ކުޅިވަރު މެދުވެރިކޮށް ޤައުމީ ތަރައްގީއަށް ކުރާ މަސައްކަތުގައި ބައިވެރިވުމަށް، ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިލްތިމާސްކުރައްވާފަ އެވެ.